ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޫގަލް “ލޫން ޕްރޮޖެކްޓް” ގެ ބެލޫންއެއް ގދ އަތޮޅު ކައިރިއަށް ވެއްޓިއްޖެ

އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ގޫގަލް ލޫން" ޕްރޮޖެކްޓްގެ ބެލޫން ވެއްޓުނީ މިއަދުގެ ވަގުތެއްގައި/ ފޮޓޯ : އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޫގަލް “ލޫން ޕްރޮޖެކްޓް” ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ “ލޫން ޕްރޮޖެކްޓް” ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓުމާ ގުޅިގެން ސިފައިން ވަނީ ބެލޫން ވެއްޓުނު ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

މި ހާދިސާގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށް އެމްއެންޑިއެފްއިން ބުނެފައިވަނީ ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަރނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މަޢުލޫމާތު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައިވަނީ މިއަދު ހެނދުނު 10:08 ހާއިރުކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެލި ދޭތެރެއަށް ކަމަށެވެ.

ބެލޫން ވެއްޓުނު ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަޙައްދަށް ގޮސް، އެ ބެލޫން ވަނީ ހޯދާފައެވެ. އަދި، ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ވަނީ ހަވާލުކޮށްފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށްގެންގޮސްފައިވެއެވެ. ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައެއް ނުވާކަން ފާހަގަ ކުރެވެއެވެ.

ލޫން ޕްރޮޖެކްޓުގައި ބޭނުން ކުރާ ބެލޫންއަކީ ޓެނިސް ކޯޓެއްގެ ސައިޒަށް ބޮޑުވާ އަދި ހީލިއަމް ބޮޑު ފުއްޕާހަމެކެވެ. އަދި ޖައްވުގައި މަތިންދާބޯޓު ދަތުރު ކުރާ އުސްމިނަށް ވުރެ ދެގުނަ މަތީގައި އުޅޭނެ އެ ފުއްޕާހަމުގައި ސޯލާ ޕެނަލަކާއި ކަރަންޓު ސާމާނު ހިމެނޭ ފޮށްޓެއް ހަރުކޮށްފައި ހުރެ އެވެ. އެ ފޮށީގައި ހިމެނޭ ތަކެތީގެ ތެރޭގައި އޭގެ ސާކެޓް ބޯޑާއި ޖީޕީއެސް އާއި އެންޓެނާ ވެސް ހިމެނެ އެވެ.

މި ފުއްޕާހަމުން އިންޓަނެޓް ފޯރުކޮށްދެނީ އޭގައި ހުންނަ އެންޓެނާއިން، ބިމުގައި ހުންނަ އިންޓަނެޓް ސްޓޭޝަންތަކާ ކަނެކްޓުކޮށް، ދެން އެހެން ފުއްޕާހަންތަކަށް ސިގްނަލް ފޮނުވައިގެންނެވެ. އަދި އޭގެއިން ފޯނުތަކަށް އިންޓަނެޓް ފޯރުކޮށްދެވެ އެވެ.

ގޫގުލް ލޫން ޕްރޮޖެކްޓު މެދުވެރިކޮށް، ގައުމުތަކަށް ދިމާވާ ކުއްލި ހާލަތްތައް ނުވަތަ ބޮޑެތި ކާރިސާތަކުގައި ކަނެކްޝަންތައް ފޯރުކޮށް ދެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: