ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރަނީ

އެއްބަސްވުމުގައި ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އޭޓޯއެވްރީގެ ސަބްސިޑަރީއެއްކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭ އާއިއެކު ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސްކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ. ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. މިގޮތުން މިއެއްބަސްވުމަކީ ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްހަމައެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގު ފަހިކޮށްދޭނެ އެެއްބަސްވުމެއްކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި ‘ސްވިޝް’ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއިއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީއިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ގާއިމުކޮށްދީފައެވެ.

އެގްރީމަންޓްގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއްކަމުގައެވެ. އަދި އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ގަވަރުނަރު ވިދާޅުވިއެވެ.

ޓިއޭޓޯއެވްރީއިން ފާހަގަކުރާ ގޮތުގައި މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ.

މި ހަފްލާގައި ވާހަކަފުޅު ދެއްކެވި އެ ކުންފުނީގެ ހެޑް އޮފް ޕޭމަންޓްސް، އިލްކާ ކޮރްކިއަކޮސްކީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭއާއި އެކު މި މަަޝްރޫއު ހިންގުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ފަޚުރެއްކަމަށާއި، އަދި މި ފަދަ އިންފްރާސްޓްރަކްޗަރއެއްގެ ސަބަބުން ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ހިންގުމަށް މަގުފަހިވުމާއިއެކު، އައު އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމުގައިވެސް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ. އަދި 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަންފެށޭނެކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: