ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރަކު ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންނެއް މަޖިލީހަކު ނުތިބޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓް 7, 2008 ގައި ދިވެހިރާއްޖޭގައި އައު ގާނޫނުއަސާސީއެއް ތަސްދީގުކުރުމާއެކު ދައުލަތް ހިންގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމާއި ސަރުކާރު ހިންގުމުގެ ނިޒާމުގެ ބާރުތައް ވަކިކޮށް، ޗެކްސް އެންޑް ބެލެންސަސް ދެމެހެއްޓުމުގެ ގޮތުން މިނިވަން މުސްތަގިއްލު މުއައްސަސާތަކެއް ގާނޫނުއަސާސީގައި ބަޔާންކޮށް ގާއިމުކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެންބަރުންނަކީ މިހާރުގެ ޤާނޫނު އަސާސީ ދަންނަކަމެއް ނޫނެވެ. އެއީ މާކުރީގައި އޮތް ކަމެވެ. ޒަމާނުއްސުރެ އެކަން ކުރަމުން އައިގޮތް ބަދަލުވީ އައު ޤާނޫނު އަސާސީ އާއެކުއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޤާނޫނު އަސާސީ ލިޔުމަށް އެންގެވީ އައްސުލްތާނު ޝަމްސުއްދީނު ރަދުން (3) ގެ ރަސްކަމުގައެވެ. ފުރަތަމަ ޤާނޫނު އަސާސީއާއެކު އެކުލަވާލި ރައްޔިތުންގެ މަޖިލީހުގައި ރަދުންގެ އަށް މެންބަރުން ތިއްބަވައެވެ. އޭގެ ފަހުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ އެކި ދުވަސްވަރު އަބަދުވެސް ރައީސުލްޖުމްހޫރިއްޔާ ތަމްސީލު ކުރައްވާ މެންބަރުން މަޖިލީހުގައި ތިއްބެވިއެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މިހިނގާ 19 ވަނަ މަޖިލީހުގައެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުން 65 ގޮނޑި ލިބިފައިވެއެވެ. އެ ގޮނޑިތަކުގައި ތިއްބެވީ އިންތިޚާބުކޮށްފައިވާ މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ހަމަ އެންމެ މެންބަރެއްވެސް އޭގެ ތެރެއަކުނެތެވެ. އަދި އޭގެ ބޭރުންވެސް 19 މަޖިލީހަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މެންބަރަކު ނެތެވެ. ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން ކުރާކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކަށް ނޫނީ ފޯނު ކޯލަކަށް އިންތިޒާރުކުރާކަށް ނުޖެހެއެވެ. އެހެނެއް ނޫނެވެ. ވެރިކަމުގައި ޕާޓީ އޮންނައިރު، މަޖިލީހުން ނިންމާކަންކަމުގައި މަޝްވަރާކުރުމަކީ ނެތް ކަމެއް ނޫނެވެ.

ދާދިފަހުން ފެންމަތި މައްސަލައަކީ ހެލްތު މިނިސްޓަރު މަޤާމުގައި ހުންނެ އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު ނެތުމުގެ މައްސަލައެވެ. އެ މައްސަލަގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް އެއްވެ ބައްދަލުވުމެއް ބޭއްވިއެވެ. ޚިޔާލު ތަފާތުވުންތަކާއި ބަހުގެ ހަމަލާތަކަށްފަހު އަމީނަށް އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ 27 މެންބަރުންނެވެ. އެހެންވެ، އަމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވައްދާކަން އެމްޑީޕީގެ ޕީޖީ ގްރޫޕަކުން ފާހެއް ނުވިއެވެ. ނަމަވެސް ބައެއް މެންބަރުގެ އިސްނެގުމާއެކު 24 މެންބަރެއްގެ ސޮޔާއެކު އެމައްސަލަ މަޖިލީހަށް ވެއްދިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ވިސްނުން ހުރީ އެމައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ލަފަޔާ އިރުޝާދު ހޯއްދަވާށެވެ. ވަޒީރުންނަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަރާތަކަށްވާތީއެވެ. އެވާހަކަ އެއް އޮންނަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގައެވެ.

އެ މާއްދާގައި އޮންނަނީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް މީހުން އައްޔަންކުރުމާއި، ވަކިކުރުމާއި އެމީހުންގެ އިސްތިއުފާ ޤަބޫލުކުރުމުގެ ވާހަކައެވެ. ވަޒީރަކު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ ލަފާހޯދައިގެން ނޫނީ އެކަން ނުކުރޭވެ ކަމަށް އެއްވެސް މާއްދާއެއް ޤާނޫނު އަސާސީއަކު ނެތެވެ. ވަޒީރުންގެ ބާބުގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ފެނިއްޖެ ހިނދެއްގައި، ލިޔުމަކުން އެންގާ ވަޒީރު މަޤާމުން ވަކިކުރެވިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކު ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކު ނުހުންނަވާނެއެވެ. ރައްޔިތުންގެ ކުރިމަތީގައި އިންތިހާއަށް އިތުބާރު ގެއްލިފައިވާ ވަޒީރެއް މަޤާމުން ދުރުކުރާކަށް ރައީސް އަންގަވާ ގޮތަކަށް އަމަލުކުރަން މަޑުކުރާކަށް ނުޖެހެއެވެ. ސަބަބަކީ މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަމަކަށް ވިދާޅުވި އެއްވެސް މެންބަރަކު ނެތެވެ. ނަމަވެސް ހުރިހާ މެންބަރުންވެސް މަޑު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރު ކުރައްވާ ގޮތެއް ބައްލަވާށެވެ. އެ ގޮނޑިއަށް އިންތިޚާބުކުރި ރައްޔިތުން ދިން ވޯޓް ބޮލާލާ ޖެހުމަށްފަހުއެވެ.

ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް އެޖެންޑާ-19 ގެ ނަމުގައި ގިނަ މެންބަރުން މަޖިލީހަށް ހޮވުނު ނިޔަތް ބަދަލުވީއެވެ. ގިނަ މެންބަރުންނަށް ދެއްކެނީ ގޮނޑި ކޮއްކޮގެ މިސާލެވެ. ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތު އުފުލުނު ވަޒީރެއްގެ ދަށުވެ ހަފުސްވީއެވެ. ނޫންނަމަ ރައީސުލްޖުމްހޫރިއްޔާއަށް ސަނާ މާޒީގައި އޮތް ފަދަ ގާނޫނު ހަދާމަޖިލީހަށް 19 ވަނަ މަޖިލިސް ބަދަލުކޮށްލީއެވެ.

ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހުގެ ބާބުގައި ވަޒީރަކާ މެދު އަމަލުކުރެވޭނެ އަދި ކަންކުރޭނެ ހަމަތައް އެބަހުއްޓެވެ. އެގޮތުން ޤާނޫނު އަސާސީ 98 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ރ) އާއި ހަމަ ވަޒީރުން ޖަވާބުދާރީ ކުރުވުމާއި ސުވާލުކުރުމާއި އަދި ވަޒީރުން ތެދުބަހުން ޖަވާބުދާރީވާންޖެހޭ ވާހަކަތައް ބަޔާންކޮށްފައިވެއެވެ. ހަމައެގޮތަށް 101 ވަނަ މާއްދާގެ (ހ) އިން (ރ) އަށް ވަޒީރަކު މަޤާމުން ވަކިކުރެވޭނެ މަރުހަލާތަކާއި ހާލަތާއި އިޖުރާތްތައް ބަޔާންކޮށްފައިވެއެވެ. އެއްވެސް މާއްދާއެއްގައި ރައީސުލްޖުމްހޫރިއްޔާ ފޯންކޯލަކަށް މެސެޖަކަށް މަޑު ކުރަންޖެހޭ ވާހަކައެއް ބަޔާންކޮށްފައެއް ނުވެއެވެ. އިތުބާރު ނެތް ކަމަށް މެންބަރުންނަށް ފެންނަނީ ހަމަކުރިއަށްދާންވީއެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެފައިވަނީ އަމީންގެ މައްސަލަ ޕީޖީގައި އެޖެންޑާ ކުރައްވާ ވާހަކަ އެއްސެވުމުން އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ބޭފުޅަކު ވަކި ކުރައްވާނީ އަމިއްލަފުޅަށް ކަމަށާއި، މަޖިލީސްގައި އެކަން ކުރުން ރަނގަޅު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހާއި މެންބަރުންނަށް މަތިކޮށްފައި އޮތް ކަމެއް ކުރުން ރަނގަޅު ނުވާންވީ ސަބަބެއްނެތެވެ. ރައީސުލްޖުމްހޫރިއްޔާ އަކީވެސް 25 އަހަރު މަޖިލީހުގައި އިންނެވި ބޭފުޅެކެވެ. އެހެން ވިދާޅުވި ކަމަށްވާނަމަ އެއީ ޤާނޫނު ހިންގުމަށް އަދި މަޖިލީހުގެ މަސައްކަތްތައް ރައީސް ހުރަސް އަޅުއްވަނީއެވެ.

ދެން އޮތީ އެހެންވާހަކައެވެ. މިހާރު އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގައި އިންނެވި މެންބަރަކު ވިދާޅުވީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދުވަސްވަރު ރައީސް ނަޝީދު ލަފާ އޭރުގެ މަޖިލިސް މެންބަރުން ހޯއްދެވި ވާހަކައެވެ. އިރެއްގައި ބަޔަކު ކޮށްފައި އޮތް ކަމެއް ތަކުރާރުކުރާކަށް ނުޖެހެއެވެ. އޭރު އޮތީވެސް މުޅިން އެހެން ހާލަތަކެވެ. ސަރުކާރަކަށް އަޣްލަބިއްޔަތެއް ނެތެވެ. ތިއްބެވީ 15 ވަނަކަށް މެންބަރުންނެވެ. އަދި މިހާރު އެވާހަކަ ދައްކަވާ މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވި މެންބަރެއްގެ ގޮތުގައެވެ. އެކަންތައްވެސް ބޮޑު ހައިޖާނު ގަނޑަކަށްވެ ހުރިހާ ކޯޓުތަކަކަށް އެކައިގެން ހިނގާންޖެހުނެވެ.

ޖެހިގެން އައި 17 ވަނަ މަޖިލީހުގައިވެސް ކަން ހިނގީ އެމަގުންނެވެ. ސަރުކާރަކަށް އަޣްލަބިއްޔަތެއް ނެތެވެ. ކުރިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބައެއް މެންބަރުން އިންތިޚާބުވިއެވެ. އެކަމަކުވެސް މުޅިން އުޅުއްވީ 16 ވަނަ މަޖިލީހުން ބޭރުކޮށްލި މައްސަލަ ކޮޅެއްގައި ޖެއްސުމަށް ކޯޓުތަކަށް ހިނގުމުގައެވެ. އެފަހަރު ވަޒީރަކު ވަކިކުރީއެއް ނޫނެވެ. ކުރިއަށް ދެވޭނެ މަގެއް ނެތިގެން ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވީއެވެ. ދެން އައްޔަން ކުރި ވަޒީރުންނަށް ރުހުންދިނީ އެހާ ޖެއްސުންކޮށްފައެވެ. އެހެންކަމުން އެވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. އެމްޑީޕީގެ އަސާސީ ޤަވައިދުގައި ބުނާ ޕާޓީގެ އިސްފަރާތުގެ ވާހަކައެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ޕާޓީގެ އެންމެ އިސްފަރާތުގެ މަޝްވަރާ ހޯދަންޖެހެއެވެ. ރަނގަޅު ވާހަކައެކެވެ. މަޝްވަރާ ހޯދަންޖެހެއެވެ. އެކަމަކު އެ ވިދާޅުވާ އިސްފަރާތުން ޕާޓީއާ އެއްވެސް ކަމެއް މަޝްވަރާ ކުރިތަނެއް ނުފެނެއެވެ. އެވެސް އަސާސީ ޤަވައިދުގައި އޮންނަ ވާހަކައެކެވެ. ގިނަ މެންބަރުން ޕާޓީގެ އެންމެ އިސްފަރާތުގެ ވާހަކަ އެ ވިދާޅުވީ އަސާސީ ޤަވައިދުގެ 75 ވަނަ މާއްދާއާ ހަވާލާދީއެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގެ (ހ) ގައި ވާގޮތުން ވެރިކަމުގައި ޕާޓީ އޮންނައިރު، ރައީސުލްޖުމްހޫރިއްޔާ އަކީ ޕާޓީއަށް ނިސްބަތްވާ ފަރާތެއްނަމަ އެއީ ޕާޓީގެ އެންމެ އިސްލީޑަރެވެ. ހަމަ އެ މާއްދާގެ ދަށުން އޮންނަ 76 ވަނަ މާއްދާގައި އިސްލީޑަރު ކުރައްވަންޖެހޭ ކަންކަންވެސް ހިމަނާފައިވެއެވެ.

އަސާސީ ޤަވައިދުގެ 76 ވަނަ މާއްދާގެ (ހ) ގައި ވަނީ ޕާޓީގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަން ޤާއިމްކޮށް ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަސާސީ ޤަވައިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާއި މަޝްވަރާކޮށް އެކުއެކީގައި މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށެވެ. ޔަގީނުންވެސް ޕާޓީގެ އާންމު މެންބަރުންނަށް ޕާޓީގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަން ޤާއިމްކޮށް ދެމެހެއްޓުމަށްޓަކައި އިސްލީޑަރު ކުރައްވާ މަސައްކަތާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ. ސަބަބަކީ ވަކިވަކި މެންބަރުން ރައީސް އޮފީހާއި މުލީއާގެ އަށް ގެންގޮސް ނުވަތަ ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކަކާއި މަޝްވަރާކުރަން އޮންނަ މާއްދާއެއް ނެތުމެވެ.

އެމާއްދާ (ށ) ގައި ބުނާ އެހެން ވާހަކައެއްވެސް އޮވެއެވެ. އެއީ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީއާއި ޕާލަމަންޓްރީ ގްރޫޕް މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތު އެކަށަނައެޅުމާ ތަންފީޒް ކުރުމެވެ. މިތަނުގައިވެސް މިބުނަނީ ޕާޓީގެ އިސް ލީޑަރު ޕާޓީގެ ގުނަންތަކުގެ ލަފާހޯދާ ވާހަކައެވެ. އިސް ލީޑަރު ވިދާޅުވާ މަގުންދާންޖެހޭ ވާހަކައެއް ނޫނެވެ. އަސާސީ ޤަވައިދުގައި ވާ ގޮތުން ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާއި މުޢާމަލާތް ކުރާނީ ޕީޖީ ލީޑަރެވެ. ޕީޖީ ގްރޫޕްގެ ލަފަޔާއެކު ސަރުކާރާއި އަދި އެނޫންވެސް ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރައްވާނީ ޕީޖީ ލީޑަރެވެ. ވަކިވަކި މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަށް މެސެޖްކޮށްގެން ކަންކަން ކުރުމަކީ އެމްޑީޕީގެ އަސާސީ ޤަވައިދުވެސް ދަންނަ ކަމެއް ނޫނެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގެ 5 ވަނަ ބާބުގެ 36 ވަނަ މާއްދާއިން 39 ވަނަ މާއްދާއަށް އޮންނަނީ ޕީޖީ ގްރޫޕްގެ ވާހަކައެވެ. 37 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޕާލަމަންޓްރީ ގްރޫޕްގެ މައްސޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ ޚިޔާލު ފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތުތަކަށް ބާރު އެޅުމާއި ޕާޓީ ސިޔާސަތު ރައްޔިތުންގެ މަޖިލީހުގައި ދެމެހެއްޓުމެވެ. ޕާޓީގެ ސިޔާސަތު ކަމަށް އަސާސީ ޤަވައިދުން ފެންނާން އޮތީ، އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމާއެކު ހެޔޮ ވެރިކަމެއް ޤާއިމް ކުރުމެވެ. ރައްޔިތުންގެ ލާބާއާ މަންފާއަށް މަސައްކަތްކުރުމެވެ.

ރައްޔިތުންގެ މަސްލަހަތާއި ގުޅުން އޮންނަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް އަމަލުކުރުމަށް މަޖިލިސް މެންބަރުން ވިސްނަވާނަމަ މެންބަރުންގެ ނިޔަތާމެދު ރައްޔިތުން ސުވާލު އުފައްދާނެއެވެ. އެމްޑީޕީގެ ބައެއް މެންބަރުންނަކީ އެއްވެސް އިހްލާސްތެރިކަމެއް ނެތް ބައެއްގެ ގޮތުގައި ޕާޓީގެ އާންމު މެންބަރުންނާއި ރައްޔިތުންވެސް ދެކޭނެއެވެ. އެ މެންބަރުންނަކީ އަމިއްލަ ޖީބަށް ބައްކުރަން އުޅޭ ބައެއްގެ ގޮތުގައި ސިއްކަ ޖަހާނެއެވެ. އަނދިރި ކަމާއެކު، ގެނެވުނު ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި އެންމެ ފުރަތަމަ އުފެދުނު ޤާނޫނު އަސާސީ އާ ގުޅިގެން އެކުލަވާލި ގާނޫނު ހަދާ މަޖިލީހަށް ރަދުން އައްޔަންކުރި އަށް މެންބަރުގެ ސަޤާފަތް ޒަމާންތަކަކަށް ނިމުމަކަށް ގެނުވީ މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީންނެވެ. އެ ޤާނޫނު އަސާސީއަށްފަހު މިހާރު ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންނެއް މަޖިލީހަކު ނުތިއްބަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: