ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރާއިއެކު ރައްޔިތުންގެ އިތުބާރު ކަފުންކޮށް ވަޅުލައިފި

ތަޖުރިބާ އެބަހުރި، ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގެނަން ހަވާލު ކުރީ އެއަށް ވުރެ ހެޔޮ އަގެއް ހުށަހަޅާފައިވަނިކޮށް/ އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުުކާރުން ކޮވިޑާއި ގުޅިގެން ކުރަމުންދިޔަ މަސައްކަތާއި ގުޅުވާ އެންމެ އަޑުހަރުކޮށް ރައްޔިތުން ދައްކަމުން ދިޔަ ވާހަކަތަކަކީ ކޮވިޑުގެ ނަމުގައި ބޮޑެތި ކޮރަޕްޝަން ހިންގަމުންދާ ވާހަކައެވެ. ކަރަންޓީންއާއި އައިސޮލޭޓް ކުރުމަށް ފެސލިޓީތައް ހެދުމުގެ ނަމުގައި ހިންގަމުންދާ ކޮރަޕްޝަންގެ ވާހަކައެވެ. މާސްކާއި ޕީޕީއީ ގެނައުމުގައި ހިންގާ ކޮރަޕްޝަންގެ ވާހަކައެވެ.

މީގެތެރެއިން ވެސް އެންމެ އަޑުހަރުކޮށް އަދި ރައްޔިތުންގެ އެންމެ ކަންބޮޑުވުން ހުރި އެއް މައްސަލައަކީ ވެންޓިލޭޓަރު ގެނައުމުގެ ވާހަކައެވެ. އެއީ ހަމަ އަޖައިބެއްފަދަ ވާހަކައެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެހީތެރިކަމާއިއެކު ކަމަށްބުނެ  ބޭރުގެ ކުންފުންޏަކުން ވެންޓިލޭޓަރު އަންނަ ވާހަކައެވެ. ނުވަތަ ގެންނަ ވާހަކައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް ވިދާޅުވާ ވެންޓިލޭޓަރުތައް ހަމަވީ ވެންޓިލޭޓަރުގައެވެ. ވަަރަށް ވެސް ހާލުދެރަކޮށެވެ.

ކޮންމެއަކަސް ވެންޓިލޭޓަރުގެ ހާލު ބޮޑުވެ އެއަށް ވީނުވީއެއް ބެލުމަށް ރައްޔިތުންގެ މަޖިލީހާއި، އޮޑިޓަރ ޖެނަރަލްގެ އޮފީހާއި، އެންޓިކޮރޮޕްޝަން ކޮމިޝަންގެ އިތުރުން ދައުލަތުގެ އެހެން ވެސް މުއައްސަސާތަކުން ބިޔަ ބޮޑު މަޝްރޫއެއް ހިންގަން ނިންމައި ނިންމިއެވެ.

ވެންޓިލޭޓަރަށް ވީގޮތެއް ހޯދުމަށް ފެށި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ރަްޔިތުންގެ ކުރި މައްޗަށް އެއަށް ވީގޮތް ކިޔައިދޭން ނިކުތީ އޮޑީޓަރ ޖެނަރަލް އޮފީހުންނެވެ. ރައްޔިތުންގެ ކުރިމައްޗަސް ނިކުމެ އޮޑިޓަރ ޖެނަރަލް ވިދާޅުވީ  މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތަކަށް 30.9 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑަށް ދައްކާފައިވާކަމަށެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501( ފަސްލައްކަ އެއް ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަގުތަކަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތް މިނިސްޓްރީއިން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި، ނާޑު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެން ފަރާތެއްވެސް މި މުޢާމަލާތު ގައި ބައިވެރިވެރިވުން ހިމެނޭހެން ލިޔެކިއުންތައް ހުރި އިރު، އެ ފަރާތާއި އެގްޒެކިއުޓާސް އާ އޮތް ގުޅުން އެނގެން ނެތް ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި، އެގްޒެކިއުޓާސް ނަމުގެ އިތުރުން، އިމަރޖެންސީ ހެލްތު ކެއަރ ޓްރެއިނިންގ ސެންޓަރގެ ނަމުގައި މުޢާމަލާތް ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއިން މާލިއްޔަތު ގާނޫނާއި ހިލާފުވެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން، ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 އިންސައްތަ ފައިސާ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެއީ ދިވެހި ފައިސާގެ 30 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގެރަންޓީއެއް ހެލްތްއިން ހޯދާފައި ނުވެއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވެންޓިޅޭޓަރަށް ވީގޮތް އޮޑޮޓަރ ޖެނަރަލް ވިދާޅުވުމާއިއެކު ހެލްތް ހެލްތް މިނިސްޓަރުގެ މަގާމް ފުރައްވަމުން ގެންދެވި އަބްދުﷲ އަމީންއަށް ޖެހިވަޑައިގަތީ ގެއަށް ވަޑައިގަންނަވާށެވެ. އޭގެ ފަހުން ވެންޓިލޭޓަރާއި ގުޅޭ ގޮތުން އަބްދުﷲ އަމީންއާއި ހެލްތް މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމުން ވިދާޅުވީ އޮޑިޓަރ ޖެނަރަލް ވިދާޅުވި ވާހަކަތަކީ މުޅިން ސައްހަ ވާހަކަތަކެއް ނޫން ކަމަށާއި މިނިސްޓްރީން ނިންމާފައިވާ ހުރިހައި ނިންމުމެއް ވެސް ނިންމާފައި ވަނީ ހެޔޮނިޔަތުގައި ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަސް ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވީ ޑުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުމަށް ހެލްތް މިނިސްޓްރީން ނިންމި ނިންމުންތައް ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ. ހާއްސަކޮށް ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެއަކަސް ވެންޓިޅޭޓަރުތައް ގެނައުމަށް ހެލްތް މިނިސްޓްރީން ނިންމި ނިންމުންތައް ނިންމީ ހެޔޮ ނިޔަތުގައިތޯ ބެލުމުގެ މަސައްކަތް ކުރަމުން ދިޔައީ އޭސީސީއިންނެވެ. އޭސީސީގެ ރިޕޯޓް ލަސްވުމުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވިއެވެ. އަދި ދެ މަސް ދުވަހުގެ ބުރަ މަސައްކަތަކަށް ފަހު އޭސީސީން ރިޕޯޓު ހިފައިގެން ރައްޔިތުންގެ ކުރިމައްޗަށް ނިކުތެވެ.

ރައްޔިތުންގެ ކުރި މައްޗަށް ނިކުމެ އޭސީސީން ބުނީ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްފައި ވަނީ އަބްދުﷲ އަމީން މަގާމުގެ ނުފޫޒް ބޭނުން ކުރައްވައިގެންކަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އޭސީސީން ބުނީ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ  ޢަބްދުﷲ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

މި މައްސަލައިގައި އޭސޫސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އިސްތިއުފާ ދެއްވި މިނިސްޓަރ ޢަބްދުﷲ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ އަލީ އަލް ތަކްމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ ޢަބްދުﷲ އަމީން ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމްއަށް ދީފައިވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ ޢަބްދުﷲ އަމީން ކަމަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން  ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއްކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭ ކަމަށާއި އެއީ ޢަބްދުﷲ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ 2 މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް  ޢަބްދުﷲ އަމީން ވަނީ އަންގާފައެވެ. އަދި  75 ވެންޓިލޭޓަރގެ %75 އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް ޢަބްދުﷲ އަމީން މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކޮންމެއަކަސް އޭސީސީން ކުރި ތަހުގީގަށް ފަހު ކޮރޮޕްޝަންގެ އަަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް މައްސަލަ ދިނީ ޕީޖީ ހުސެން ޝަމީންގެ އަތްޕުޅަށެވެ. ނަމަވެސް ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ވެންޓިޅޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ޝަމީމް ނިންމަވައި އެކަން އިއުލާން ކުރެއްވުމުންނެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި އޭސީސީ ރިޕޯޓުން ފާހަގަވީ ޖިނާއީ މައްސަލަތަކަކަށްވުރެ ބޮޑަށް އިދާރީ މައްސަލަތެއް ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެ މައްސަލަ ދިރާސާކޮށް ބެލި ބެލުމުން އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކޮށް، ކުށް ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ މައްސަލަ ވާނީ އޭސީސީ އަށް އަނބުރާ ފޮނުވާ ލެވިފައި ކަމަށެވެ.

ޕީޖީ ވިދާޅުވީ، މުޅި ހަރަކާތް ހިނގާ ދިޔަ ގޮތަށް ބަލާއިރުގައި މިއަށްވުރެ ރަނގަޅަށް މިކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ. ޕީޖީން ބަލަނީ ޖިނާއީ ދައުވާ އެއް ކުރެވޭތޯ ބެލުން ކަމަށާއި އިދާރީ އޮޑިޓެއް ހަދާ ފެންވަރު ރަނގަޅީ ކާކުތޯ ބަލަން ނޫން ކަމަށް ވިދާޅުވި އެވެ. އެގޮތުންބަލާއިރު ބިޑް ކޮމިޓީގެ މަސައްކަތުން ބަޔަކަށް ފައިދާ އެއް ވާން މަގުފަހިވެފައި އޮތްކަން ސާބިތުކޮށްދެވެން ނެތް ކަމަށެވެ.

ޕީޖީ ވިދާޅުވީ، ދައުވާ ކުރި 11 މީހުންގެ ތެރެއިން ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް އަށް ކުރާ ތުހުމަތު ‘މިކަމުގައި އިސްކޮށް ހަރަކާތްތެރިވުން’، މިއީ ދައުވާ ކުރާ މީހާގެ ވަޒީފާގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަމުގައި އޭނަ ވަޒީފާއިން ބޭރުން ކަމެއް ކޮށްފައި އޮތީ ނޫން ކަމަށާއި ދުބާއީ ކުންފުންޏަށް އީމެއިލެއް ކުރި ކަމަށާއި މެއިލްގައި އޮތް އިބާރާތުން އެއީ ‘ކޮންފަމޭޝަނެއް’ ނަމަވެސް ޕީޖީ އަށް ދޭހަވަނީ އެއީ ‘އެކްނޮލެޖް’ ކޮށްފައި އޮތް ގޮތަށް ދޭހަވާ މެއިލެއް ކަމަށެވެ .އަދި ވިދާޅުވީ، މި މުއާމަލާތުގެ ތެރޭގައި ދުބާއީގެ ކުންފުންޏާވެސް މިނިސްޓަރާވެސް ވާހަކަދެކެވި އެކަމަށް އެކަކުވެސް އިންކާރު ނުކުރާ ކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން މީހަކަށް މަންފާ އެއް ވާގޮތަށް ކަމެއްވެފައި އޮތް ކަމަށް ކޯޓުގައި ސާބިތުކޮށްދެވޭނެ ހެކި ނެތް ކަމަށެވެ.

މީގެ އިތުރުން، ވެންޑާ ރަޖިސްޓްރީ ކުރި ކަމަށް އޭސީސީން ތުހުމަތު ކުރި ނަމަވެސް އެއީވެސް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ކޮރަޕްޝަން ކަމަށް ބެލެވޭނެ ގޮތެއް ނެތް ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީގެ ވާހަކަތަކާއި ގުޅިގެން އޭސީސީން ވަނީ ދިފާއުގައި ނިކުމެ ކުޅެން ފަށާފައެވެ. އެގޮތުން އޭސީސީން ބުނީ  ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ އިސްތިއުފާ ދެއްވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕީޖީ ގެ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީންވެންޓިލޭޓަރުތައް ހޯދި ދުވަސްވަރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީސްތަކަށާއި މުޢައްސަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަތްދިހަ ފަސް ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހަވާލުކުރުމުގެ ހުއްދައަކަށް ހެލްތުން ފިނޭންސްގައި އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރތައް ހޯއްދުމުގައ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށްވެސް ފިނޭންސުން ހުއްދަ ދީފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ނަމަވެސް ވެންޓިލޭޓަރު ޑީލް ދުބާއީ ކުންފުންޏަށް ދިނުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބަލަން ޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކުރާ ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

ކޮންމެއަކަސް ވެންޓިޅޜަރުގެ މައްސަލައިގައި ދައުލަތުގެ ތިން މުއައްސަސާއިން ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އިތުބާރު ކޕށްފަ ނުކުރަންވީ ފަރާތެއް ވެސް ނޭގެއެވެ. ހަގީގަތަކީ ވެންޓިޅޭޓަރާއިއެކު ރައްޔިތުން މުއައްސަސާތައް އިސްލާހު ވެދާނެ ކަމަށް ދެކުނު ހުވަފެން ބިލާހަކަސް ވެއްޖެ ކަމެވެ. ވެންޓިޅޭޓަރާއިއެކު ރައްޔިތުންގެ އިތުބާރު ކަފުންކޮށް ވަޅުލައިފިއެވެ. ދެން އެ އިތުބާރު އަލަކުން ނުލިބޭނެއެވެ. ގެއްލިއްޖެ އިތުބާރަކީ އަލުން ލިބޭނެ އެއްޗެއް ނޫޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: