ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ފާޑުވިދާޅުވި މައްސަލައެއް ޖޭއެސްސީއަށް

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރާއްޖެއާއި އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް އާއި ގުޅޭގޮތުން ގާނޫނީ ވަކީލަކު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުއްވި މައްސަލައިގައި މެޖިސްޓްރޭޓް އަލީ އާދަމް އަށް ގިނަ ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް ޖަމްއިއްޔާ އެއް ހަދާފައިވާ ކަމުގެ ތުހުމަތާއި ސޯޝަލް މީޑިއާގައި އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް ފާޑުވިދާޅުވެ ސިޔާސީ ގޮތުން ވާހަކަފުޅުތައް ދެއްކެވިކަމުގެ ތުހުމަތުގެ އިތުރުން ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކުރައްވާފައެވެ.

މެޖިސްޓްރޭޓް އަލީ އާދަމް ޖަމްއިއްޔާއެއް ހައްދަވައިގެން ހިންގަވާކަމަށް ތުހުމަތުކޮށް ގާނޫނީ ވަކީލަކު ޖޭއެސްސީ އަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމްވަނީ ފަނޑިޔާރެއްގެ ގޮތުގައިހުރެ، ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތް ހިންގައި މުއައްސިސެއްގެ ހައިސިއްޔަތުން ސޮއިކުރައްވާފައިވާކަމަށެވެ.

އެގޮތުން، ޘަޤާފީ އިޖްތިމާޢީ އެއްބާރުލުމާއި އެއްބައިވަންތަ ކަމުގެ ޖަމިއްޔާ އުފައްދައި ރަޖިސްޓްރީކޮށް، މެޖިސްޓްރޭޓް ޢަލީ އާދަމް ދިރިއުޅޭ ޢަލީޝާ، ހދ. ކުޅުދުއްފުށި، ގޭގައި އެޖަމްޢިއްޔާގެ ނަންބޯޑު ހަރުކޮށްގެން އޮފީސް ހަދައިގެން ހިންގަމުންދާކަން މައްސަލައިގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ފަނޑިޔާރުކަމުގެ މަޤާމުގައިހުރެ އަމިއްލަ ޖަމިއްޔާ ޖަމާޢަތް ހިންގުމަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފުކަމެކެވެ. ފަނޑިޔާރުންނަށް ޤާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުކަމުގެ މަޤާމު ފިޔަވައި އެނޫންވެސް އިތުރު އެއްވެސް މަޤާމެއް އަދައެއްނުކުރެވޭނެއެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމާއްދާގައި ބަޔާންކުރާ ޖަމްޢިއްޔާއެއް ފިޔަވައި އެހެން ޖަމިއްޔާއެއް ފަނޑިޔާރަކަށް ނުއުފެއްދާނެއެވެ. އަދި ބައިވެރިއެއްވެސް ނުވެވޭނެއެވެ.

މެޖިސްޓްރޭޓް އަލީ އާދަމް އަށް ތުހުމަތުކުރެވޭ ދެވަނަ މައްސަލައިގައި ބުނެފައިވާ ގޮތުގައ ިމެޖިސްޓްރޭޓް ޢަލީ އާދަމް ޝަރީޢަތުގެ މަޖިލީހުގައި އިންނަވައިގެން އަމިއްލަ ސެލްފީ އަދި ފޮޓޯ ނަގައި ފޭސްބުކް އެކައުންޓް ކަމުގައިވާ "އަލީ އާދަމް" އަށް 2020 މެއި 20 ވީދުވަހު އެކައުންޓްގެ ޕްރޮފައިލް ޕިކްޗަރ ކޮށްފައިވުމެވެ.

މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ ފަނޑިރުންނާއި ފަނޑިޔާރުންގެ ޤަދަރާއި ހައިބަތު ގެއްލޭނޭކަމެކެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ފަނޑިޔާރުކަމުގެ މަޤާމުގެ އިތުބާރު ގެއްލޭނެކަމެކެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރާއިރު، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކުރުމަކީ ފަނޑިޔާރުންގެ ޒިންމާއެކެވެ. އެއްވެސް އުޞޫލެއް ޢާންމުކުރުމަކާނުލައި، ޝަރީޢަތްކުރާ މަޖިލީހުގައި މެޖިސްޓްރޭޓް ގޮނޑީގައި އިންނަވައި ސެލްފީ އާއި ފޮޓޯ ނެގުމަކީ ކޯޓު ޙުރުމަތްކެނޑުމުގެ ޢަމަލެއްކަމުގައި މީގެ ކުރީގައިވެސް ކޯޓުން ބަލައިގަނެ އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.

މެޖިސްޓްތޭޓް އަލީ އާދަމް އަށް ތުހުމަތު ކޮށްފައިވާ ތިން ވަނަ މައްސަލައިގައި ބުނެފައިވާ ގޮތުގައި މެޖިސްޓްރޭޓް ޢަލީ އާދަމް ސިޔާސީ ވާހަކަ ދައްކަވައި ފޭސްބުކުގައި ކޮމެންޓް ކޮށްފައިވެއެވެ. އެގޮތުން، އިންޑިޔާއާއި އިންޑިޔާގެ ބީޖޭޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެއީ އަތީފް މުސްތަފާ  ކިޔުނު މީހަކާއެކު ހިނގާފައިވާ ފޭސްބުކް ކޮމެންޓްތަކެކެވެ.

މިއީ ފަނޑިޔާރުންގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި ޚިލާފު ކަމެކެވެ. އަދި، ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) 5 ވަނަ
ނަންބަރާއި، 10 ވަނަ ނަންބަރާއި، 11 ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، ފަނޑިޔާރަކު ސިޔާސީ ގޮތުން ޚިޔާލުފާޅުކުރުމަކީ ކަނޑައެޅިގެން މަނާކަމެއްކަމާއި، ސިޔާސީ ގޮތުން ވަކިކޮޅަކަށް ބުރަވެ ވާހަކަ ދެއްކުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. ވީމާ، މެޖިސްޓްރޭޓް ޢަލީ އާދަމް އެހުރީ ފަނޑިޔާރުންގެ ޤާނޫނާއި ސުލޫކީ މިންގަނޑާއި ޚިލާފުވެފައެވެ.

މެޖިސްޓްރޭޓް އަލީ އާދަމްއަށް ތުހުމަތު ކުރާ ހަތަރު ވަނަ މައްސަލައުގައި ބުނެފައިވާ ގޮތުގައި މެޖިސްޓްރޭޓް ޢަލީ އާދަމް އަކީ މަޤާމްގެ ހައިސިއްޔަތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރާމީހުންގެ މައްސަލަތައް ބަލައި ނިޔާ ކަނޑައަޅާ މެޖިސްޓްރޭޓަކަށްވީއިރު، 2020 އޮކްޓޫބަރ 1 ގައި މެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކް އެކައުންޓްގައި "މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެހެން މީހުންގެ ދަރިން ކައިވެނިކުރިޔަނުދިނުމަށާއި، މަސްތުވާތަކެއްޗާއި ގުޅުވައިގެން ކޮށްފައިވާ ކޮމެންޓަކީ، މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ކޮށްގެންނުވާނެފަދަ ކޮމެންޓެކެވެ. އެއީ، މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ވަކި ފަރާތަކަށް ބުރަނުވެހުރެ މިނިވަންކަމާއެކު ނިޔާކަނޑައެޅުމުގައި، މެޖިސްޓްރޭޓް ޢަލީ އާދަމްގެ މަޤާމުގެ މުސްތަޤިއްލުކަމާއި މިނިވަންކަމާއި، ނިންމާ ނިންމުންތަކުގެ ސުވާލު އުފެދޭނެ ޖާގައޮތީމައެވެ.

 

 

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 21%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: