ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނާއި ތިޔަހެން ނުކުޅެވޭނެ!

އެމްޑީޕީއިން ކައުންސިލް އިންތިހާބަށް ކުރިޔަށް ގެންދިޔަ ރަށްވެހި ފަތިސް ކެމްޕޭނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ވުޖޫދަށް އައީ ރައްޔިތުންނަށް ލައްކަ ފޮނި ހުވަފެންތަކެއް ދެއްކުމަށްފަހުއެވެ. ދިވެހި އެތައް ރައްޔިތުންނެއް އައީ އަދާކުރާ ވަޒީފާއިން ލިބޭ މުސާރައިގެ އެއްބައި ގޭގެ ކުއްޔަށް ދައްކަމުން، އަނެއްބައި ތައުލީމަށް ދައްކަމުންނެވެ. ކައިގެން ހުންނަ ދުވަސްތަކަށް ވުރެ ގިނަވާނީ، ކަންމަތީ ފިހާރައަކުން މައިލޯ ޕެކެޓަކާއި، ހެދިކާއަކުން ފުއްދާލާ ދުވަސްތެކެވެ. މަހުގެ ފަހުކޮޅަށް ދާއިރު އަތުގައި ކާން ބޯން ލާރިއެއް ނުހުރެއެވެ. އެހާވެސް ދައްޗެވެ. ދިރިއުޅުމަށް ބޭނުންވާ އެތައް ޒަރޫރީ ބޭނުންތަކަކަށް މި ގައުމުގައި ޖެހެނީ ސަލާން ޖަހާށެވެ. އެއީ، ބޭސްފަރުވާއަކަސް، ވަޒީފާއަކަސް މެއެވެ. އަދި ބޯހިޔާވަހިކަމަކަށް ވިޔަސް ހަނާ ވަނީ ނިކަމެތި އާދައިގެ މީހާއެވެ. އެއީ ޒަމާނުއްސުރެން އޮތް އާދަވެސް މެއެވެ.

އިދިކޮޅުގައި އޮވެ، އޭރު 2018 ގެ އިންތިހާބާއި ކުރިމަތިލާން މެނިފެސްޓޯއެއް ތައްޔާރުކޮށް އެމްޑީޕީން ބުނަމުންދިޔައީ ޒުވާނުންނަށް “ހައްގުވާ މިންވަރު” ހޯދައިދޭނެ ވާހަކައެވެ. ރައްޔިތުންނަށް “ހައްގު” ހޯދައިދޭނެ ވާހަކައެވެ. ޒުވާނުންނަށް ތައުލީމުގެ ފުރުސަތު ދީ، އަނގައާއި އަތާ ދިމާނުވެގެން އުޅޭ އުޅުމަށް ނިމުމެއް ގެންނާނެ ވާހަކައެވެ. އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ތިމާ ނިދާލާކަމަށްޓަކައި ދައްކަންޖެހޭ 9،000 ރުފިޔާއަށް ނިމުމެއް ގެންނާނެ ވާހަކައެވެ. މިނިމަމް ވޭޖެއް ތައާރަފްކޮށް ވަޒީފާގެ މާހައުލުގައި މަސައްކަތްކޮށްގެން އެ ލިބޭ ފައިސާއަކީ ބަނޑުފުރާނަ މުއްތިކުުރުމަށްޓަކާ އެންމެ އެކަށީގެންވާ އަދަދުގެ ގޮތުގައި ހަދާނެ ކަމަށް ވައުދުވިއެވެ. މިއީ ދުލަށް ފަސޭހައަކަސް، ވަރަށް ބޮޑު ހުވަފެންތަކެކެވެ.

އޭރުވެސް ހިތައް އެރި ވާހަކައެއް އޮތެވެ. މި ގައުމުގެ ވެރިން ދުވަނީ ދެތިން ވިޔަފާރިވެރިއެއްގެ ފަހަތުންނެވެ. އެހެން ކަމަށް ވާނަމަ އެ ވައުދުތައް ފުއްދައި ދެވިދާނެ ބާއެވެ. ގައުމުގެ ރައްޔިތުންގެ ވާހަކަތައް ދައްކާއިރު، ދުވަހަކު ވެސް މެދު ފަންތި އާއި، އާދައިގެ ރައްޔިތު މީހާގެ ހާލާއި މެދު ވިސްނާލާ މީހެއް ނެތެވެ. ކޮންމެ ސަރުކާރަކުން ފެށިގެން އައިސް، ވެސް އެއީ އަބަދުގެ ހާލަތެވެ. ވަކި ވެރިއެއް އިސްތިސްނާއެއް ނުވެއެވެ. މުޅި ގައުމު ވަށާ ގޮސް ޖެހެނީ އެއްކަލަ މި ދެތިން ވިޔަފާރިވެރިންނާއި ހަމައަށެވެ. ރައްޔިތުން ހިތްހަމަ ޖެއްސުމަށް ވުރެ ސަރުކާރަށް މުހިންމު ވަނީ، އަދި އެއިިރެއްގައި ސަރުކާރެއްގެ މަގާމުގައި ނުވަތަ މަޖިލީސް މެމްބަރުކަން އަދާކުރާ މީހާއަށް މުހިންމުވަނީ “މަހުޖަނު” ހިތް ރުއްސާލުމެވެ. ތެދު ހަގީގަތަކީ މިއީއެވެ.

މިއަދުގެ ހާލަތަށް ނަޒަރު ހިންގާލާއިރު، މާލީ ގޮތުން ރައްޔިތުން އުޅެނީ ނިކަމެތި ހާލެއްގައެވެ. ހާއްސަކޮށް މާލޭގެ ސަރަހައްދެވެ. ވަޒީފާ ގެއްލި ނިކަމެތި ވެއްޖެއެވެ. ވަޒީފާއަށް އަސަރެއް ނުކުރާނަމަ، ކޮންމެ މަހެއް ނިމުމުން އަތަށް ލިބެނީ ފަސް ހާހަށް ވުރެ ވެސް ދަށް މުސާރައެކެވެ. މިއީ ކޮންމެ ދުވަހަކު އެތައް ގުރުބާނީއެއް ވެ އަދާކުރާ ވަޒީފާއިން ލިބޭ މުސާރައެވެ.

ސަރުކާރުގެ ބޮޑެތި މަގާމުތަކަށް ޑިރެކްޓަރުންތަކެއް އައްޔަންކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން އެއީ ތައުލީމުގެ މާބޮޑު ފެންވަރެއް ހުރި ބައެއް ނޫނެވެ. ބައެއް މީހުންގެ ނަޒަރުން މިއީ ދަށްކޮލަން ދައްކާ ވާހަކައަކަށް ވެދާނެއެވެ. އެހެން ނަމަވެސް އިންސާފުގެ ހަމައިން ބަލާއިރު، މިއީ ހާދަ ބޮޑު ބޭއިންސާފެކެވެ. ޑިގްރީ ފާސްތަކާއި، މާސްޓާސް ސެޓްފިކެޓެއް އޮންނަ މީހާ ޖެހެނީ އެ ޑިރެކްޓަރުގެ ދަށުން 7،000 ގެ ކުޑަ މުސާރައަކަށް މަސައްކަތް ކުރާށެވެ. އެ ޑިރެކްޓަރު އެއީ 20،000 މުސާރައަކަށް ނަގާ މީހެކެވެ. އެހެންކަމަށް ވާނަމަ މި ވާހަކަ ދެއްކޭނެއެވެ.

ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލާއިރު ފެންނަނަނީ އެތައް ބައެއްގެ ކަންބޮޑުވުންތަކެވެ. އެ ކަންބޮޑުވުންތައް ފޮރުވުމަށް ބައެއް މަޖިލީސް މެމްބަރުން ދަނީ “ހެޔޮފުޅުކަން” ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ފަހަތުން ޑިރެކްޓަރުން ދަނީ ޓްވީޓު ކުރަމުންނެވެ. ޓްވީޓުތަކެއްކޮށް، ރައީސް ދައްކަވާ ވާހަކަތަކާއި ސަރުކާރުގެ ބައެއް އެހެން އިދާރާތުގެ ބަސްތައް “ކޯޓް” ކުރުމަށްފަހު ޓްވީޓު ކުރުމަކީ އެ މީހުންގެ އާދައެވެ. ވަޒީފާގެ މަސްއޫލިއްޔަތަކީ އެއީތޯ ވެސް ހިތައް އަރާ ފަހަރުތަކެއް އާދެއެވެ.

ކޮންމެ ބޭފުޅެއްގެ ވާހަކައަކަށް ވަނީ ނޫސްވެރިޔާ، އޭނާގެ ގަލަމުގެ މިިނިވަންކަމުގެ ބޭނުން ކުރުމުން އަބުރުގެ ގާނޫނެއް އުވާލި ވާހަކައެވެ. ސަޅި ބައިސާއެއް ރައްޔިތުންނެއް ބޭނުމެއް ނުވާނެއެވެ. ބޭނުންވަނީ ކަންކަމުގެ އަމަލީ ސިފަ ފެނުމެވެ. “އިއްޔެ ވައްކަން ކުރިއޭ، މިއަދު ވައްކަން ނުކުރެއޭ” ބުނުމުން ރައްޔިތު މީހާއަަށް ހިތްހަމަ ޖައްސާލައިގެން ނުހުރެވޭނެއެވެ. ކޮންކްރީޓް ތަރައްގީ މުހިންމެއް ނޫނޭ، ބުނުމަކުން ވެސް އަދި ފަރުޖައްސާ ނުލެވޭނެއެވެ.

ބޭނުންވަނީ ތިލަފަތެއް، ނުވަތަ އެޖެންޑާ 19 އެއް ނޫނީ، ޖަޒީރާ ރާއްޖޭގެ ވާހަކަތަކެއް ނޫނެވެ. ބޭނުންވަނީ ރައްޔިތުންނަށް ރަނގަޅުގޮތުގައި ފޯރުކޮށްދޭ ހިދުމަތެކެވެ. އެ އަޑު އިއްވާލާނެ އިތުރު އަޑެެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: