ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މައްސަލަ: 24 ތަނަކަށް ވަޅި ޖަހާފައި ވޭ، ޒަހަމްތަކުގެ އަސަރު ފުއްޕާމެއަށް ކުރި!

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްއަށް ދީފައިވާ ހަމަލާތަކުގެ އަސަރު ފުއްޕާމެއަށް ވެސް ކޮށްފައިވާ ކަމަށް އަނަސްގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ބެލި ޑޮކްޓަރު ބުނެފިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު ދުވަސްތަކަކަށް ފަހު މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ

މިއަދުގެ އަޑުއެހުން ތާވަލު ކުރީ ހެކިބަސް ނެގުމަށެވެ. ޒަހަމްތަކާއި އެކު އަނަސް ގެންދިޔައީ އޭޑީކޭއަށެވެ. އަދި އެ ހޮސްޕިޓަލުގައި އަނަސްގެ ހަށިގަނޑު ބެލި ޑޮކްޓަރު ޑރ. އިބްރާހިމް މޫމިން ވިދާޅުވީ އަނަސް އޮތީ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައި ކަމަށެވެ. އަނަސްގެ ހަށިގަނޑު ބެލިއިރު އެއްވެސް ވިންދެއް އަދި، ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ފުން ޒަހަމްތަކެއް ދީފައިވާކަން ފާހަގަކޮށް ޑޮކްޓަރު ވިދާޅުވީ އެ ޒަހަމްތަކުގެ ފުންމިން ވެސް ފެންނަން ހުރި ކަމަށެވެ.

އޭނާ ވަނީ އަނަސްގެ ކަރުގެ އެއް ފަރާތަށް ދީފައި ހުރި ހަމަލާ އާއި، ފުއްޕާމެއާއި ދިމާލުން މެއަށް ދީފައި ހުރި ހަމަލާގެ ސަބަބުން ފުއްޕާމެއާއި ހަމައަށް އެ ޒަހަމްގެ އަސަރު ގޮސްފައި ހުރިކަން ފާހަގަކޮށްފައެވެ. މިއީ މީހަކު މަރުވެދާނެ ފަދަ ހަމަލާތަކެއް ކަމަށާއި، އަނަސް މަރުވީ ގައިން ލޭ މަދު ވެ، އޮކްސިޖަން ދަށް ވުމުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. އިބްރާހިމް ވިދާޅުވީ އަނަސްއަށް ލިބިފައި ހުރި އިތުރު ޒަހަމްތަކުގެ ތަފްސީލުތައް ޕޯސްޓްމޯޓަމް ރިޕޯޓެއް ހެދިނަމަ ސާފުވީސް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމަކަށް ލަފާ ނުދޭ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރެއިން، ސާޒު އާއި ޖުނައިހު އާއި މަހްފޫޒު އަދި ސިމާހުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަނަސް އަށް ހަމަލާ ދީފައިވަނީ ޒަޔާނާއި އަފްރާހު އަދި އުސްމާން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އަަނަސްުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްތެރިކަން ހޯދުމަށް އަނަސް ދުވެފައި އައިސް ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އަދި އެ މީހުން އަނަސްއަށް ހަމަލާ ދިނީ އެ ސެންޓަ ރުތެރޭގައެވެ. އެ މީހުން އަނަސްއަށް ހަމަލާ ދީ ދުވެ ފިލާފައި ވަނީ އަނަސްގެ ގައިގެ 24 ތަނަކަށް ވަޅި ޖެހުމަށް ފަހުއެވެ.

މި މައްސަލައިގައި ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރާއިރު، އަނަސްގެ މަރާއި ގުޅިގެން ޢާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ޙަމަލާދީފައިވެއެވެ. ލިޓަސް ސަވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސް އަށް ޙަމަލާދިން އެންމެން ވެސް ތިބީ މޫނު ފޮރުވައިގެންނެވެ.

މައްސަލާގެ މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާކަމުން، އިތުރު ހެކިންގެ ހެކިބަސް ނެގުމަށް އަންނަ ނޮވެމްބަރު މަހުގެ 05 ގައި އަޑުއެހުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: