މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 24 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ADS BY DREAMS MOBILE

މިއަދަކީ ޖުލައި މަހުގެ 23 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ ހަވީރު 18:00 ން ފެށިގެން މިއަދުގެ 18:00 ގެ ނިޔަލަށް ރާއްޖެ އިން މި ވައިރަހަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެއްސަކާއި ހަތަރު ބިދޭސީ އެކެވެ.

މިއަދު ފައްސިވި މީހުންނާއި އެކު މިހައިތަނަށް ރާއްޖެ އިން މި ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11178 ށް އަރާފައެވެ. މީގެ ތެރެއިން 10097 ފަރުވާ ދީގެން ރަނގަޅުވެފައިވާއިރު 36 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. މިއަދު ބަލިން ރަނގަޅުވީ 102 މީހުންނެވެ.

ރާއްޖެ އިން އެންމެ ފަހުން މި ވައިރަހުގެ ސަބަބުން މީހަކު ނިޔާވެފައި ވަނީ މިއަދު ހެނދުނުއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި ދިވެއްސަކީ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 29 ދިވެހިންނާއި ހަތް ބިދޭސީއެކެވެ.