ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ތަފާތު ސިޔާސީ ލީޑަރެއް ކަމަށާއި، އެމަނިކުފާނަކީ ބޭސްފަރުވާގެ ނަމުގައި ފިލައިގެން ރާއްޖެ ދޫކޮށް ދާނެ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީން ގެނެސްދޭ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާތަކަށް އޭނާ އިއުތިރާފުވި ކަމަށެވެ. އަދި އަދީބުގެ މައްޗަށް ހުކުމް އިއްވީ އެ އިއުތިރާފުގެ މައްޗަށް ކަމަށާއި، އެއީ އެތައް މިލިއަން ޑޮލަރެއްގެ މައްސަލައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް އަދީބުގެ މައްޗަށް އައީ 20 އަހަރު ވެސް ހަމަ ނުވާ ޖަލު ހުކުމެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ދައުލަތަށް އެތައް ފައިސާއެއް ހިޔާނާތުގައި ގެއްލުނުއިރު އަދީބު ދައްކަން ޖެހިވަޑައިގަތީ ދެ މިލިއަން ރުފިޔާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރީ އެއް މިލިއަން ޑޮލަރުގެ ތުހުމަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީނާއި ވި އެއްބަސްވުމުގެ ދަށުން ހުޅުވި އެކްސްކްރޯ އެކައުންޓުގައި އެ ފައިސާ ހުންނާނެ ކަމަށާއި، އަދި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް އެ ފައިސާ ދައުލަތަށް ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ބުނާ ފައިސާ މިހާރު ވެސް “އަތު ޖެހެން” އެބަހުރި ކަމަށާއި، އެ ފައިސާއެއް ގެއްލިގެން ދައުލަތަކުން ނޫޅޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އައީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި އެކު، ފަސް މިލިއަނުން ޖޫރިމަނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“ކިހާ އިންސާފުވެރިތޯ، ކީއްވެގެން ތޯ. ކޮބާތޯ އިންސާފު، ކޮންތާކު ތޯ ވީ…” އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ މިއީ އިހުލާސްތެރިކަމާއި އަދި އިންސާފުވެރިކަމާއި އެކު ކުރިޔަށް ގެންދާ ތަހުގީގެއް ނަމަ ރައީސް ޔާމީން ދައުލަތަށް ފަސް މިލިއަން ޑޮލަރު ދައްކަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މި މައްސަލަ އިންސާފުވެރިއެއް ނޫން ކަމަށް ބުނާ ސަބަބަކީ ހިޔާނާތުގެ މައްސަލައިގައި އަދީބަށް އައި ހުކުމް ކުޑަވެފައި، ދެ މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުން ކަމުގައި އަބްދުއްރަހީމް ފާހަގަކުރިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަކީ ތަފާތު ސިޔާސީ ލީޑަރެއްކަން ފާހަގަ ކުރައްވާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 28 އަށް ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމަށް އެއް އަހަރު ވާނެއެވެ. އަދި އެކަމަށް އިށާރާތްކޮށް އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ބައެއް ބޭފުޅުން އަމަލު ކުރެއްވި އުސޫލުން ރައީސް ޔާމީނަކީ “މައިބަދައިގެ” އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާނެ ބޭފުޅެއް ނޫން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެހެން މަންޒަރެއް ދެއްކުމުގެ ބޭނުމުގައި މި ސަރުކާރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ވެސް މަސައްކަތް ކުރި ކަމަށެވެ.
“އެހެން ބޭފުޅުންނަށް ކިހިނެއް ތޯ ވީ؟ ކިތަށް ދުވަހު ޖަލުގައި ހިފަހައްޓާލެވުނު ތޯ؟ ރާއްޖެއިން ބޭރަށް ކިތަށް ބޭފުޅުން ދިޔަ ތޯ؟ ވަޑައިނުގަންނަވާ ބޭފުޅެއް އެބަހުރި ތޯ؟…… އެއީ ރައީސް ޔާމީނަކީ. ރައީސް ޔާމީން ބޭނުންފުޅުވޭ، ރައީސް ޔާމީނަކީ ކުށެއް ނުކުރާ، މައުސޫމް ބޭފުޅެއްކަން ރައްޔިތުންނަށް ސާފުކޮށްދޭން.” އަބްދުއްރަހީމް
ރައީސް ޔާމީން ބޭރަށް ވަޑައިގަންނަވަން އިންކާރު ކުރެއްވީ، ހުށަހެޅި ޝަރުތުތައް ގަބޫލު ނުކުރާތީކަމަށް ދެކެވޭ ވާހަކައަށް ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ. ސަރުކާރުން ރައީސް ޔާމީންގެ އާއިލާއަށް ސިޓީ ފޮނުވާ، ބޭސްފަރުވާއަށް ދާން ބޭނުންވާ ގައުމެއް އެންގުމަށް ވެސް އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ޝަރީއަތެއް ހިނގަމުން ދަނިކޮށް، ފިލައިގެން ބޭރަށް ވަޑައިގަންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
“ރައީސް ޔާމީން ބޭނުންވަނީ އެއާއި ކުރިމަތިލާން. އެއީ ރައީސް ޔާމީނާއި އެހެން މީހުންނާއި ހުރި ތަފާތަކީ. ރައީސް ޔާމީނަކީ ތުހުމަތެއް ކުރެވުނީމާ، އޭގައިން ބަރީއަވުމުގެ ހިއްވަރު ހުރި މީހެއް……. އެހެން ބޭފުޅުން ކިހިނެއް ތޯ ވީ. ކެނެރީގޭ މުހައްމަދު ނަޝީދާއި ބައްދަލު ކުރަން ވަޑައިގަތީމާ މިއަދުގެ ރައީސަށް ވިދާޅުވިކަމަށް ވޭ، ކޮންމެ ގޮތެއް ހަދައިގެން ވެސް ތިމަންނާ މިތަނުން ނެރެދޭށޭ. ވަޑައިގަތީއެއް ނޫންތޯ ލަންޑަނަށް. ވަޑައިގެން ގޮނޑި ދުއްވަން ނޫންތޯ އުޅުއްވީ. ގާސިމް އިބްރާހިމް ކިހިއްތޯ ހެއްދެވީ، ވަޑައިގެންނެވީ އެއް ނޫން ތޯ…. ކާނަލް ނާޒިމް ވެސް ވަޑައިގަތީއެއް ނޫން ތޯ. ދެން ތިއްބެވި ބޭފުޅުން ވެސް ވަޑައިގަތީ އެއް ނޫން ތޯ” އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީން ފުރުވާލަން މަސައްކަތް ކުރިޔަސް، ދިވެހި ރައްޔިތުން ދޫކޮށް ވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނާއި މި ރާއްޖޭގައި ތިބި، އެހެން ސިޔާސީ ލީޑަރުންނާއި ހުރި ތަފާތަކީ އެއީ ކަމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ވަނީ ބޮޑެތި ޖަލު ހުކުމްތަކެއް އައެވެ. ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް، ގިނަ ބޭފުޅުން ތިއްބެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އަންނަ މަހަށް އަހަރެއް ފުރޭނެއެވެ. އަދި މިވަގުތު މަނީ ލޯންޑްރިންގެ އިތުރު މައްސަލައެއްގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާ، މައްސަލައިގެ އަޑުއެހުންތައް ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ.