ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ދުވަހާއި މިވަންކަމަށް އަވަސް ކަޅިއެއް!

ދިވެހި ގައުމީ ދިދަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް ދިރާސާކޮށް ބަލައިފިނަމަ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއްކުރިކަން އޮޅުމެއްނެތި އެނގެއެވެ. ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިންނާއި ފަހުގެ ތާރީޚުންވެސް ދިވެހިންގެ ޤައުމީ ޖޯޝާއި އަޅުވެތިކަމަށް ނަފުރަތުކޮށްފައިވާ މިންވަރު ސާފުވެގެންދެއެވެ.

މިކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެކިފަހަރު އެކި ގޮތްގޮތަށް މަސައްކަތްކޮށްފައިވެއެވެ. މީގެތެރެއިން ގިނަފަހަރުތަކުގައި އެތަށް އަގުހުރި ދަރިންނެއްގެ ލޭ ވަނީ މިދީބުގެ މިނިވަންކަމަށްޓަކައި ޤުރުބާންކޮށްލައްވާފައެވެ. ބައެއްފަހަރުތަކުގައި ޖިޒީ ދައްކައިގެންވެސް މިނިވަންކަން ދަމަހައްޓާފައިވެއެވެ. އަނެއްބައިފަހަރު އެއްބަސްވުންތަކުގެ ހިޔަލުންވެސް މިނިވަންކަން ހޯދާފައިވެއެވެ. ކަނޑިބަޑީގެ ހަނގުރާމައިންނާއި ފިކުރީ ހަނގުރާމަތައް ކޮށްގެންވެސް ދިވެހިންވަނީ ދިވެހިންގެ މިނިވަންކަން ދަމަހައްޓާފައެވެ.

ކޮންމެއަކަސް ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި މީލާދީން 1153 ގައި ދިވެހިން އިސްލާމްދީން ޚިޔާރުކުރުމުގެ ކުރިންވެސް ރާއްޖޭގެ މިނިވަންކަމަށް ބޭރުގެ ނުފޫޒުފޯރާފައިވެއެވެ. އަދި އެފަދަ ނުފޫޒުތަކާއި ދިވެހިން ސާބިތުކަމާއެކު ކުރިމަތިލާފައިވާކަން އެނގެއެވެ.

އެގޮތުން ތާރީހު ލިޔުއްވާ ބޭފުޅުންގެ ލިޔުއްވުންތަކުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމްދީން ހިޔާރު ކުރި ފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ކުޑަނަމަވެސް އެރި ބުރުލަކީ ޗައިނާ)ގެ އެޑްމިރަލް ޗެން ހޯ މީލާދީން 1409-1411 އާ ދެމެދު ސްރިލަންކާއާއި ދެކޮޅަށްކުރި ހަނގުރާމައާއި ވިދިގެންނެވެ. މިހަނގުރާމައިން ސްރިލަންކާ ބަލިވެ ޗައިނާގެ ބާރުގެ ދަށަށް ދިޔުމުން ލަންކާގެ ރަސްގެފާނު ކޮށްޓަކަށްލައިގެން އަދި ލަންކާ ސިފައިންގެ އިސްމީހެއްގެ ބޯ ކަނޑާލައިގެން ގެނެސް ދިވެހިރާއްޖޭގެ ރަސްކަލުންނަށް ބިރުދައްކަން ރާއްޖެއައެވެ. 48 ނަވާއި 30000 މީހުންގެ ބޮޑު މިލަޝްކަރާ ކުރިމަތިލުމަށް ބާރުގަދަ ދެވަޒީރެއްގެ ލަފާގެ މަތިން ރަސްގެފާނު ނިންމަވައިގެން ހުންނަވަނިކޮށެވެ. ތާރީހީ ލިޔުއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިހާދިސާއިން އެނގިގެންދަނީ މިނިވަންކަންދެމެހެއްޓުމަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ޚާއްޞަކަމެވެ. ފެންނަންހުރި ތާރީޚީ ލިޔުންތަކަށް ބަލާއިރު އެނގެން އޮތީ މިދުވަސްވަރު ރާއްޖޭގެ މިނިވަންކަން ގެއްލިގެން ނުދާކަމެވެ. ޖެހިފައިއޮތީ ހަމައެކަނި ޖިޒީއެއް ނުވަތަ ވެދުމެއް ވަކިއުސޫލަކުން ޗައިނާއަށް ފޮނުވަންކަމެވެ.

ތާރީހު ދިރާސާ ކުރައްވާ ކަނބަލެއް ކަމަށްވާ ނަސީމާ މުހައްމަދުގެ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި އިންޑިޔާގެ މަލަބާރުގެ ކަންނަންނޫރު ޢަލީ ރާޖާ ނުވަތަ މާމަލޭ މަލައްކާރުއަށް ދިވެހިރާއްޖެއިން ޖިޒީ ދައްކަން ފަށަންޖެހުނީ ހިލާލީ ދަރިކޮޅުން ރާއްޖޭގެ ރަސްކަމަށް އިސްވި މަޝްހޫރު ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަން އަތުލައްވަން އޭނާގެ އެހީތެރިކަން ހޯއްދެވުމުންނެވެ.

ނަތީޖާއަކަށްވެގެން ދިޔައީ ދިވެހި އުފެއްދުންތަކަކަކީ ހަމައެކަނީ މަލަބާރުކަރައިން ނޫނީ ގަންނަންލިބެން ނުހުންނައެއްޗަކަށްވެ ދިވެހި އިޤުތިޞާދު ޢަލީ ރާޖާގެ ބާރުގެ ދަށަށް އައުމެވެ. އެދުވަސްވަރަކީ ޕޯޗުގީޒުން)ގެ ބާރު އިންޑިޔާ ކަނޑަށް ގަދަވަމުން ދިޔަ ދުވަސްވަރެވެ. ދިވެހި ރަސްކަމުގެ އާއިލާގެ ތެރޭގައި އޮތީ ވެރިކަން އަތުލުމާއި ރަސްކަލުން ޤަތުލުކުރުމުގެ ސިލްސިލާއެއް ފެށިފައިކަން ތާރީޚުން ދޭހަވެއެވެ. ނަސީމާ ވިދާޅުވާގޮތުގައި ކަޅު މުޙައްމަދު ރަސްގެފާނުގެ ދުވަސްވަރު ޕޯރޗުގީޒުންގެ ވިޔާފާރިތައް މާލޭގައި ހިނގަމުންދިޔައެވެ.

މިތަންތަނަށް ކަނޑުފޭރޭ މީހުންގެ ހަމަލާތައް ދިޔައީ އަރަމުންނެވެ. ދެންފެންނަނީ، މީލާދީން 1551 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެތެރޭގައި ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހިރާއްޖޭގެ ތަޚުތު ދޫކުރައްވާ ގޯވާއަށް ވަޑައިގަތްތަނެވެ. އަދި ރާއްޖޭގެ ބޮޑުންނާއި ވަޒީރުންވެސް އެދީނަށް ވެއްދެވުމަށްޓަކައި ގޯވާއަށް ގެނައުމަށް ޕޯޗުގީޒުންގެ ނަވެއް ފޮނުއްވެވިއެވެ. ނަމަވެސް އެގޮތަށް ދިވެހިން އެއްބަސްނުވެ، ދީނާއި ވަޠަނުގެ މިނިވަންކަން ބޭރުބަޔަކަށް ދީލާނުލުމަށް ހަނގުރާމަކޮށް ނަވުގައިތިބި އެންމެން މެރީކަމަށް ނަސީމާ މުޙައްމަދު ލިޔުއްވައެވެ.

ތާރީހުން އެނގޭ ގޮތުގައި ޕޯޗުގީޒުންގެ 15 އަހަރަށްވީ ނުވަތަ 17 އަހަރުވީ ދިގު އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ކަސްތޮޅުން ދިވެހިން ހަށިފޮޅާލާފައި ނިކުތީ އުތީމު މުޙައްމަދު ތަކުރުފާނު އިސްވެހުންނަވައިގެން ކުރެއްވި މަތިވެރި ޖިހާދަކުންނެވެ. ތާރީ ލިޔުންތަކުން އެނގޭ ގޮތުގައި އެއީ ގާތްގަނޑަކަށް 8 އަހަރު ދުވަހުގެ ޖިހާދަކަށްފަހުއެވެ. މި ޖިހާދުގައި ބޮޑުތަކުރުފާނުގެ ބޭފުޅު ޢަލީ ތަކުރުފާނާއި ޙަސަން ތަކުރުފާނު ބައްޔަތު ހިއްޕެވިއެވެ. އެއަށްފަހު އެބޭފުޅުންގެ ޢާއިލާ މަލިކަށް ބަދަލު ކުރެއްވިއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ދެހާޖީންނާ އެބޭފުޅުން ބައްދަލުވީ މަލިކުންނެވެ. އެބޭފުޅުން ވެސް އުތީމު ތިންބެއިންނާ ބައްޔަތު ހިއްޕެވިއެވެ. މި ބޭފުޅުންގެ އިތުރަށް ދުވާފަރު ޢަލީ ދަންޑަހެލާއެކު ޖިހާދަށް ނުކުންނެވިއެވެ.

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 993 ވަނަ އަހަރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 1585 ވަނަ އަހަރު އޮގަސްޓް 18 ވަނަ ދުވަހެވެ. އެމަނިކުފާނު ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައި ކަމަށް ބުނެތެވެ.

ދެން ތާރީޚުން ފެނިގެންދަނީ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރެވެ. ހޮޅީންގެ ބޮޑު ލަޝްކަރެއް ހަނގުރާމައަށް އައުމުން ކަލާފާނަށް އެރުވުނު މަޝްވަރާގެ މަތިން ހަނގުރާމަނުކުރައްވަންވެގެން ގުރާބެއް ހައްދަވައިގެން ރާއްޖޭގެ ދެކުނަށް ދަތުރުކުރެއްވީއެވެ. ނަމަވެސް އަރިއަތޮޅު ހަންޏާމީދޫ ކައިރިން ކަނޑުމަތިން ދުޝްމަނުން ރަދުން ހުންނެވި ގުރާބަށް ހަމަލާދިނެވެ. ނަސީމާ ވިދާޅުވާ ގޮތުގައި ރަސްގެފާނާއި އޭނާގެ އަރިހުގައިހުރި ޖަމާލުކަލޯ ގަދަ ހިއްވަރާއެކު ދުޝްމަނުންނާއި ހަނގުރާމަކުރައްވަނިކޮށް ދެކަލުންމެ ޝަހީދުވީއެވެ. މީލާދީގޮތުން މިކަން ހިނގީ 1609 ވަނަ އަހަރެވެ.

ކޮންމެއަކަސް ތާރީހުން ފެންނަން ހުރި ލިޔުންތަކުން އެނގޭ ގޮތުގައި  ޕޯޗުގީޒުންގެ ކިބައިން ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ފަހުން ދިވެހިންގެ މިނިވަންކަން ހަޤީޤަތުގައި ގެއްލުނީ ހިޖުރައިން  1166 ވީ ޞަފަރުމަހުގެ 13 ވިލޭރޭ ދަންވަރު މާލޭ ކަންޑިންމާ ތަޅުނުލައި ހުއްޓާ ކަނޑިންމައިންވަދެ ހޮޅީން ނުވަތަ މަލަބާރީން މާލެ ހިފުމުންނެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒުގެ ލިޔުންޔަކުން އެނގޭ ގޮތުގައި ހޮޅިން މާލެހިފައި އަލިފާންޖެހުމުން 63 ގޯއްޗާއި، 3 މިސްކިތާއި، 3 ގަނޑުވަރު އަނދައިގެން ދިޔައެވެ. މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިންތިބީ 03 މަހާއި 20 ދުވަހު ކަމަށް ނަސީމާ މުޙައްމަދު ވިދާޅުވެއެވެ. ހޮޅިންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރީ 200 ވަރަކަށް ދިވެހިންނާއިގެން މުލީގޭ ދޮންޙަސަން މަނިކުފާނު (ފަހުން ދޮންބަންޑާރައިން) އިސްވެހުންނަވާ ކުރެއްވި ޖިހާދުންނެވެ.

މީގެއިތުރުން ތާރީހީ ލިޔުއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރަށްފަހު އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގައިވެސް މަލާބާރީންގެ ދުއްތުރާ ދިވެހިންނަށް ފޯރިއެވެ. ހާޖީބަންޑާރައިންގެ ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ މިހަނގުރާމައިން ދިވެހިންނަށް ނަޞްރުލިބި މިނިވަންކަން ދެމެހެއްޓިފައިވާއިރު، މިހަނގުރާމައިގާ ރަދުން އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ  ޣިޔާސުއްދީނުގެ ދުވަސްވަރުގައި ދިވެހިރާއްޖޭގެ ދިފާޢު ވަރުގަދަކުރެއްވުމަށް ކަންތައްތަކެއް ކުރެއްވިކަން ތާރީޚުން އެނގެން އެބައޮތެވެ. މިކަމުން އެނގިގެންދަނީ ދިވެހިން މިނިވަންކަން ދިފާޢުކުރުމަށް އިސްކަންދީފައިވާ މިންވަރެވެ.

އަޅުގަނޑުމެންނާ ގައުމީ ދުވަސް ބަދަލު ކޮށްފައިވާއިރު އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ މަތިން ހަނދާންކޮށް އަންނަން އޮތް ޖީލަށް މި ގައުމު މިނިވަންކަންމަތީ ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެކެވެ.

ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ޤައުމީ ދުވަހަކީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އައުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެންމެފުރަތަމަ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރައްވައިފައިވަނީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 1946 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: