ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ނޭވާ ހޮޅިން ކުރި ވައްކަން: އަމީން ދެން އިސްތިއުފާ ދެއްވާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އޮންނަތާ މި ހަފްތާއަށް ހަތް މަސް ދުވަސް ވީއެވެ. ވެރިރަށް މާލެ ސިޓީއިން މި ނުރައްކާތެރި ބަލި ފެނުމާއި އެކު، ގައުމުގެ އެންމެ ހަލަބޮލި ސިޓީއަށް ހުއްޓުން ގެނައީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެތައް ރައްޔިތުންނަށް ހާސްކަން ގެނުވީ މާލޭގެ ހާލަތުގެ ސަބަބުންނެވެ. މިއީ ތޮއްޖެހިފައިވާ ރަަށަކަށް ވެފައި، ހަމަ އެ ދުވަހު މާލެއިން ފުރައިގެން އެތައް ބަޔަކު ރަށްތަކަށް ދިޔައެވެ. ބަލި ކޮންޓްރޯލް ކުރާނެ ގޮތަކާއި މެދު އޭރު އެތައް ބައެއްގެ ކަންބޮޑުވުން އޮތެވެ.

މިއަދު ވެސްް ހަނދާނަށް އަންނަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތައް މަތީންނެވެ. އެއަށްފަހު ދަރުބާރު ގޭގައި ބޭއްވި ޕްރެސްތަކެވެ. އަޑަށް ބާރުލާފައި ބުނަމުން ދިޔައީ، މި ސަރުކާރުން ގައުމުގެ ރައްޔިތުން މި ބަލިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާ ނުލާނެ ކަމަށް ބުނަމުން ދިޔައެވެ.

ކޮވިޑުގެ ތެރޭގައި އެކި މީހުންނަށް ކުރެވުނު ތުހުމަތުތަކާއި، އެކި އިދާރާތަކުގެ އިހުމާލުގެ ވާހަކަތައް ދައްކާކަށް ނެތީމެވެ. މިއަދު ދައްކަން ބޭނުންވަނީ، “އަމިއްލަފުޅަށް” މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެން ހުންނެވި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ވާހަކައެކެވެ. އޮޑިޓު ރިޕޯޓަށް މިއަދަށް ބަރާބަރު ދެ މަސް ދުވަސް ފުރުނީއެވެ. އަމީން އަދިވެސް މުސާރަ ނަންގަވައިގެން ގޭގައެވެ. މައްސަލައިގެ ތަހުގީގު ފިނިހަކަ ސްޕީޑްގައި ގެންގޮސް އޭސީސީ އިން މައްސަލަ ތަހުގީގުކޮށް ނިންމައިފިއެވެ. ދެއިރު، ދެ ދަޅައަށް ބޭއްވި ކޮމިޓީތަކުގެ އަޑެއް ނީވެއެވެ. މަޖިލީހުގެ މެމްބަރުން ވެސްް ވަރަށް “މައިތިރި” އެވެ. ބުރަކި ޖެހިފައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް، މަޖިލީހުގައި ކޮމިޝަން ރަނގަޅަށް ފަންކްޝަން ނުކުރާ ކަމާއި، އަދި ތަހުގީގު ކުރުމަށް އަމާޒުވީ ފާޑުކިއުންތަކާއި އެކު ތަހުގީގު ފުރިހަމަ ވީ ކަމަށް ބުނެ ދައުވާ ކުރުމަށް ރިޕޯޓު ވެސް ފޮނުވައިފިއެވެ.

ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި އަމީންނަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އައެވެ. އޭރު އެ ތުހުމަތުތަކުގެ ވާހަކަތައް ބައެއް ނޫސްވެރިން ދެއްކުމުން ރައްދުގައި ދިން ޖަވާބަކީ މީޑިއާތަކުން ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަނީ ކަމަށެވެ. ހަމަ އެއާއި އެކު، ކޮރަޕްޝަންގެ އަމަލުތަކާއި އެއްވެސް އޮޅުވާލުމެއް އޮޅުވާލާފައި ނޯންނާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. މިއީ ވަކި އަމީން އާއި، އަލީ ވަހީދުގެ ވާހަކަ އެކަންޏެއް ނޫނެވެ. ކޮންމެ މުވައްސަސާއަކުން ވެސް ދެއްކި ވާހަކައަކީ އެއީއެވެ. ސިޔާސީ ވެރިން ޓީވީ ޕްރޮގްރާމްތަކާއި، އަދި ޓްވީޓުތަކެއްކޮށް ބުނަމުން ދިޔައީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ސިޔާސަތުގެ ދަށުން މިފަދަ މައްސަލަތައް ބަލާ ތަހުގީގު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އަމީން އާއި ހަމައިން މި މައްސަލަ ނުބެލުނުތާ، އޭނާ މަގާމުން ވަކި ކުރާނެހާ ހިއްވަރެއްވެސް ސަރުކާރުގައި ހުރިހެނެއް ހީއެއް ނުވެއެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި މުޅީން ވެސް ފާހަގަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގި އަމަލުތަކެއްގެ ވާހަކަތަކެކެވެ. ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ ނ ގައި ބުނެފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމަންޓް” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހު ކަމަށް ބަޔާން ކުރެއެވެ. އެހެން ނަމަވެސް މިނިސްޓްރީއިން މިފަދަ އެއްވެސް ކަމަކަށް ބަލާފައި ނުވެއެވެ.

މާލިއްޔަތު ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި  ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭނެ ކަންކަން ސާފުކޮށް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ޤާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޔަގީން ކުރަން ވާނެއެވެ.

ދުބާއީގެ ކުންފުންޏެއްކަމަށް ވާ އެގްޒެކިއުޓާސް ކުންފުނީގެ މައްސަލައިގައި އެންމެ ބޮޑަށް ހާމަވެގެން ދިޔަ އެއް ކަމަކީ، މާލިއްޔަތު ގާނޫނުގެ މި މާއްދާއަށް ހެލްތް މިނިސްޓްރީއިން ރިއާޔަތްކޮށްފައި ނުވާ ކަމެވެ. ކުންފުނީގެ ފަންނީ ގާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކްއިޕްމަންޓް ފޯރުކޮށްދިނުމަށް ދުބާއީ ކުންފުނިން ފުރިހަމަ ކުރި ޕްރޮޖެކްޓްތަކާއި އެ ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއް ވެސް ހޯދާފައި ނެތްކަމަށް އޮޑިޓުގައި ވެއެވެ. ހަމަ އެއާއި އެކު ދުބާއީ ކުންފުނީގެ މާލީ ގާބިލުކަން ވަޒަންކުރުމަށް ކުންފުނީގެ އޮޑިޓްކުރި މާލީ ބަޔާނާއި، މާލީ ގާބިލުކަން އަންގައިދޭނެ އެހެނިހެން މައުލޫމާތެއް އެއްކޮށް މިނިސްޓްރީއިން ބަލާފައި ނުވެއެވެ.

މި މައްސަލައިގައި އޭސީސީއިން އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެދި ފޮނުވި ރިޕޯޓުގައި ވާ ގޮތުން 75 ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން އެގްޒެކިއުޓާސް އާއި އެކު އެކުލަވާލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމީނެވެ. އަދި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ އާއްމު އުސޫލާއި ހިލާފަށް ވަކި ބައެއްގެ އަތުން ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. ކޮމިޝަނުން އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުން ވެންޓިލޭޓަރު ގެނައުމުގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، ދަޢުލަތަށް ގެއްލުންލިބޭ ގޮތަށް ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ. މީގެ ކުރިން އަމީނާއި، ހެލްތް މިނިސްޓްރީން ވެސް ބުނަމުން ދިޔައީ މިއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށެވެ. މި މައްސަލައިގައި އޮޑިޓުން ހާމަވީ ކަންތަކަށް އަމީން ވިދާޅުވީ ވެންޓިލޭޓަރުތަކަށް އޮތް ޑިމާންޑާއި އެކު، އެކަން ވީ އެންމެ ބޮޑު ދަތި އެއްކަމަކަށް ކަމަށެވެ.

މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީޏް: ފައިލް ފޮޓޯ

ތަކުރާރުކޮށް ވެންޓިލޭޓަރުގެ މައްސަލައިގައި ސުވާލު ކުރީ ސަބަބުތަކެއް ހުރެގެންނެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަން އެނގޭތީއެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެންޓިލޭޓަރު ވިއްކާ ކުންފުންޏެއްކަމަށް ބުނެ، ކުންފުންޏެއްގެ ނަން ރެކަމަންޑް ނުކުރާނެކަން ބުއްދިއަށް ގަބޫލު ކުރެވޭތީއެވެ. އެޑްވާންސް ގެރަންޓީއަކާއި ނުލާ، ޕޭމަންޓު ހެދުމުން ދެން ވެންޓިލޭޓަރުތައް ފޯލްޓީ ވިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެކަން އެނގޭތީއެވެ.

ދެ މަސްވީއިރު އަމީންގެ މުސާރަ ހިނގައެވެ. ހެލްތް މިނިސްޓްރީ ހިންގާނެ ވަޒީރެއް ނެތެވެ. މައްސަލައިގައި ލިބުނު ކުރިއެރުމެއް ވެސް ނެތެވެ. ސުވާލަކީ މި ރިޕޯޓުގައި އާ ވާހަކައެއް ނެތްއިރު މަޖިލީހުން މި މައްސަލަ ބަލަން ނޫޅުނު ސަބަބާއި މެދުއެވެ. އަދި އޭސީސީއަށް މި ބޮޑު އޮޅުވާލުން ކުރިން ނޭނގުނީތީ ވެސް ހައިރާނެވެ. ކޮންމެއަކަސް އޭސީސީގެ ތަހުގީގުން މިނިސްޓަރ އަމީން ކޮރަޕްޝަންގެ އަމަލުތަކެއްގައި ބައިވެރިވެފައިވާކަން މިވަނީ ސާބިތުވެފައެވެ. ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި މިފަދަކަމެއް ސާބިތުވެއްޖެނަމަ ކަންކުރާ ރިވެތި އުސޫލަކީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމެވެ. ކުރެވުނު ކުށަށް މާފަށްއެދި ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން އިތުރަށް ނޭދޭނަމަ އަމިއްލަފުޅަށް މަގާމުން އިސްދިއުފާ ދެއްވާށެވެ. ރީތިގޮތަކީ އެއީއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އިސްތިއުފާ ދޭނީ ކިހިނެތް ހެއްޔެވެ. ރައީސްގެ ފަޅިން އަމީނު ދުރުކުރާކަށް ބޭނުމެއް ނުވެެއެވެ. ދުރުކުރަން ބޭނުންވަނީ މިނިވަން ކަމާއެކު މައްސަލަ ތަހުގީގު ކުރި އިދާރާގެ މެންބަރުންނެވެ. ވރށ ދެރައެވެ.

  2. އިސްތިއުފާ ދޭކަށެއް ނުޖެހޭނެ ނުކުރާ ކަމެއްގައި. ތަހުގީގީ އިދާރާތަކަށް ފެނުނީ ކޯޗެއް؟ ކޯރަމް ހަމަނުވެގެން ކޯރަމް ހަމަކުރާށޭ ބުނި ވާހަކަ؟ މިއީ ކޮން ޤާނޫނެއްގެ ކޯއްޗެއްގެ ދަށުން ކުށަކަށް ވާ ކަމެއް؟ ދެން ބުނީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ނަމެއް ހުށަހެޅި ވާހަކަ. މިނިސްޓަރު ވިޔަސް އަދި ޕިޔޯނު ވިޔަސް ކޮންމެ މީހަކު ނަމެއް ހުށަހެޅިއަސް ޑިއު ޑިލިޖެންސް ހަދަން މަތިކޮށްފައިވާ ފަރާތަކީ ބިޑު ކޮމިޓީ. ބިޑު ކޮމިޓީ މަސްއޫލިއްޔަތެއް މިނިސްޓަރު ބޮލުގައި ނުވެސް އެޅުވޭނެ. ސާފުވެއްޖެ؟

Leave a Reply to Nasiru ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: