ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ސްޓޭންޑު ބަދަލުވެ ފަނޑިޔާރުން ރަތަށް: “ހެކި ނެތި ދައުވާކޮށް، ފޫ ނުބެއްދިގެން، މަތިމައްޗަށް އޭތި މީތި ތި ކިޔަނީ”

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ” ގޮއްވައިލި މައްސަލައިގައި ޖަލަށްލި ސިފައިންގެ މީހާއާ ގުޅޭ ކަންތައްތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް އަމާޒުވެ، ދައުލަތުން އެ ދައުވާ ކުރީ “ހެއްކެއް ނެތީސް ތޯ” ސުވާލު އުފައްފައިފިއެވެ.

ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ” ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވައިލި މައްސަލައިގައި އެއަށް އަރައި، ތަހުގީގީި އުސޫލުތަކާ ހިލާފަށް ހެކި ނަގި ކަމަށް ބުނެ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް އަދި އެމްއެންޑީއެފްގެ ދެ މީހެއް ކަމަށްވާ ސ. ފޭދޫ ބުލްބުލާގޭ، އަހުމަދު ތިހާމާއި ދަފްތަރު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުުކުމްކުރި އެވެ.

މޫސާ ޒަމީރާއި ޕާޕާގެ ޖަލު ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލް ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ތިހާމްގެ ފަރާތުންނެވެ. މައްސަލައިގައި ވާހަކަ ދައްކަވަމުން ދައުލަތުން ބުނެފައިވަނީ، މިއީ އެއް ދައުވާ ފޯމަކުން ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ތިހާމްގެ ޖަލު ހުކުމް ދެމެހެއްޓުމުން އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ. މައްސަލައިގައި ސުޕްރީމް ކޯޓުން އަޑުއެހުމެއް ބޭއްވިއިރު ދައުލަތުން މީގެ ކުރިން ދެއްކި ވާހަކާއި، އިއްޔެގެ އަޑުއެހުމުގައި ދެއްކެވި ވާހަކަތައް މުޅިން ތަފާތެވެ. ތިހާމްގެ ފަރާތުން ފާހަގަ ކުރަން ހުރި ނުކުތާތަކަށް ފަހު ދައުލަތުން ބުނެފައިވަނީ، ތިން މީހުންގެ މައްސަލަތައް ވެސް ކުރިޔަށް ގެންދިޔައީ އެކީގައި ކަމަށެވެ. އަދި ކުރީ ވެސް އެއް ތުހުމަތެއް ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީން މާލެވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ހާދިސާގެ ތެރެއިން/ ފޮޓޯ: ސަން

ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ޕާޕާގެ މައްޗަށް ކުރީ އެ ސަރަހައްދަށް ގޮސް އެ ތަނުގައި ތިބި ސިފައިންގެ މީހުންނަށް އަމުރު މައުރޫފް ހިންގާ އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ކުށުގެ ވެށީގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައި ނުވާތީ އެކަމުގެ ތުހުމަތު ކަމަށެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ އެ ދައުވާއަކީ ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 ވަނަ މައްދާގެ (ހ) ދަށުން ކުރެވިގެންވާނެ ދައުވާއަކަށް ނުވާތީ ކަމަށެވެ.

މީގެ އިތުރުން މައްސަލަ އިސްތިއުނާފު ކުރުމުން ޒަމީރުގެ ހުކުމް ހައިކޯޓުން ބާތިލު ކުރީ ވެސް ހަމަ އެ ގާނޫނުގެ ދަށުން ކަމަށް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ވަނީ ޒަމީރުގެ ހުކުމް ބާތިލު ކުރުމުގައި ހައިކޯޓުން ފާހަގަކޮށްފައިވާ ބައެއް ނުކުތާތައް ވެސް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ޒަމީރު މި މައްސަލައިގައި އަމަލު ކުރީ ކަމުގެ ތޮބީއްޔަތަށް ބަލާއިރު އޭނާގެ ވަޒީފާގެ ހައިސިއްޔަތުގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

ހައިކޯޓުން ދެ މީހުންގެ ދައުވާތައް ވެސް ބާތިލުކޮށްފައިވާތީ، ތިހާމްގެ ހުކުމް ވެސް ބާތިލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުން ބުންޏެވެ.

އެއާއި އެކު ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ހިންގައިގެން އުޅެނީ އެއް އަމަލެއް ތޯ ސުވާލު ކުރައްވާފައެވެ.

“ހަމަ އެއް ކަންތަކެއް ތޯ ކުރެއްވީ؟…. ދައުލަތުން ހައިކޯޓުގައި ވެސް ހުށަހަޅުއްވާފައި ހުރި ހެކި އަދި ކްރިމިނަލް ކޯޓުގެ ވެސް ހެކި ބަސް ދިން ފަރާތްތަކުގެ ބަޔާންތަކަށް ބަލާއިރު ތަފާތު ކަންތަކެއް ފާހަގަ ކުރެވޭ.. ހަމަ އެއް ކަންތަކެއް ތޯ ކުރެއްވީ؟…. މިހާރު އެއް ހާދިސާއެއްގައި އެކެއްގެ މައްޗަށް ސާބިތުވެފައި، އަނެކެއްގެ މައްޗަށް ސާބިތު ނުވެ ގޮސްދާނެ. އެހެން ވީމަ މިއީ އެއް ހާލަތެއް ކަމަށް ދަންނަވާނަމަ ތަންކޮޅެއް ތަފްސީލުކޮށް ދެއްވިދާނެ މި ކިހިނެއްކަން އެއް ހާލަތަކަށް މި ވަނީ. ކީއްވެގެން ކަން މި މައްސަލައިގައި މިގޮތަށް ހުކުމް ކުރެވިފައި އޮތަތީ ތަފާތު ކުރުމެއްކަމަށް މިބެލެވެނީ.” ފަނޑިޔާރު ޑރ. އަޒްމިރަލްދާ

ޖަވާބުގައި ދައުލަތުން ބުނީ ޕާޕާގެ މައްސަލަ ނިންމަވަމުން 530 ވަނަ މާއްދާގެ ދަށުން މިއީ ކުރެވިގެން ވާނެ ދައުވާއެއް ނޫން ކަމަށް ހައިކޯޓުން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ޕާޕާގެ އޯޑަރަކަށް ތިހާމް އަމަލު ކުރި ކަމަށް ބުނާއިރު ޕާޕާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ ތިހާމްގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް ދައުލަތަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

“އެހެން ކަމުން އަހުމަދު ފަޔާޒް އަލީ ރިޒާގެ އޯޑާރ އަށް އަހުމަދު ތިހާމް އަމަލުކޮށްފައިވާ ކަމަށް ބުނާއިރު، އަހުމަދު ފަޔާޒް އަލީ ރިޒާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވާފައިވާތީ އެއާއި އެއްގޮތަށް އަހުމަދު ތިހާމްގެ މައްޗަށް ދެން ދައުވާ ހުށަހެޅި ދާނެކަމަށް ގަބޫލެއް ނުކުރެވޭ” ދައުލަތް

ދައުލަތުން ބުނެފައިވަނީ ޕާޕާ އާއި، ޒަމީރުގެ މައްޗަށް ކުރީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާ ކަމަށެވެ. އަދި މި ދައުވާ ކުރީ ސެޕްޓެމްބަރު 28، 2015 ގައި ރިޔާސީ ލޯންޗުކޮޅު “ފިނިފެންމާ” އިއްޒުއްދީން ފާލަމާއި ގާތް ކުރި ވަގުތު ލޯންޗުން އެއްޗެއް ގޮވާ އެ ލޯންޗުން ދަތުރު ކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗަށް ގެއްލުން ވި ހާދިސާއާއި ގުޅިގެން ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭގެ ތެރެއިން ހަރަކާތްތެރިވި ސިފައިންގެ ބޭކަލުންނަށް އަމުރު ހިންގި މައްސަލަ ކަމަށެވެ. އަދި އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ކުށުގެ ވެށީގައި ރައްކާތެރިކަން ބެލެހެއްޓުމުގައި ފިޔަވަޅުތައް އަޅާފައި ނުވާތީ ކަމަށެވެ.

އޭގެ ފަހުން މައްސަލައިގައި ދެން ދައުވާ ލިބޭ ޒަމީރާއި ތިހާމް އެ ލޯންޗަށް އަރާ ކުށުގެ ވެށިގެން ތަކެތި ނެގުމުގައި ކަމާއި ގުޅުން ހުރި ވަސީލަތްތައް ބޭނުން ކުރުމަކައި ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގައި ހެކީގައި ބޭނުން ކުރެވިދާނެ އެއްޗެއް ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ތީ ކަމަށެވެ.

ލޯންޗުކޮޅު ގޮއްވާލި ހާދިސާއާއި ގުޅިގެން ހައްޔަރު ކުރި އަހްމަދު ފަޔާޒު ޕާޕާ އާއި ތިހާމް އަދި ޒަމީރު/ ފޮޓޯ: ސަން

ދައުލަތުގެ ވާހަކަތަކަށްފަހު ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ އެ މީހުންގެ މައްޗަށް ދައުވާ ކުރީ ހެޔޮ ނިޔަތެއް ނެތި ތޯ ސުވާލު ކުރައްވާފައެވެ. އަދި އެއްވެސް ހެއްކެއް ނެތީސް ދައުވާ ކުރީތޯ ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ސްޓޭންޑު ބަދަލުވުމުން، ގިނަ ސުވާލުތަކެއް ދައުލަތާއި އަމާޒު ކުރައްވާ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގުޅޭގޮތުންނެވެ. އެގޮތުން މައްސަލައިގައި އަދީބު މިނިވަންވެފައި ވަނީ ބަޔަކު ހެކި ފޮރުވުންތޯ ސުވާލު ކުރިއެވެ.

“އެ ފޮރުވީ ކޮން ބައެއް ތޯ؟ މި މީހުން ތޯ ނޫނީ އެހެން ބައެއް ތޯ؟…. ކިހިނެއްތޯ ވެގެން މި އުޅެނީ. ރަނގަޅަށް ސާފުކޮށް ދެއްވާ” ފަނޑިޔާރު ސުއޫދު

އެއާއި އެކު ދައުލަތުން ވަނީ އަދީބުގެ މައްސަލަ ނިމުގެ ގޮތުގެ ތަފްސީލު ދެއްވަން މަސައްކަތް ކުރައްވާފައެވެ. ފަނޑިޔާރު ސުއޫދު އަނެއްކާވެސް ސުވާލު ކުރެއްވީ “އަސްލު މައްސަލަ” ކޮބައިތޯ އެވެ. ޕާޕާ އާއި، ޒަމީރު އަދި ތިހާމްގެ ދައުވާ އާއި އަދީބުގެ މައްސަލައާއި ގުޅޭއިރު އެ މައްސަލައިގެ ވާނުވާ އަކީ ކޮބައިތޯ ސާފުކޮށް ދިނުމަށް ފަނޑިޔާރުން އެދިވަޑައިގެންނެވިއެވެ.

“ބައެއްގެ މައްޗަށް ހެކި ނެތީ ދައުވާ ކުރީ. ކިހިނެއް ވެގެން ތޯ ޕްރޮސެކިއުޝަން. ކޮށްގެން މިހާރު ތިއުޅެނީ އެކަން ދެކޮޅު ނުޖެއްސިގެން ދެއްތޯ؟ އެހެން ނޫން ތޯ ވެގެން މި އުޅެނީ. މޭލް ޕްރޮސެކިއުޝަން އަކީ ކުށެއްކަން އެނގިވަޑައި ނުގަންނަވާ ތޯ؟ އެހެން ވެގެން ނޫން ތޯ މިއަދު ތިހެން ވެގެން ތިއުޅެނީ. ހައިކޯޓަށް ގޮސް ވިދާޅުވަނީ ދައުވާ ކުރާނެތަން ނެތޭ، މި މީހުންގެ މައްސަލައިގައި ތިމަންނަމެން ދައުވާކޮށްފައި އޮތީ ނުބައިކޮށޭ… ހެކި ނެތި ބައެއްގެ މައްޗަށް ދައުވާކޮށްގެން އެކަން ފޫ ނުބެއްދިގެން މިހާރު މަތިމައްޗަށް އޭތި މީތި ތި ކިޔަނީ… ކިހިނެއްތޯ އޭ ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހާޒިރުވެ، މިހާރު ތި އެދިވަޑައިގަންނަވަނީ ހައިކޯޓުން އެ މައްސަލަ ނިންމާފައި އޮތް ގޮތަށް އަޅުގަނޑުމެން ތަބާވާށޭ… ކިހިނެއްތޯ މި ދެކޮޅު ޖައްސާނީ. މި ދެން ކޮން އުސޫލެއް ތޯ” ފަނޑިޔާރު ސުއޫދު

ދައުލަތުން ތަކުރާރުކޮށް ބުނަމުން ދިޔައީ ސްޓޭންޑު ބަދަލު ކުރަނީ އެއް ނޫން ކަމަށާއި، ހައިކޯޓުން އެގޮތަށް ކަނޑައެޅުމުން ދެން ތިބި މީހުންނަށް ވެސް އެ ގޮތަށް އަމަލު ކުރެވިގެން ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ދައުލަތުން އެދެނީ އެއް ހަމަ އަކުން އަމަލުކޮށް ދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

“ކިހިނެއްތޯ ޕްރޮފެޝަނަލީ ތީތީ ޑިފެންޑު ކުރާނީ…….. ކިހިނެއްތޯ ތީތީ ޑިފެންޑު ކުރާނީ ޕްރޮފެޝަނަލީ…” ފަނޑިޔާރު ސުއޫދު ރައްދުގައި ވިދާޅުވިއެވެ.

ދައުލަތުން ބުނީ މިއީ 2016 ވަނަ އަހަރު އޭރު ހުރި ހެކިތަކާއި ގަރީނާތަކަށް ބެލުމަށްފަހު ދައުވާ ކުރި މައްސަލައެއް ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވީ ދެ އަހަރު ނުވަތަ ތިން އަހަރު ފަހުން އެ ބަދަލު ވާން ޖެހުނު ސަބަބަށެވެ. އަދި މިއަދު ހެއްކެއް ނެތް ކަމަށް ވިދާޅުވާން ވީ ކީއްވެގެން ތޯ ވިދާޅުވިއެވެ. ކޮންމެ އަހަރެއްގައި ދައުވާއެއް ކުރިޔަސް އެ ދައުވާއެއް ކުރާނީ ހެކިތަކަށް ބިނާވެ ހުރެކަމަށް ފަނޑިޔާރު ފާހަގަ ކުރިއެވެ.

އެހެން ނަމަވެސް ދައުލަތުން ބުނީ ހެކި ބަދަލުވީ އެއް ނޫން ކަމަށެވެ. އަދި ދައުލަތުން ވާހަކަ ދައްކަނީ، ހައިކޯޓުން ހުކުމްކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. ދައުލަތުން ބުނެފައިވަނީ އަދީބާއި އެކުވެފައިވާ އެއްބަސްވުމާއި އެކު އޭނާގެ މައްޗަށް ވެސް މި މައްސަލަ ކުރިޔަށް ދާނެ ކަމަށެވެ.

“ކިހިނެއްތޯ ޕްލީ ބާގެއިން އެގްރިމެންޓެއްގައި ދުނިޔޭގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ހިމަނަނީ؟…. ދުނިޔޭގައި ލެއްވިހާ މައްސަލައެއް އޭގައި ހިމަނަނީ ކިހިނެއްތޯ…….. ޚިޔާނާތުގެ ދައުވާއެއް، ދެން މި އަންނަނީ މީހަކު މެރުމުގެ ނުވަތަ ޓެރަރިޒަމްގެ ދައުވާއެއް. އެ އެއްޗެއް ކޮމްބައިންޑް ކޮށްގެން ކިހިނެއްތޯ އަންނަނީ، ޕްލީ ބާގެއިން އެގްރިމެންޓަކަށް” ފަނޑިޔާރު ސުއޫދު

ޖަވާބުގައި ދައުލަތުން ބުނީ، އަދީބާއި އެކު އެއްބަސްވުން ހެދީ ކްރިމިނަލް ކޯޓުން އުފުލި ހަތް ދައުވާގައި ކަމަށެވެ. އެހެން ނަމަވެސް އިތުރު މައްސަލަތަކުގައި ޕްލީ ބާގެއިން އެގްރިމެންޓެއް ހަދާފައިނުވާނެ ކަމަށެވެ.

ހެކިތަކާއި ގުޅޭގޮތުން ދައުލަތުން ވާހަކަ ދެކެވެމުން ފަނޑިޔާރު ސުއޫދު ވަނީ، ލޯންޗުން ނެގި ހެކިތައް ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި މިހާރު އެތަކެތި ކޮބައިތޯ ސުވާލު ކުރެއްވިއެވެ. ދައުލަތުން ތަފާތު ގޮތަކަށް ވާހަކަ ދައްކަވާއިރު، ބޭނުންހާ ގޮތަކަށް އަމަލެއް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

” ދެން ކީއްވެގެން ތޯ ދައުލަތުގެ ސްޓޭންޑު ބަދަލުވެގެން މި އުޅެނީ.. ދައުވާ ދޫކުރެއްވޭނެ ހަމަތަކާއި އުސޫލުތަކެއް ގާނޫނުތަކުގައި އެބަހުރި. އެއީ ހުރިހާ ރައްޔިތުން ހަމަހަމަވާން ޖެހޭ ކަމެއް. މި މައްސަލާގައި ދޫކޮށްލާފައި އަނެއް މައްސަލާގައި ދޫނުކޮށް އެހެނެއް ނުހެއްދެވޭނެ….ލޯންޗުން ގެންދިޔަ ތަކެތި މިހާރު ކޮބައިތޯ؟ ވިދާޅުވެ ދެއްވާ…… ޝަރުއީ ކޯޓަކުން ހުކުމެއްކޮށްފިތޯ” ފަނޑިޔާރު ސުއޫދު

ދައުލަތުން ތަކުރާރުކޮށް ދެއްކީ އެއް ވާހަކައެކެވެ. އެއީ ހައިކޯޓުގެ ނިންމުމެވެ. ދައުލަތުން ބުނީ ސިފައިންގެ ގާނޫނުގެ 08 ވަނަ މާއްދާއާއި 16 ވަނަ މާއްދާގެ ދަށުން ޗެއިން އޮފް ކޮމާންޑު ލިބިގެން ނުވާ ކަމަށް ތިހާމްގެ މައްސަލައިގައި ވާ ކަމަށެވެ.

“ކޮން ޗީފް އޮފް ކޮމާންޑެއްގެ ވާހަކަތޯ ދި ދައްކަވަނީ، އިރު އިރުކޮޅާ. އަޅުގަނޑު މި އެހީ އެ ގެންދިޔަ އެތި ކޮބައިހޭ.” ފަނޑިޔާރު ސުއޫދު

ދައުލަތުގެ ވާހަކަތަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ފަނޑިޔާރުން ވަނީ ހެއްކާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. ފަނޑިޔާރު ސުއޫދު ވަނީ އުސޫލާ ޚިލާފަށް ލޯންޗުން ހެކިތަކެއް ނަގަން ޕާޕާ އެންގި ކަން އެނގެން އެބައޮތްތޯ ސުވާލު ކުރައްވާ އުސޫލާ ޚިލާފަށް ހެކިތަކެއް ނެގި މައްސަލަ މިހާރު ކޮބައިތޯ އާއި ވަކި މީހެއްގެ މައްސަލަ ވަކި ގޮތަކަށް ނިމުމުން ދެން ހުރި މައްސަލަތައް އެހެން ނިންމަން ލާޒިމް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ހޫނު ގަދަ ބަހުސްއަކަށް ފަހު ބުދަ ދުވަހު ކުރިޔަށް ގެންދިޔަ އެ އަޑުއެހުން ނިންމާލީ، މައްސަލައިގައި އިތުރު އަޑުއެހުމެއް ތާވަލު ކުރާނެ ކަން ހާމަކުރެއްވުމަށް ފަހުއެވެ. މި މައްސަލަ ބެއްލެވުމުގައި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 45%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to އައްޔައައްޔަ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: