ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ހަދަންވާނީ މަގާމުތަކުން ބައި އަޅަން ޖެހޭނެކަން އެނގިތިބެ!

ސަރުކާރު ކޯލިޝަންގެ އެންމެ އިސް ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރު ވެރިކަމަށް އައީ މިއީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ކޯލިޝަންކަމުގެ ފޮނި ވާހަކަތަކާއެކުއެވެ. ދުވަހަކުވެސް ނުރޫޅޭނެކަމަށް ބުނެ ދެއްކި ވާހަކަތަކާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބުވިތާ ދެއަހަރު ދުވަސްވެގެން ދިޔައިރު، ކޯލިޝަން އޮތްހިސާބާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ޚާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ކޯލިޝަނާއިމެދު ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ކޯލިޝަންގެ މެދުގައި އިހަށް އޮތް ބަދަހި ގުޅުން ނެތްކަން ހާމަވެގެންދެއެވެ.

ކަމެއް ރަނގަޅަށް ކޮށްފިނަމަ، އެކަން ވަނީ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ހިންގުންތެރިކަމުގެ ސަބަބުން ވާކަމަކަށެވެ. ކަމެއް ގޯހަށް ގޮސްފިނަމަ، އެއީ ކޯލިޝަނަށް ނިސްބަތްވާ އެހެން ޕާޓީއެއްގެ މެމްބަރެއްގެ ސަބަބުންނެވެ. އެއީ މިވީހާތަނަށް ފެނިފައިވާ މަންޒަރެވެ.

ކޯލިޝަން ހެދުމުގެ ކުރިން އެއް ޕާޓީ، އަނެއް ޕާޓީއާ ޚިޔާލު ތަފާތުކަން ކޮންމެވެސް އެއް ހިސާބެއްގައި އޮތް މަންޒަރު ވަނީ ފެނިފައެވެ. ބޮޑެތި ތުހުމަތުތައް ކުރެވި، ބޮޑެތި ދުޝްމަނުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކޯލިޝަންގެ ނަމުގައި ރިޔާސީ އިންތިޚާބަށް ނުކުތީ، ކަންކަން ހަމަމަގަށް އެޅުވުމުގެ ނަމުގައި ވެރިކަމުން ކޮންމެވެސް ބައެއް ބޭނުންވާތީއެވެ. އޭރުވެސް ކޯލިޝަން އުފެދިގެން އައިއިރު، އެގުޅުން އެގޮތަށް އޮންނާނީ ކިހާ ދުވަަހަކަށްތޯ އައީ ސުވާލު މެދު އުފައްދަމުންނެވެ.

ޚާއްސަގޮތެއްގައި، މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަކީ އެމްޑީޕީ ނޫން ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެއްނަމަ، ސަރުކާރުގެ ސްޕީޑް ލަސްވުމުގައި އެބޭފުޅުންގެ އިހުމާލު އޮންނަކަމަށް ބުނެ ވާހަކަތައް ފެތުރެއެވެ. ބައެއް ބޭފުޅުންގެ ނަން ފާހަގަކުރެއްވުމަށްފަހުވެސް، މިފަދަ ފާޑު ކިޔުންތައް އަމާޒުވެފައި އެބަހުއްޓެވެ.

ކޯލިޝަނެއްގައި ވެރިކަމަށް އައިއިރު، މަގާމުތައް ބަހާނެ ގޮތުގެ ކޮންމެވެސް ވަރެއްގެ އެއްބަސްވުމެއް ވާނީ ހެދިފައެވެ. އެކަމުގެ ހެއްކަކަށް ވަޒީރުންގެ މަޖިލީހުގައި ފުރަތަމަ ތިއްބެވި ވަޒީރުންނާއި މަގާމުތައް ހުރިގޮތުން އެނގިގެން ދާނެއެވެ. ވުޒާރާތައް ފަޅި ފަޅި ކުރަމުން، ގިނަވެގެން ދިޔުމުގެ ސަބަބުން، ވުޒާރާތަކުގެ މެންޑޭޓް އޮޅޭ ހިސާބަށް ކަންކަން ދިޔައެވެ. ހައުސިން މިނިސްޓްރީއަކާއި ޕްލޭނިން މިނިސްޓްރީއެއް އޮތެވެ. އެޑިޔުކޭޝަން މިނިސްޓްރީއަކާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއެއް އެބައޮތެވެ. ޔޫތު މިނިސްޓްރީ އަކާއި، އާޓްސް އެންޑް ކަލްޗަރ މިނިސްޓްރީއެއް އެބަ އޮތެވެ.

އޭރު ކޯލިޝަންގައި އޮތީ ބަދަހި ގުޅުމެކެވެ. ދުވަހަކުވެސް ނުކެނޑޭނެކަމަށް ބުނަމުންދިޔަ ވަރުގަދަ ގުޅުމެކެވެ. އެހެންނަމަވެސް، މިހާރު މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ.

އޭރު ރައީސް މުހައްމަދު ނަޝީދުވެސް ބުނަމުންދިޔައީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މައާފްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އީވާން ނަސީމްގެ މަރަށް މިއަހަރު 16 ފުރުނު އަހަރު ދުވަހު ފެނިގެންދިޔައީ އެއާ ޚިލާފު މަންޒަރެކެވެ. އެގޮތުން އީވާން ނަސީމް މަރާލި ދުވަހަކީ، ރައީސް މައުމޫންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔަ ދުވަހެއްކަމަށް ވިދާޅުވެފައިވެއެވެ. ރައީސް މައުމޫނަށް މައާފަކޮށްފިކަމަށްބުނެ، ކޯލިޝަން ހަދައި އެކުގައި ވެރިކަމުގައި ތިބިއިރު، މިވާހަކަ މިގޮތަށް ދެއްކުމުގެ ބޭނުމެއް މިއަދު އެބައޮތްތޯ ސުވާލު އުފެދެއެވެ.

ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު އަލީ އާޒިމްގެ ވާހަކަތައްވެސް ހުރި ގޮތުން ސީދާ ކޯލިޝަނާއި ދެކޮޅުކަން އެނގެއެވެ. އެގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ނުކުންނާނީ ކޯލިޝަނެއްގައިތޯ ނުވަތަ ނޫންތޯ ވަރަށް އަވަހަށް ނިންމަންޖެހޭކަމަށް ދާދި ފަހުން އާޒިމް ވަނީ ވިދާޅުވެފައެވެ. ކޯލިޝަނެއްގައި ވެރިކަން ކުރަމުން އައި ކަމުގައިވިޔަސް، ހަގީގަތުގައި ވެރިކަން ކުރަމުން ދަނީ އެމްޑީޕީއިންކަން ރައްޔިތުން ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވެފަވެއެވެ. އަދި ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާ އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުންގެ މަސައްކަތްތައް ހުންނަ ގޮތުން ފާޑުކިޔުން އަމާޒުވަމުންދަނީ އެމްޑީޕީއަށްކަމަށް އާޒިމް ވިދާޅުވެފައެވެ.

ވަޒީރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އަދި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އެމްޑީޕީ ނޫން ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެބޭފުޅުން ނިސްބަތްވާ ޕާޓީތައް ވަރުގަދަކޮށް ތަފާތު އިންތިޒާމްތައް ހަމަޖައްސައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްކަމަށް އާޒިމް ވަނީ ތުހުމަތުކުރައްވާފައެވެ. މިކަމުގެ ސަބަބުން، އެމްޑީޕީއަށް ވަފާތެރި މެމްބަރުންވެސް ޕާޓީ މަތިން ފޫހިވަމުންދާކަމަށް ބުނެ އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިއީ އެމްޑީޕީ މެމްބަރުން ކޯލިޝަނެއްގެ ތަޖުރިބާ ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. ކޯލިޝަނެއްގައި މަސައްކަތް ކުރަން ޖެހޭނީ ކިހިނެއްކަން، މަގާމުތައް ބަހާއިރު އެހެން ޕާޓީތަކަށް ބައި އަޅަން ޖެހޭނެކަން، އެހެން ޕާޓީއެއްގެ މެމްބަރެއް ކަމުގައިވިޔަސް، އެމެމްބަރަކުވެސް ތަމްސީލްކުރާނީ ސަރުކާރުކަން އެމްޑީޕީއަށް ވުރެ ރަނގަޅަށް އެނގޭނެ ޕާޓީއެއް އޮންނާނެކަމަށް ގަބޫލެއްނުކުރެވެއެވެ.

ކޯލިޝަން ސަރުކާރެއްގައި ތިއްބަވައިގެން ކޯލިޝަން ވެރިކަމަށް ފާޑުކިޔަމުން އަންނައިރު، މިއީ އެމްޑީޕިއިން ކޯލިޝަނެއްގައި ވެރިކަމަށް އައި ފުރަތަމަ ފަހަރެއްނޫނެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރީ ކޯލިޝަނެއްގެ ތެރެއިންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަނެއްގައި ނުކުތީ ކޯލިޝަނަކީ ކޯއްޗެއްކަން އެމްޑީޕީއަށް ރަނގަޅަށް އެނގިތިބެއެވެ. މަގާމުތައް އެހެން ޕާޓީތަކަށް ދޭންޖެހޭނެކަންވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެހެންވީމަ، މިހާރު ކޯލިޝަނެއްގައި ތިބެގެން ކޯލިޝަނަށް ފާޑުކިޔުމަކީ ރީތި ސިފައެއް ނޫންކަަމަށް ގަބޫލުކުރެވެއެވެ.

މިއިން ކޮންމެ ކަމަކުންވެސް ހާމަވަނީ އެންމެ ކަމެކެވެ! ކޯލިޝަނެއްގައި ވެރިކަމަށް އައުމަކީ އެކަމުގެ ނޭދެވޭ އަސަރު ޕާޓީތަކަށްވެސް އާންމު ރައްޔިތުންނަށްވެސް ކުރާނެ ކަމެއްކަމެވެ. އޭގެ ނަތީޖާއަކަސް ވެގެންދާނީ ފިތުނަ ފަސާދަ އުފެދިގެންން ދިއުމެވެ. ޝާއިރު ވިދާޅުވަނީ، ހިތުގެ ގަދަރެއް ނުވާ ލޯތްބަކީ ފިތުނައޭ، ފިތުނަވެރި ކަމުގެ އަލިފާނަކީ ކަރަނު ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: