ފުލުހުންނަށް ވިކްޓިމްގެ ބަޔާން ބަދަލެއް ނުކުރޭނެ ކަމަށާއި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިދިޔަ ޖޫން މަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސް، އޭނާގެ ގާނޫނީ ވަކީލުންނަށް ފުލުހުން ހަޖޫ ޖެހި މައްސަލައެއް ވަކީލުންގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައެވެ.
މި މައްސަލާގައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ބޭނުންވާ ގޮތަށް ވިކްޓިމްގެ ބަޔާން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ވަކީލުންނާއި ވިކްޓިމްއަށް ހަޖޫޖަހައި މަލާމާތް ކުރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވަނީ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ޓެގު ކުރައްވައި އެ މައްސަލަ ބަލައިދެއްވުމަށް އެދިފައެވެ.
You don’t get to change a victim’s statement to fit your narrative @PoliceMv. Harassing and mocking victims and their lawyers needs to stop. @M_Hameedh I hope you will look into this. https://t.co/LQFGfqLpXn
— Ahmed Usham (@a_usham) October 11, 2020
ސަފާރީ ކޭސްގެ ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަފީއްޔާ ރިޒާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަފާރީ ކޭސްގައި ޖިންސީ ޝިކާރައަކަށް ވީ މީހާގެ ސްޓޭޓްމެންޓު ބަދަލު ކުރުމަށް ފުލުހުން މަޝްވަރާ ކުރާތަން ފެނުމުން އޭގެއިން ވެސް މައްސަލައިގައި ފުލުހުންގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. މައްސަލައިގެ އައިއޯގެ ފަރާތުން ފެނުނު މި އަމަލު ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް ޝަފީއާ ވިދާޅުވިއެވެ.