ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، އޭނާ ފުލުހުންނަށް ދިން ބަޔާނަށް ބަދަލުތަކެއް ގެނައުމަށް މައްސަލައިގެ ފުލުހުންގެ އިންވެސްޓިގޭޓަރު އޮފިސަރު (އައިއޯ) ވާހަކަދައްކާ އަޑުއިވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފިއެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލި މައްސަލައިގައި ނޫސްވެރިންގެ ސުވާލުތައް ފުލުހުންނަށް އަމާޒުވެގެން ވެސް ދިޔައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކުރެވުނެވެ.
ކޭސްއާއި ގުޅޭ ވަހަކަތައް ނުދެކެވޭތާ ދުވަސްތަކަކަށްފަހު މިރޭގެ ވަގުތެއްގައި އަނެއްކާވެސް މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއާއި އެކުއެވެ. ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަފީއްޔާ ރިޒާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަފާރީ ކޭސްގައި ޖިންސީ ޝިކާރައަކަށް ވީ މީހާގެ ސްޓޭޓްމެންޓު ބަދަލު ކުރުމަށް ފުލުހުން މަޝްވަރާ ކުރާތަން ފެނުމުން އޭގެއިން ވެސް މައްސަލައިގައި ފުލުހުންގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. މައްސަލައިގެ އައިއޯގެ ފަރާތުން ފެނުނު މި އަމަލު ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް ޝަފީއާ ވިދާޅުވިއެވެ.
Despite repeated gross negligence by @PoliceMv in #SafariRapeCase @Noorbaan & I have remained patient in the hope of justice. This video of IOs mocking lawyers of a victim & trying to tamper with victim's statement, is clear evidence of intention of the police in this case. pic.twitter.com/3wckuCWbBX
— Shafeea Riza (@ShafeeaRiza) October 11, 2020
ޝަފީއާ ވަނީ މިފަދަ މައްސަލަތަކުގައި އާއްމުންނަށް ރައްކާތެރިކަމެއް ފޯރުކޮށްދެއްވަން ތިއްބެވި ބޭފުޅުންގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ މައްސަލައެއް ފެންމަތިވެގެން އައުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އާއްމުކޮށްފައި ވަނީ ދެ މިނެޓުގެ ވީޑިއޯއެކެވެ. އަދި އެ ވީޑިއޯގައި މައްސަލައިގެ އައިއޯ ވިކްޓިމްގެ ސްޓޭޓްމެންޓުގައި ހިމެނޭ ބައެއް ނުކުތާތައް ފާހަގަކޮށް އޭގެއިން އުނި ކުރަންވީ ބައިތަކަކީ ކޮބައިތޯ ސުވާލު ކުރެއެވެ. އެއާއި އެކު އޭނާއި އެކު ހުންނަ އިތުރު މީހަކު ހުރިހާ ވާހަކައެއް ހިމަނާފައިވާނެ ކަމަށް ބުނެއެވެ.
މި ވީޑިއޯއާއި އެކު އާއްމުންގެ ނުރުހުމާއި، ފާޑުކިއުންތައް ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި ފުލުހުންގެ މީޑިއާ ގްރޫޕުގައި މައްސަލައާއި ގުޅޭގޮތުން ސުވާލު ކުރުމުން، ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ކަން ހިނގައިދިޔަ ގޮތް ސާފު ކުރުމަށްފަހު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހުޅު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ކެންޔާގެ އަންހެން މީހާއާ މެދު ހިންގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވަނީ ވިދާޅުވެފައެވެ. ފާރީގައި ތިބި ދެ މީހުން ފަރާތުން ފުރައްސާރައާއި ކުރިމަތިވާން ފެށުމުން، އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބާއި ގުޅޭގޮތުން މަންނާނު ވިދާޅުވީ “އަންހެނަކު ސަލާމަތް ވާން ވެގެން، މޫދަށް ފުންމާލާނީ ބޮޑު ސަބަބެއް އޮވެގެންކަމަށް” ގަބޫލުކުރާ ކަމަށެވެ. މަންނާނު ވިދާޅުވީ، އެރޭ ސަފާރީގައި ޖިންސީ ގޯނާގެ އިތުރަށް އެހެން ބޮޑު ކަމެއް ވެސް އޭނާއާއި މެދު ހިނގިކަމަށް ބެލެވޭ ކަމަށެވެ. މަންނާނު ވިދާޅުވީ، އަންހެން މީހާ ތަހުގީގަށް ކިޔައިދިން ގޮތުގައި މޫދަށް ފުންމާލީ އޭނާއި މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްފަހު ދެވަނަ ފަހަރަށް ވެސް އެ އަމަލު ހިންގަން މަސައްކަތް ކުރުމުން ކަމަށެވެ.
ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް އެތަނުގައި ހިނގާފައި އޮވެދާނެ ކަމަށާއި އަދި ފުލުހުންގެ ފޯކަސްއަކަށް ވާނީ އެކަމެއް ތަހުގީގު ކުރުން ކަމަށް އޭރު މަންނާނު ވިދާޅުވިއެވެ. އެހެން ނަމަވެސް މައްސަލައަށް ތިން މަސް ވެގެން ދިޔައިރު ވެސް ކޭސްގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނެތެވެ. އަދި މައްސަލަ ޕީޖީއަށް ފޮނުވާފައި ވެސް ނުވެއެވެ.
One Response
ސާބަހޭ ލޯޔަރުންނަށް ވަރަށް ބްޜޭވް