ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަބޫލު ކުރާ ވަކި ހަމަތަކާއި އުސޫލުތަކެއް ވޭ، ވަކި މީހެއްގެ ފަހަތުގައި “ލޯ މަރައިގެން” ނުހުންނާނަން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް—ފޮޓޯ:- ދި އެޑްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަބޫލު ކުރާ ހަމަތަކާއި އުސޫލުތަކެއް ވާ ކަމަށާއި، އޭނާއަކީ އެއްގޮތަކަށް ވެސް ވަކި ބޭފުޅެއްގެ ފަހަތުން އުޅޭނެ ބޭފުޅެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސްލޮޓުގައި އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފައްޔާޒް އިސްމާއިލްގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މީގެ ދުވަސްތަކެއް ކުރިން ވަނީ މަސައްކަތްކޮށްފައެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރައްވާފައިވަނީ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭނާއަށް މީގެ ކުރިން އެހާ ބޮޑަށް ސިޔާސީ މަސައްކަތްތަކާއި އެކު އުޅެވިފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ އިސްލާހުގެ މަގަށް ކުރި މަސައްކަތާއި އެކު، ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ވަދެވި އޭގެ ހިއްސާއަކަށް ވެވިފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާގެ ބޭނުމަކީ ގައުމާއި ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

ފައްޔާޒް ވަނީ މަގާމެއްގައި ހުންނައިރު އަންނާނެ ދަތިތައް ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ ވަޒީރެއްގެ މަގާމުގައި ހުންނަވާއިރު މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރެވޭތީ ރައީސުލްޖުމްހޫރިއްޔާ ވެސް އެ ބޭފުޅަކު މަގާމުން ވަކި ކުރައްވަފާނެ ކަމަށެވެ. އެހެން ނަމަވެސް ގައުމު ހަމަ މަގަށް ގެނައުމަށް ކުރާ މަސައްކަތެއްގައި ދެމި ހުންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މަގާމާއި މެދު ސުވާލެއް އުފެއްދުމަކީ، ނުވަތަ ޒިންމާތައް އަދާ ނުކުރާކަމަށް ބުނެ މަގާމުން ވަކި ކުރިޔަސް ހުންނަވާނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ޕާޓީއިން ޑިމޮކްރެޓިކް ހަމަތަކާއި، އިންސާފަށް މަސައްކަތް ކުރާހާ ހިނދަކު އޭނާގެ ފިކުރު ބަދަލެއް ނުވާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އޭނާ ގަބޫލު ކުރާ އުސޫލުތަކާއި، ހަމަތަކެއް ވާ ކަމަށާއި ވަކި މީހެއްގެ ފަހަތުން “ލޯ މަރައިގެން” ހުރެ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

“އެކަމަކު އަޅުގަނޑަކީ ވަކި ނަމަކަށް ވަކި މީހެއްގެ ފަހަތުގައި ކޮންމެހެން ލޯ މަރާލައިގެން ހުންނާނެ މީހެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ކަންކަމުގެ ފަހަތުގައި އަޅުގަނޑު ހުންނާނީ،” ފައްޔާޒު

ފައްޔާޒަށް އިތުބާރު ނެތް ކަމަށް ވޯޓު ހަމަކުރުމަށް ކުރި މަސައްކަތަށް ރައްދު ދެއްވާ ފައްޔާޒް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރެއްވިކަން އެނގިފައި ނެތް ކަމަށެވެ. އަދި މަގާމާއި މެދު ސުވާލުތަކެއް އުފައްދާ، އެފަދަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެންނަނީ ވެސް މީޑިއާތަކުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ދަންނަ، ގާތް އެތައް މެމްބަރުން ތިބިއިރު އެފަދަ މެމްބަރެއްގެ ފަރާތުން ވެސް ސޮއި ހަމަ ކުރަން މަސައްކަތް ކުރާ ކަމުގެ އަޑު އިވިފައި ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އޭގެއިން މެމްބަރެއް ވެސް އެއްވެސް ސިޓީއެއްގައި ސޮއިކޮށްފައި ނުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ނަމަވެސް، ފައްޔާޒާއި މެދު ހިތް ހަމަނުޖެހުން އޮތްކަން އެނގޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕެއްގެ ސްކްރީންޝޮޓުތަކެއް ލީކުވެފައިވެއެވެ. އަދި އެ ޗެޓުލޮގުތަކުގައި ވަނީ ރައީސް ނަޝީދު ފައްޔާޒާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކެވެ. އޭގެ ތެރޭގައި ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ވެސް ކުރައްވާފައިވާއިރު، ޕާޓީގެ ތެރޭގައި “ބްރޯ” ހެދިގެން ނޫޅުމަށް ރައީސް ނަޝިދު ފައްޔާޒަށް ގޮވާލާފައިވެއެވެ. އަދި މެމްބަރުންގެ ސޮއި ހަމަ ކުރުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނާއި ވެސް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޕާޓިގެ ތެރޭގައި ބްރޯ ހެދިގެން ނޫޅުމަށް ގޮވާލާފައިވާ މައްސަލައިގައި ސީދާ ޖަވާބެއް ނުދެއްވާ ފައްޔާޒް ވިދާޅުވީ އެއީ ކޮން ކަމަކާއި ގުޅުވާ ދައްކަވާ ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައުޟޫއަށް އެހާ ބޮޑަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ އެމަނިކުފާނަކީ އެއީ އިސްލާހީ ހަރަކާތްތަކުގެ ބާނީ ކަމަށެވެ. އަދި އެމްޑީޕީން ގެންނަން މަސައްކަތް ކުރާ ބަދަލުތައް ތަންފީޒު ކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ފައްޔާޒް މަގާމުގައި ހުންނެވި ނަމަވެސް މިހާރު މިނިސްޓަރު ކަމުގެ މަގާމުގައި އޭނާ ހުންނެވީ މަގާމުން ވަކިކުރުމާއި އެއް ހަމަ އެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ފެންނަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު، ޕާޓީ އަށް ލިބިދާނެ ގެއްލުމަކަށްޓަކާ ކަމަށެވެ. ރައީސް ނަޝީދު ވަނީ މިއީ ޒާތީ މައްސަލައެއް ނޫންކަން ވެސް ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުގައި މިވަގުތު ނުހިނގާ ކަމަށާއި އެކަމަކު އެކިއެކި ވަޒީރުންނާ ގުޅޭ ކަންކަން އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ހިނގަމުންދާ ކަމަށެވެ. އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުމަކީ އެ ޕާޓީން އަބަދުވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ ކަންކަން ކަމަށާއި އެކަމާ ގުޅިގެން އެމްޑީޕީން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: