ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔައުގޫބްގެ ގޮނޑި ގެއްލުނުކަމަށް ބުނާ މައްސަލައިގެ، އަޑުއެހުމެއް ބުރާސްފަތި ދުވަހު!

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަން ތާވަލު ކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުގެ ގޮނޑި ގެއްލިޖެކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ، މުހައްމަދު ހަލީމެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ވައްދާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ގައެވެ. އަދި ކޯޓުން އެ މައްސަލަ ބަލައިގަނެ، މިހާރު ވަނީ މައްސަލައިގެ އަޑުއެހުން ބުރާސްފަތި ދުވަހުގެ 9:00 އަށް ތާވަލު ކޮށްފަ އެވެ.

މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކުރުމާއި ގުޅިގެންނެވެ. މައްސަލަ ކޯޓަށް ހުށަހަޅާ ހަލީމް ބުނެފައި ވަނީ ޔަގޫބް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާއި ހިލާފުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް މައްސަލައިގައި ވެއެވެ.

ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ އިތުރު އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނީ ގޮތުން ޔައުގޫބްގެ ގޮނޑިއާއި މެދު ސުވާލު އުފައްދަން ފެށުމުން އޭނާ ޗާޓަޑް އެކައުންޓްސް ކައުންސިލުން އިސްތިއުފާ ދިނެވެ. ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ވަކި މަގާމެއް ގަބޫލުކޮށްގެން މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މެމްބަރުންގެ ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުގެ ސަބަބުންނެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: