ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބައިވަންތަކަން ދެމެހެއްޓުމަކީ އެންމެންގެވެސް ޒިންމާއެއް

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ދުވަސްވަރެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް، ބޭރުގެ ލިޔުންތަކުންނާއި ފެންނާންހުރި ތާރީޚީ ލިޔުންތަކުގެ އިތުރުން ތުންތުންމަތިން އައިސްފައިވާ ވާހަކަތަކުން، މިރާއްޖޭގައި މީހުން އުޅޭތާ ފަންސަވީސް ހާސް އަހަރަށްވުރެ ނުވަތަ އެއަށްވުރެ ގިނަދުވަސް ވެދާނެއެވެ.ޖޯގްރަފިކަލް ގޮތުން އިންޑިޔާ ކަނޑުގައި، ދިވެހިރާއްޖެ އޮންނަ މަޤާމުން، ކައިރީގައިވާ ޤައުމުތަކުން، ޚާއްޞަކޮށް އިންޑިޔާ، ސިލޯނުން އެޒަމާނުގައި ރާއްޖެއަށް މީހުން އައިސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އިންޑިޔާ ހުޅަނގު ދެކުނު ސަރަހައްދުގެ މަސްވެރިން، އެމީހުން އެއިރަކު ގެންގުޅުނު އުޅަނދު ފަހަރުގައި ރާއްޖެއަށް އައިސް، ގޮސް އުޅޭކަން ތާރީޚީ ލިޔުންތަކުން ފެންނާއެބަހުއްޓެވެ.

މިލާދީގެ ޤަރުނުތަކުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގައި މީހުން އުޅެފައިވާކަން އެނގެނީ ބޭރުގެ ލިޔުންތަކުންނާއި އަދި ބައެއް ފޯކްލޯރ، ނުވަތަ ތުންތުން މަތިން އައިސްފައިވާ ވާހަކަތަކުންނެވެ. މިފަދަ ހުރިހާ ތާރީޚީ ލިޔުންތަކުން އެގެން އޮތް އެއްކަމަކީ ދިވެހިރާއްޖޭގައި މީހުން އުޅެން ފެށީއްސުރެ ދިވެހިންނަކީ ވަރަށް އެއްބައިވަންތަ، އެކުވެރި، އަޚްވަންތަ ގުޅުމެއް އަބަދުވެސް އޮންނަ ބަޔެއްކަމެވެ. ދިވެހިންނަކީ އެއްބައިވަންތަ ކަމުގެ ނަމުނާއެއް ކަމަށް ދައްކުވައިދޭ މިންވަރަކީ، އިރުއޮއްސޭ ވަގުތު މަހުން ލަފާ ދޯނިންގެންނަ މަސްކޮޅުން، ތައްޔާރުކޮށްލާ ގަރުދިޔަ ފޮދު ވެސް ވަށައިގެންއުޅޭ އަވަށްޓެރިންނަށްދީފަ ނޫނީ ރޭގަނޑުގެ ކެޔުމަށް ނުފަށާ ބަޔަކުވެސް އެއްޒަމާނެއްގައި ދިވެހިންގެ ތެރޭގައި ތިބިކަމެވެ.

މިދެންނެވި މިސާލަކީ ރާއްޖޭއާ ގުޅޭ ވަރަށް ގިނަ ތާރީޚީ ލިޔުންތައް ލިޔުއްވި ފްރާންސްގެ ރައްޔިތެއްކަމަށްވާ ޕިރާޑް ޑި ލަވާލް ދިވެހިންގެ އެއްބައިވަންތަކަން ކުރުގޮތަކަށް ސިފަކޮށްދޭ ގޮތް ކަމަށް ބައެއް ތާރީޚީ ލިޔުން ތަކުގަ ފެންނަން އެބަހުއްޓެވެ. މިނޫނަސް މިފަދަ އެތަށް ކަމެއްގައި ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަންވަނީ ދައްކުވައިދީފައިވެއެވެ.

ޒަމާނުއްސުރެ ދިވެހިން އެކަކު އަނެކަކަށް، އެއްބަޔަކު އަނެއް ބަޔަކަށް ގަދަރު ކުރާމިންވަރު ވަނީ ފެނިފައެވެ. ކަޅާ ހުނދުގެ ޒަމާންނިމި ދިވެހިންގެ ތެރެޔަށް ތަޙުޒީބުގެ ކުލަވަރުތައް ވަންނަން ފެށިހިސާބުން ފެށިގެން، ދިވެހިންގެ ތެރޭގައި އޮތް އެކުވެރި ކަމާ، އަޚުވަންތަކަން ދިއައީ ފަޑުވަމުންނެވެ. އެކަކު އަނެކަކަށް އެއްބަޔަކު އަނެއްބަޔަކަށް ކުރާ ޤަދަރާ އިޙްތިރާމް ދިޔައީ ކުޑަވަމުންނެވެ. ޒަމާނުއްސުރެ އުޅެމުން އައި އާދަކާދަތައް ވަޅުޖެހި ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާ، އެކުވެރި އަޚްވަންތަކަން ރޫޅެން ފެށިއެވެ. ނަމަވެސް ޤަޢުމަށް ދިމާވާ ކުއްލިޙާލަތްތަކުގައި ނުވަތަ ކާރިސާތަކުގައި އަދިވެސް ދިވެހިންގެ ކިބައިން އެކުވެރިކަމާއި އެއްބައިވަންތަކަން ފެނެއެވެ.

އެފަދަ މަންޒަރުތައް މިހާރު ފެންނަނީ ބައެއް ޙާލަތް ތަކުގައެވެ. ޢާއްމު ހާލަތް ތަކުގައި ކުރިން ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ފެނެޔޭ ދެންނެވުމަކީ ދަތި ކަމެކެވެ. ދިވެހިންގެ އެއްބައިވަންތަކަމާ އެކުވެރި ކަމުގެ މާޙަޢުލަށް ސިޔާސީ ހަލަބޮލިކަން އަންނަންފެށި ހިސާބުން ދިވެހިންގެ އެއްބައިވަންތަކަން ވަނީގެއްލެން ފަށާފައެވެ. ޚާއްސަކޮށް ދެހާސްތިންވަނަ އަހަރުގެ ފަހުކޮޅު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ވަރުގަދަ ކޮޅިގަނޑެއް އުފެދި އަރައިގަނެގެންދިޔަ ލޮޅުންތަކެއްގެ ސަބަބުން ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ބިންގާ ރޫޅިގެންދިޔައެވެ.

އެއަށްފަހު ދެހާސް ފަސްވަނަ އަހަރު އެކިކުލަ ކުލައިގެ ސިޔާސީ ޕާޓީތައް އުފެދި، ސިޔާސީ މައިދާނުގަ ހަރަކާތްތެރިވާން ފެށިހިސާބުން ދިވެހިންގެ އެއްބައިވަންތަކަމުގެ ބިންގާ ފުޑުފުޑުވެ ބައިބާވެގެން ގޮސް ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަންނެތި ވަޅުޖެހިގެންދިޔައެވެ. އެކަކު އަނެކަކަށް ބަލާމިންވަރު ކުޑަވެގެންދިޔައެވެ. ގެޔަކަށް ވަންނަންދާއިރު އެގެއެއްގެ ފާރުގައި ނުވަތަ ދޮރުގައި ލާފައި ހުންނަ ކުލަކުން އެގެޔަށް ނުވަދެ އެއްބަޔަކު އަނބުރާލާފަ ދާއިރު، ވަކި މީހެއްގެ ޕޯސްޓަރު އެގެޔެއްގެ ފާރުގަ ތައްކޮށްފަހުރުމުން ނުވަދެދާ މީހުންވެސް މިހާރު ދިވެހިންގެ ތެރޭގައި އެބަތިއްބެވެ.

ވަކި ކުލައެއްގެ ޕާޓީ އަކަށް ތާޢީދު ނުކުރާތީ ނުވަތަ ވަކި މީހަކާ އެއްކޮޅަށް ވާހަކަދެއްކުމުގެ ސަބަބުން ބައެއްފަހަރު ދެމަފިރިން ވަރިވެ ޢާއިލާތައް ރޫޅޭ ތަން މަދުންނަމަވެސް ފެންނަމުން ދިޔުމަކީ ހިތާމަކުރަން ޖެހޭކަމެކެވެ. ހަމަ އެފަދައިން ވަކި ކުލައެއްގެ ބަޔަކާއި ގުޅެން ސޮއި ނުކޮށްގެން ނުވަތަ ވަކި ބައެއްގެ ސިޔާސަތަށް ތާޢީދު ނުކުރާތީ ޒަމާނުއްސުރެ ކައިރީގައި ދިރިއުޅޭ އަވަށްޓެރިންނާއި ހަތަރު ކަޅިހަމަކޮށް ބަލާލަން އެއްބަޔަކު އުޒުރުވެރިވެއެވެ.

ކުލަކުލައިގެ ޖަލްސާތަކަށާއި މުޒާހަރާތަކަށްދާން އިންކާރު ކުރުމުގެ ސަބަބުން، މައިންބަފައިންނާ ދަރިންގެ ދެމެދުގެ ގުޅުން ހީނަރުވެ، ތިމާގެ އެއްބަނޑު އެއްބަފާ މީހުންނާ އަގައިން ބުނެލަން ބޭނުންނުވާ މީހުން މިއަދު ދިވެހިންގެ ތެރޭގައި އެބަތިއްބެއެވެ. ނަމަވެސް މިފަދަ ކަންތައްތައް މިގޮތައްވާން ނޭދޭނެ ބަޔަކުވެސް ދިވެހިންގެ ތެރޭގައި ތިބޭނެކަމާމެދު ޝައްކެއްނެތެވެ. އެންމެންނަކީވެސް އިންސާނުންނަށް ކަމަށްވީހިދު ހުރިހާ އެންމެންގެ ޚިޔާލާ ވިސްނުން އެއްގޮތްނުވާނެކަމާ، ތަފާތު ޚިޔާލުތަކާ ތަފާތު ވިސްނުންގެން ގުޅޭ މީހުން ތިބޭނެކަން ޤަބޫލް ކުރަންޖެހެއެވެ.

މީގެ މާނަޔަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާ އަޚްވަންތަކަން ގެއްލުވާލުމެއްނޫނެވެ. އެއާ ޚިލާފަށް އެމީހަކު ގެންގުޅޭ ފިކުރަކާ ޚިޔާލު، ވަކި ޚުދޫދެއްގެ ތެރޭގައި ބޭއްވުމަށްފަހު، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާ، އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއަކަށް ވާންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: