ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެލައިޑުން އެދިއްޖެ

އަބްދުﷲ ޖާބިރު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒް ކުރުން ފަސްކޮށްދިނުމަށް އެލައިޑް އިންޝުއަރެސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިއްޖެއެވެ.

ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި މައްސަލަ ތަންފީޒް ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ އާދީއްތަ ދުވަހު ބޭއްވި މި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައެވެ.

ޔޮޓް ޓުއާސްއިން ހިންގަމުން އަންނަ ހއ. އަލިދޫ ރިސޯޓުން އިންޝުއަރެންސްގެ ފައިސާ ދައްކާފައިވަނިކޮށް މޫސުން ގޯސްވެ ރަށް ބޭނުން ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ދުވަހާއި ދެމެދު ކުރި ވިއްސާރައިގައެވެ. ގުދުރަތީ ހާދިސާއެއްގައި ރަށް ބޭނުން ނުކުރެވޭވަރަށް އެކި ގެއްލުންތަކެއް ލިބުނުއިރު، އަލިދޫ ރިސޯޓުގެ މޫދު ކޮޓަރިތަކަށް ވެސް ގެއްލުންވެ ބޭނުން ނުކުރެވޭވަރަށް ހަލާކުވިއެވެ.

މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ، އެ ހާދިސާގައި ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ އެލައިޑާއި ދެމެދު ސޮއިކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލުން ވެފައިވާ ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންދުނިން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްއަށް އިންޝުއަރެންސް ކެލެއިމްގެ ގޮތުގައި ބަދަލު ކުރަންޖެހޭ ގެއްލުންތަކެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.

ހާދިސާއާއި ގުޅިގެން އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޮޓް ޓުއާސްއިން ހޯދުމަށް އެދިފައިވާ US$22,784,837.59 (ބާވީސް މިލިއަން ހަތް ލައްކަ އައްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ހަތަރު އެމެރިކާ ޑޮލަރު) ހަ މަސް ދުވަހުގެ ތެރޭގައި ޔޮޓް ޓުއާސްއަށް ދިނުމަށް އެލައިޑުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމް އެލައިޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބޭއްވި މައްސަ؛ައިގެ ފުރަތަމަ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް  އެލައިޑުން އެދިފައި ވަތީ އަމުރާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދޭ ސަބަބާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ ގާނޫނީ ވަކީޅް އަހުމަދު މުއީޒް ވިދާޅުވީ  ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި މައްސަލަ ތަންފީޒް ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެނުދީފިނަމަ އެލައިޑް އިންޝުއަރެންސްއަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިގައިދާނެ ކަމަށެވެ.

އެގޮތުން ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމުގެ އަމުރެއް ހައިކޯޓުން ނެރެނުދީފިނަމަ އެލައިޑް އިންޝުއަރެންސްގެ އެކައުންޓުތައް ފްރިޒްކުރުމުގެބިރު އެބައޮތް ކަމަށާއި އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކުންފުނީގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ހިގައިދާނެ ކަމަށް މުއީޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރެއް ހައިކޯޓުން ނެރެނުދީ ވަނިކޮށް މައްސަލައިގެ ތަންފީޒް މަރުހަލާ ސިވިލް ކޯޓުން ފަށައިފިނަމަ އެލައިޑް އިންޝުއަރެންސްއާއި ބޭރުގެ އެހެން ކުންފުނިތަކާއި ދެމެދު އޮންނަ އިތުބާރު ގެއްލި ކުންފުނީގެ ވިޔަފާރި ހުއްޓުމަކަށް އައުމުގެ ބިރު ވެސް އެބަ އޮތް ކަމަށެވެ.

އެހެން ކަމުން އެލައިޑުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެލައިޑުގެ ފަރާތުން ވަނީ އެދިފައެވެ.

އެލައިޑުން އެދިފައިވާ ވަގުތީ އަމުރާއި ގުޅިގެން ޔޮޓް ޓުއާސްގެ ގާނޫނީ ވަކީލް ވިދާޅުވީ އެލައިޑުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ޔޮޓު ޓުއާސްގެ ވަކީލް ވިދާޅުވީ ސިވިލް ކޯޓުގައި ދަރަނީގެ މައްސަލައެއް ސާބިތުވުމަށް ފަހު މައްސަލަ ރައްދުވާ ފަރާތުން އެ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ކޮށްފިނަމަ  އިސްތިއުނާފުގެ މައްސަލަ ނުނިމެނީސް މައްސަލައިގެ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާ ސިވިލް ކޯޓުން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ވިދާޅުވީ ޔޮޓު ޓުއާސްއަށް 22،7 މިލިޔަން ޑޮލަރު ދައްކަން އެލައިޑުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒް ކުމުގެ ގޮތުން ސިވިލް ކޯޓުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން ހުކުމް ތަންފީޒް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން ނުޖެހޭ ކަމަށް ޔޮޓު ޓުއާސްގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ.

ޠޮޓް ޓުއާސްގެ ވާހަކަތަކަށް ރައްދު ދެއްވައި އެލައިޑުގެ ފަރާތުން ބުނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުމަށްޓަކައި މިހާތަނަށް ސިވިލް ކޯޓުން އެއްވެސް މަރުހަލާއެއް ފަށާފައި ނެތް ކަމަށާއި ނަމަވެސް ހުކުމުގައި ބުނެފައިވާ ގޮތަށް އެލައިޑުން ޔޮޓު ޓުއާސްއަށް ފައިސާ ދައްކާފައި ނުވާތީ ޔޮޓް ޓުއާސްގެ ފަރާތުން ސިވިލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަދި އެ ސިޓީގައި އެދިފައި ވަނީ ހުކުމް ތަންފީޒް ކޮށްދިނުމަށް ކަމަށް އެލައިޑުގެ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ސިވިލް ކޯޓުގެ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން ވަގުތީ އަމުރު ނެރެދޭން ޖެހޭ ކަމަށް އެލައިޑުން ދެކޭ ކަމަށް ކުންފުނީގެ ވަކީޅުން ވިދާޅުވިއެވެ.

މައްސަލައިގެ އަޑުއެހުން ނިންމަވާލައްވަމުން ޝަރީޢަތުން ވިދާޅުވީ ވަގުތީ އަމުރާއި މެދު ޝަރީޢަތުން ގޮތެއް ނިންމުމަށް ފަހު އެކަން އެލައިޑް އިންޝުއަރެންސްއާއި އަދި ޔޮޓު ޓުއާސްއަށް އަންހަވާނެ ކަމަށާއި އަދި ވަގުތީ އަމުރާއި މެދު ޝަރީޢަތުން ނިންމާ ނިންމުން ހައިކޯޓުގެ ވެބްސައިޓުގައި ވެސް އާންމު ކުރާނެ ކަމަށް ޝަރީޢަތުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: