ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީންނަށް ސްޓެލްކޯއިން “ފަހި ފުރުސަތު”: ތަމްރީނުތަކާއި އެކު މުޖްތަމައުގެ ރީތި ދިރިއުޅުމަކަށް ވަޒީފާގެ ފުރުސަތު!

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި މައްސަލައިގެ ކުށުގައި ޖަލުގައި ހުކުމް ތަންފީޒުކޮށް ނިންމާ ގައިދީންނަކީ އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުވަންނާނެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އާއި، ސްޓެލްކޯ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތަފާތު އެކި ކުށްތަކުގައި ޖަލަށް ލެވޭ މީހުން ޖަލު ހުކުމް ތަންފީޒުކޮށް ނިންމާ މުޖްތަމައުއަށް އެނބުރި ނިކުންނަފަހުން ވެސް ވަޒީފާތައް ނުލިބޭތީ މީގެ ކުރިންވެސް ކަންބޮޑުވުންތަކެއް އައިސްފައިވެއެވެ. އަދި ޖަލުގައި ގައިދީންނަށް ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ހިންގުމާއި، ކޯސްތައް ހިންގައެވެ. އެހެން ނަމަވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާއެއް ނުލިބި އެހެން މަގުމަތީ އުޅެންޖެހުމުގެ ސަބަބުން އަނެއްކާވެސް ކުށުގެ ވެއްޓަށް ވަދެވިގެން ދިއުމެވެ. ސްޓެލްކޯ އާއި މޯލްޑިވްސް ކަރެކްޝަލް ސާވިސް ދެމެދުވީ މި އެއްބަސްވުމުގެ ސަބަބުން ދެވަނަ ފަހަރަށް އެ މީހަކަށް ކުށުގެ ވެއްޓަށް ވަނުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެއެވެ.

“ފަހި ފުރުސަތު” ގެ ނަމުގައި މި އެއްބަސްވުން އެކުލަވާލާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ޕްރޮގްރާމްގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ދެ ފަރާތަށް ވެސް އޮންނާނެއެވެ. ސްޓެލްކޯގައި މިކަމާއި ގުޅިގެން މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާރ އޮފް ޕްރިޒަންސް އަހުމަދު މުހުމަދުގެ އިތުރުން ދެ ތަނުގެ ވެސް އިސް ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މި އެއްބަސްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއީ މުޅި ރާއްޖޭގެ ސުލްހައާއި ގުޅިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި ހާއްސަކޮށް ރަނގަޅު މުޖްތަމައުއެއް ބިނާ ކުރުމަށް ކުރިޔަށް އެޅިގެން ދާ ފިޔަވަޅެއް ކަމަށެވެ. އިމްރާން ވިދާޅުވީ ރާއްޖޭގައި ކުށުގެ ވެއްޓަށް ވަންނަ މީހުންގެ އަދަދު އިތުރު ކަމަށެވެ. އެހެން ނަމަވެސް އެކި ކުށްތަކުގައި ޖަލަށް ލެވޭ މީހުން ހުކުމް ތަންފީޒުކޮށް ނިމޭއިރު އެއީ މުޖްތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާ މީހަކަށް ހެދުން މުހިންމު ކަމަށެވެ. އަދި އޭނާއަކީ މަސައްކަތަށް ފަރުވާތެރި، ރަނގަޅު ތަމްރީނުތަކެއް ލިބިފައިވާ ބަޔަކަށް ހެދުން މުހިންމުކަމަށް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

“މި ގޮތަށް މަސައްކަތް ކުރެވުނީމާ، އަޅުގަނޑުމެންނަށް ހައްލު ކުރެވޭ އެއްކަމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެއް ގައިދީއަކު ނިކުންނައިރު އޭނައަށް ދިރިއުޅޭނެ މަގެއް، ބޯހިޔާވަހިކަން ލިބޭނެ މަގެއް ތަނަވަސްވެފައި ނެތުމުން އަނެއްކާވެސް ދެވަނަ ފަހަރަށް ޖަލުގެ ތެރެއަށް އެނބުރި ދިޔުމަށް އެބަ މަގުފަހިކޮށްދޭ. އެހެން ނަމަވެސް މި ޕްރޮގްރާމް ރަނގަޅު ގޮތެއްގައި އަޅުގަނޑުމެންނަށް ހިންގިއްޖެކަމަށް ވާނަމަ އަޅުގަނޑު ގަބޫލު ކުރަނީ މި ކޮށައި ދެވޭ މަގަކީ ގައިދީން ނިކުންނައިރު އޭނާގެ ދިރިއުޅުން ފަށައިގަތުމަށްޓަކާ ކޮންމެސް މިންވަރެއްގެ ތައްޔާރީތައް ހުންނާނީ ވެވިފައި. އަދި ވަޒީފާގައި އިތުރަށް ކުރިޔަށް ދިއުމަށް އޭނާއަށް ހިއްވަރު ލިބިގެންދާނެ” އިމްރާން

އިމްރާން ވިދާޅުވީ އުންމީދަކީ ސަރުކާރުގެ އެކި ކުންފުނިތަކާއި، އަދި އަމިއްލަ ކުންފުނިތަކުން ވެސް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ގައިދީން ރިހިބިލިޓޭޓް ކުރުމަށް ކުރާ މަސައްކަތަށް އާއްމުންގެ ވެސް އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިއުން ކަމަށެވެ. އިމްރާން ވަނީ މުޖްތަމައުގައި ކުށް މަދު ކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުން ކަން ވެސް ފާހަގަކުރައްވާފައެވެ.

ރަސްމިއްޔާތުގައި އަހުމަދު މުހައްމަދު ވިދާޅުވީ ކަރެކްޝަންސްއިން އަބަދުވެސް މަސައްކަތް ކުރަނީ ގައިދީން މިނިވަންވެ ނިކުންނައިރު އެއީ މުޖްތަމައު ބަލައިގަންނަ ބަޔަކަށް ހެދުން ކަމަށެވެ. އަދި ހާއްސަކޮށް ކަރެކްޝަންސްއިން މަސައްކަތް ކުރަނީ އެ މީހުންނަކީ އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުވަންނަ ބަޔަކަށް ހެދުމަށް މަސައްކަތްތެރި ކަމުގެ ޕްރޮގްރާމްތައް ހެދުން ކަމަށް އަހުމަދު މުހައްމަދު ފާހަގަ ކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ ގައިދީންނަކީ އެއީ އާއިލާގެ ވެސް އެއްބާރުލުމާއި އެހީ ބޭނުންވާ ބައެއް ކަމަށެވެ. އެހެން ކަމުން މިނިވަންވެ އެ މީހުން ނިކުންނައިރު ހުނަރުތައް ދަސްކޮށްދީ އާއިލާ ވެސް ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަހުމަދު ވަނީ ފާހަގަ ކުރައްވާފައެވެ. އަހުމަދު ވަނީ ސްޓެލްކޯގެ މި އިސްނެންގެވުމަށް ޝުކުރު ދަންނަވާފައެވެ.

ސްޓްލްކޯގެ އޮފީސްތަކާއި، މަސައްކަތްތައް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިޔަށް ގެންދެއެވެ. އެގޮތުން ގައިދީންނަށް ހިންގޭ ޕްރޮގްރާމްތަކުގެ ދަށުން ސްޓެލްކޯއިން ވެސް އެ މީހުންނަށް ވަޒީފާތަކުގެ ފުރުސަތުތައް ދެމުން ގެންދާނައެވެ. އެކަމުގެ ތަފްސީލުތައް ދެއްވާ މުޣުނީ ވިދާޅުވީ މިއީ މުޖްތަމައުގައި އާއްމުން ބަލައިގަންނަ ބަޔަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ މީހުންނަށް ދެވޭ އެހީއެއް ކަމަށެވެ. އަދި ސްޓެލްކޯއިން ސަރުކާރުން މުޖްތަމައުގެ ތެރޭގައި ކުށްތައް މަދު ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ހަސަން މުޣުނީ/ ފޮޓޯ: ސްޓެލްކޯ

މުޣުނީ ވިދާޅުވީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހުންނަ މީހަކު، އާއްމު މުޖްތަމައުއަށް ނިކުތުމަށްފަހު މަސައްކަތުގެ މައިދާނަށް ނިކުންނަން ބޭނުންވާނަމަ އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ މީހުން އެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ވެސް މުހިންމު ކަމަށެވެ. ސްޓެލްކޯއިން ދެވެން ހުރި ފުރުސަތުތައް ދީ، ހުނަރުތައް ކުރިއަރުވާ ތަމްރީނުތައް ވެސް ދެމުން ގެންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މުހައްމަދު ނަސީމް ވިދާޅުވީ ޕެރޯލްގެ ދަށުން މިނިވަން ވާ ގައިދީން ވަކި ދުވަސްތަކެއް ވަންދެން މުޖްތަމައުގެ ތެރޭގައި އުޅޭއިރު ފުރިހަމަ ކުރަންޖެހޭ ކަންތަކެއް ހިމެނޭ ކަމަށެވެ. އަދި އެ އުސޫލުތަކުގެ ތެރެއިން ވެސް ގައިދީއަކު ބޭނުންވެއްޖެ ހާލަތެއްގައި އެ ފުރުސަތު ސްޓެލްކޯގެ ތެރެއިން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ކަރެކްޝަންސްއިން މިހާރުވެސް ގައިދީންނަށް އަމާޒުކޮށް ހުނަރުތައް ކުރިއެރުވުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: