ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ޚިޔާލު: އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރުމުން ގައުމަށް ވާނީ ކޮންކަހަލަ ނުރައްކަލެއްބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެންމެ ގަދައަށް އަޑުއިވެމުންދިޔަ ވާހަކައަކީ ރާއްޖޭގެ ރައްތައް ވިއްކާލުަމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ވާހަކައެވެ. ރާއްޖޭގެ ރަށްތަކާއި، ކަނޑުތަކާއި ފަޅުތައް، ކުރުގޮތަކަށް ބުނާނަމަ، ރާއްޖޭގެ ރީތިކަން ވިއްކައިގެން މިނިވަންކަން ގެއްލުވާލައި، ނުހައްގު މުއްސަނދިކަން ހޯދުމަށް މަސައްކަތް ކުރި ވާހަކައެވެ.

ރައީސް ޔާމީންގެ ވެރިކަން، ބަދަލުކޮށް ސަރުކާރު ކޯލިޝަނަކަށް ރައްޔިތުން ވެރިކަން ހަވާލުކުރީ ހަގީގަތުގައިވެސް ބަދަލެއް ބޭނުންވީމައެވެ. އެއްވެސް ހާލެއްގައި އޭރުގެ ސަރުކާރުން ކުރި ނުރަނގަޅު ކަންކަން، އެހެން ބަޔަކު ކުރުމުން ރަނގަޅު ވާނެތީއެއް ނޫނެވެ. މިހާރު ފެންނަމުންދާ ކަންކަމަށް ބަލާއިރު، ގުދޯ ގުދޯ ގޮވުން ނޫން ކަމެއް ކުރަމުންދާ ތަނެއް ނުފެނެއެވެ.

މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދާ ކަމަކީ އިންޑިޔާއާއި ރާއްޖެއާ ދެމެދު ބާއްވަމުންދާ ގާތް ގުޅުމުގެ މައްޗަށެވެ. އެކަމާއި ދެކޮޅަށް އެއްޗެއް ބުނެފިނަަމަ، ދައްކަން ފަށަނީ ކުރީ ސަރުކާރުން ޗައިނާއާ ބޭއްވި ޚާއްސަ ގުޅުމުގެ ވާހަކައެވެ. ގުދޯ ގުދޯ ގޮވަނީއޭ ބުނެވެނީ މިހެންވެއެވެ.

އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރަމުންދާއިރު، ޑިފެންސް މިނިސްޓްރީއިންވެސް މިހާތަނަށް އެވާހަކަ ދޮގުކޮށްފައެއްނުވެއެވެ. އިންޑިޔާސިފައިންގެ ތެރެއިން ރާއްޖޭގައި ތިބީ ކިހާ އަދަދެއްގެ ސިފައިންތޯ ތަކުރާރުކޮށް އަހަމުންދާއިރު، އެސުވާލަށްވެސް މިވީހާތަނަށް ޖަވާބެއް ދީފައެއްނުވެއެވެ. އެމައުލޫމާތު ހާމަނުކުރުމުން، މައުލޫމާތު ހޯދުމަށް އެދުނު ފަރާތް އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެމައްސަލައިގެ އަޑުއެހުމެއް ވަނީ ބައްވާފައެވެ.

މައްސަލައިގެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީއިން ބައިވެރިވަޑައިގެންނެވި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ، އެމައުލޫމާތު ހާމަކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރައި، ރާއްޖޭގެ ސަލާމަަތަށް ނުރައްކާވެދާނެ ކަމަށެވެ. އިންޑިޔާގެ ސިފައިންނާއި ގުޅުންހުރި އެމައްސަލައިގެ މައުލޫމާތު ހޯދުމަށް މިނިސްޓްރިއަށް ހުށައެޅުމުން މިނިސްޓްރީގެ ލަފާދޭ މަޖިލީހަށް އެމައްސަލަ ހުށައެޅުނު ކަމަށެވެ. އެމަޖިލީހުގައި ތިއްބަވާނީ ހަމައެކަނި ސިފައިންގެ އިސްވެރިން ކަމަށާއި، އެއްވެސް ސިޔާސީ ބޭފުޅަކު އެމަޖިލީހުގައި ނުއިންނަވާނެކަމަށް ޝިމާހު ވިދާޅުވިއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، ސިފައިންގެ އަދަދު ހާމަކުރުމާއެކު ރާއްޖޭގެ ސަލާމަތަށް ހުރީ ކޮން ނުރައްކަލެއްތޯ އުފެދޭ ސުވާލެވެ. ކޮންމެ ގައުމެއްގައިވެސް، ހާމަކުރެވެނޭ މައުލުމާތުތަކާއި ނުކުރެވޭނެ މައުލޫމާތުތައް ހުންނާނެއެވެ. އެހެންނަމަވެސް، މިއަދަދު ހާމަކުރުމުން ގައުމަށް އޮތީ ކޮން ނުރައްކަލެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ251 ވަނަ މާއްދާގައި ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް މިލްކުކޮށްދިނުމާއި، އަސްކަރީ ބޭނުންތަކަށް ދިނުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ގާނޫނުއަސާސީގެ251 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ކަމަށެވެ.  މި މާއްދާގެ (ށ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ. މީގެއިތުރުން 251 ވަނަ މާއްދާގެ  (ނ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެ ކަމަށެވެ. އެހެން ކަމުން މިވަގުތު އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ތިބުމަކީ ގާނޫނުއަސާސީއާއި ހިލާފަށް ތިބި ތިބުމެއް ކަމަށް ބުމުގެ ޖާގަ އެބައޮތެވެ. އަދި އިންޑިއާއަށް އަސްކަރީ ބޭނުމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ކުއްޔަށް ދީފައި ވާނަމަ އެކަމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާއި ހިލާފް ކަމެއް ކަމަށް ނޫނީ ނުވާނެއެވެ.

ކޮންމެއަކަސް ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމަށް ފާޑުކިޔަނީ ހަމައެކަނި މިކަމަށް ބެލުމަށްފަހުއެއް ނޫނެވެ. ރާއްޖެއަށް އިންޑިޔާއިން ހަދިޔާކޮށްފައިވާ ޑޯނިޔާ މަތިންދާބޯޓުގެ މައްސަލާގައިވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ. މިކަން ދިފާއުކުަރައްވައި ސަރުކާރުން ބުނެފައިވަނީ އެއީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިމަުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގެނައި ބޯޓެއް ކަމަށެވެ. މިވާހަކަތަކަށް ރައްދު ދެމުން އިދިކޮޅު ކޯލިޝަނުން ބުނީ 2016 ވަނަ އަހަރުގެ އެއްބަސްވުމާއި މިހާރުގެ އެއްބަސްވުމާއި ތަފާތުވާނެ ކަމަށެވެ. އޭރު އޮތް ގޮތަށް މިހާރު އެއްބަސްވުން އޮންނާނެކަމަށް ގަބޫލުނުކުރާނެކަމަށް އަންނަނީ ބުނަމުންނެވެ.

މިހެން ގޮސް އެތައް ވާހަތަކެއް އިންޑިޔާއާއި ހަމައަށް ހުއްޓުމަކީ ކަންބޮޑުވާކަމެއް ގޮތުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ ފާހަގަކުރަމުންނެވެ. މުޅި ދުނިޔެއަަށް  އިގްތިސާދީގޮތުން އަނދަވޅަކަށް ވެއްޓިފައިވާ ހާލަތުގައި އިންޑިޔާއިން ރާއްޖެއަށް ބޮޑެތި އަދަދުތަކުން ލޯނު ދިނުމަކީ ބަލައިގަންނަން ފަސޭހަކަމަކަށް ނުވާކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެއީ ލޯނުތަކެއް ނޫންކަމަށް ދެއްކުމަކީވެސް ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އިދިކޮޅުން ފާހަގަކުރެއެވެ.

މީގެ އިތުރަށް، އައްޑޫ ސިޓީގައި ގާއިމްކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތްތަކަށް އިންޑިޔާ ސިފައިން ގެނައުމަކީވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަންކަމެވެ. މިގޮތަށް ގެންނަ ސިފައިން ކޮވިޑަށް ޓެސްޓުކުރުމެއްނެތި ގެނައުމުން ދިޔުމާއި، މިހާލަތުގައި ބޭނުން ގޮތަކަށް އައިސް ގޮސްވެ އުޅުމަށް ފުރުސަތު ދެވިފައި އޮތުމަކީ ގިނަ ބަޔަކު ކަންބޮޑުވަމުންދާ ކަމެކެވެ. މިގޮތަށް ގެނައި ގިނަ އަދަދެއްގެ ސިފައިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަންވެސް ވަނީ ހާމަވެފައެވެ.

ރާއްޖެއާ އިންޑިޔާއާ ދެމެދު ފަށާފައުވާ ކާގޯ ފެރީގެ ކަންކަންވެސް އިދިކޮޅުން ދައްކާ ވާހަކަތަކަށް ބާރު ލިބެއެވެ. މިހުރިހާ ކަމެއް ގޮސް ހުއްޓެނީ އިންޑިޔާއަށެވެ. މިއީ ފަހަރުގައި އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެއެވެ. އިންޑިޔާއަކީ ރާއްޖޭގެ ޒަމާންވީ ގާތް އެކުވެރިއެކެވެ. އެހެންނަމަވެސް، އެކުވެރިކަމުގެ ގުޅުން ބާއްވަންވާނީވެސް ހުދޫދެއްގެ ތެރެއިންނެވެ. މާބޮޑަށް ދޫކޮށްލާފައި ބޭއްވުމަކީ ރަނގަޅު ގޮތަކަށް ނުވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: