ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ ހާދިސާ: ލޯފަން ކުއްޖެއްގެ ދިރިއުޅުން ބަދަލުކޮށްލި ދިވެހި އަންހެން ކުއްޖެއްގެ ވާހަކަ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް، ހާދިސާ ދިމާވި ފަރާތުން ދީފައިވާ އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް އެއްވެސް އުނި އިތުރެއް ނުގެނައިސް ލިޔެފައިވާ ލިޔުމެކެވެ. އެހެންނަމަވެސް މި ލިޔުމުގައި ގެނެސްދީފައިވާ ނަން ތަކަކީ ހިޔާލީ ނަންތަކެކެވެ.

“އަހަރެން ބޭނުން ހަނދާ ތަރި އަދި އިރު ބަލާލަން. އިރުއޮއްސޭ އަދި އިރު އަރާ މަންޒަރު ބަލާލަން. އަހަރެންނަށް އިނގޭ މި މަންޒަރުތައް ރީތި ވާނެ ކަން، އެހެން ނަމަވެސް މި ދުނިޔޭން އަހަރެންނަށް އެންމެ ރީތި މަންޒަރަކީ އަހަރެންގެ ދަރިފުޅާއި އަނބިމީހާ” ލޯފަން ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވި އަހުމަދު ނާޒިމް އޭނާގެ ހަޔާތުގެ ވާޙަކަ “ސަންގަށް” ހިއްސާ ކުރަމުން އެންމެ ފުރަތަމަވެސް ބުނީ މިހެންނެވެ.

ލޮލުގެ ފެނުމުގެ އިތުރުން މައިވަންތަކުމުގެ ލޯބިންވެސް އެންމެ ކުޑަ އިރުއްސުރެ މަހުރޫމްވެފައި ހުރި ނާޒިމް އަކީ މިއަދު އަމިއްލަ މަސައްކަތުން ދެފައި މައްޗަށް ތެދުވެ ހުރި ޒުވާނެކެވެ. އަނބިމީހާ އަށް އަދާކޮށްދޭން ޖެހޭ ޒިންމާތަށް އެންމެ ފުރިހަމައަށް އަދާ ކޮށްދެމުންދާ ހެޔޮލަފާ ފިރިއެކެވެ. 5 އަހަރުގެ އަންހެން ދަރިއެއް ބެލުމުގެ ޒިންމާނަގައިގެން ހުރި ހެޔޮލަފާ ބައްޕައެކެވެ. ރައްޔިތުންނަށް ޙިދުމަތް ކޮށްދެމުންދާ ސަރުކާރު މުއައްސަސާއެއްގެ ހީވާގި މަސައްކަތްތެރި އެކެވެ.

ނާޒިމް ގަބޫލު ކުރާގޮތުގައި، މިއަދު އޭނާގެ ހުރިހާވެސް ކާމިޔާބީއަކީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ކަޅު އަދި ބަނަ ވިލާތަކުން މުޅި އުދަރެސް ބަނަކޮށްލާފައިވަނިކޮށް އަތުގައި ހިފައިގެން އަމާން މަންޒިލަކަށް ގެންގޮސްދިން ކައްޕިތާނަކީ އޭނާ ބުނި ގޮތުގައި އޭނާގެ އަނބިމީހާއެވެ. ނާޒިމް އޭނާގެ އަނބިމީހާ ސުރާ އާއި ދިމާވި ގޮތް “ސަންގަށް” ހިއްސާކުރިއެވެ.

ނާޒިމް ބުނި ގޮތުގައި އޭނާގެ އަނބިމީހާ ސުރާ އާއި ދިމާވަނީ ލޯފަންކުދިންގެ ޖަމިއްޔާގެ ފަރާތުން މެދު ރާއްޖެތެރެއަށް ކުރި ދަތުރެއްގައެވެ. އެ ދަތުރުން ސުރާއާއި ބައްދަލުވެ އޭގެ 6 މަސް ފަހުން ސުރާއާއި ލޯބީގެ ގޮތުން ގުޅުނުކަމަށް ނާޒިމް ބުންޏެވެ. ނާޒިމް ބުނި ގޮތުގައި ހަހަރުވެތި ދިރިއުޅުމެއްގައި އޭނާ ސުރާއާ އެކު ގުނަމުން ދިޔަ ކޮންމެ ދުވަހަކީ އޭނާގެ ހިތް އުފަލުން ބަންޑުން ވަމުންދިޔަ ދުވަސްތަކެކެވެ. އެހެންނަމަވެސް ނާޒިމް އާއި ސުރާގެ ލޯބީގެ ގުޅުން ކުރިޔަށް ދިޔައީ ދުނިޔޭގެ ލޯތަކާއި ސިއްރުންނެވެ. ދެފަރާތުގެ އާއިލާ އާއިވެސް ސިއްރުންނެވެ. ސަބަބަކީ ނާޒިމް އަކީ ލޯފަން ކުއްޖެއްކަމުން ސުރާގެ އާޢިލާއިން އެ ގުޅުމަށް އިންކާރު ކޮށްފާނެނެތީ ކަމުގައި ނާޒިމް ބުންޏެވެ.

އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުކޮށް އެގުޅުން ކައިވެނީގެ އަގުމާތް ގުޅުމަކަށް ބަދަލުކުރުމަށްް ސުރާ އާޢި ނާޒިމް ނިންމިއެވެ. ދެފަރާތުގެ އައިލާއާއި މި ވާހަކަތައް ހިއްސާކުރެވުނެވެ. ނާޒިމްގެ އާއިލާ މިކަމާއި ރުހި ގަބޫލެވެ. އެހެންނަމަވެސް ސުރާގެ އާއިލާއިން މިކަމާއި ދެކޮޅު ހެދިއެވެ. ސަބަބަކީ ނާޒިމް އަކީ ލޯފަން ކުއްޖަކަށްވުމެވެ. ސުރާ ބުނި ގޮތުގައި އޭނާގެ އާއިލާއިން ލޯފަން ކުއްޖަކަށް ހިދުމަތް ކޮށްދިނުމުގައި ސުރާގެ ޒުވާން ދުވަސްވަރު ހޭދަކުރުމަށް އިންކާރުކުރީއެވެ.

ސުރާ ބުނީ އޭނާ ގަބޫލުކުރާގޮތުގައި ލޯފަން ކުއްޖަކަށްވުމަކީ ދުނިޔޭގެ އުފާތަކުން މަހުރޫމްވާން ޖެހޭނެ ސަބަބެއް ނޫނެވެ. އެހެންކަމުން އާއިލާގެ ނުރުހުމުގައި ނާޒިމް އާއި ކައިވެނީގެ ގޮތުން ގުޅުމަށް އޭނާ ނިންމިއެވެ. ރަށްޓެއްސެއްގެ އެހީތެރިކަމާއެކު އޭނާ އާއިލާ ދޫކޮށް މާލެއައިސް އަދި މާލެއިން ނާޒިމްގެ ރަށަށް ދިޔައެވެ. އާއިލާގެ ނުރުހުމުގައި އޭނާ ނާޒިމް އާއި ކައިވެނި ކުރިއެވެ.

އެ ކައިވެންޏަށް މިހާރު 6 އަހަރުވެފައިވާއިރު ނާޒިމް އާއި ސުރާ އަދި އެދަމަފިރިންގެ ތުއްތު ދަރިފުޅު އައިސަތު މަލްކާ ނާޒިމް މިއަދު އުޅެމުން އެ އަންނަނީ އުފާވެރި ދިރިއުޅުމެކެވެ. ކައިވެނިކުރީ އާއިލާގެ ނުރުހުމުގައި ކަމުގައިވީނަމަވެސް، މިއަދު އެ ގުޅުމަށް ސުރާގެ އާއިލާއިންވެސް ރުހި ގަބޫލެވެ.

ސުރާ ބުނި ގޮތުގައި ލޯފަން މީހަކައްވި ނަމަވެސް ނާޒިމްއަކީ އެއްވެސް ހިއްސަކުން މަހުރޫމްވެފައިވާ މީހެއްކަމަށް އޭނާ އަށް އިޙްސާސް ނުވާކަމަށެވެ. މީގެ އިތުރުން ސުރާ ބުނިގޮތުގައި ނުކުޅެދޭ މީހަކަށް އެހީތެރި ވުމަކީ އޭނާ އެންމެ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. މިއަދު ނާޒިމް އަކީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. ނާޒިމް ބުނި ގޮތުގައި އޭނާ އަމިއްލަ ކުރާ މަސައްކަތުން އަނބިމީހާގެ ހަރަދަކާއި ތުއްތު ދަރިފުޅުގެ ހަރަދުތައް ކޮށްފައި ރައްކާކުރުމައްވެސް ފައިސާ ލިބެއެވެ. އަދި އޭނާއަކީ ނުކުޅެދޭ މީހެއްކަމުގެ އިހްސާސް މިއަދު އޭނާއަށް ނުވާކަމަށެވެ.

ނާޒިމް އިތުރަށް ބުނީ ލޯފަން ކުއްޖަކަށް ނުވަތަ ނުކުޅެދޭ ކުއްޖަކަށް ވުމަކީ ދުނިޔޭގެ އުފާތަކުން ނުވަތަ އާންމު ދިރިއުޅުމުން މަހްރޫމްވާންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އޭނާގެ މުޅި ދިރިއުޅުން މިއަދު ސުރާ ބަދަލުކޮއްލަދީފައިވާކަމަށާއި، އޭނާގެ ލޮލަށް ނުފެނުނުކަމުގައި ވީނަމަވެސް މިއަދުނިޔޭގައި ވާނެ އޭނާއަށް އެންމެ ރީތި މަންޒަރަކަށް ވާނީ އޭނާގެ އަނބިމީހާ ކަމަށް ނާޒިމް ބުންޏެވެ.

 

ވަރަށް ގަދަ
10%ވަރަށް ގަދަ 83%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 3%ވަރަށް ދެރަ 1%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: