ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޤީޤީ ހާދިސާ: މަންމަ ކިޔަމުން ދިޔައީ އަސްލު މަންމައަށް ނޫންކަން އެނގުނީ 17 އަހަރުވީ ފަހުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ނޯޓް:މިއީ ދިވެހި ރާއްޖޭގައި ހިގާފައިވާ ހަޤީޤީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކާގައި ބޭނުން ކޮށްފައިވާ ނަންތަކަކީ ހިޔާލީ ނަން ތަކެކެވެ.

ހަދާން ހުންނަން ފެށީއްސުރެ އަހަރެން އުޅެމުން އައީ ވެރި ރަށް މާލޭގައެވެ. މަންމައާއި ބައްޕަގެ އިތުރުން އާއިލާގައި ދެން ހުންނަނީ އަހަރެން އެކަނިއެވެ. މައިވަންތަކަމުގެ ލޯބި އަހަރެންނަށް އައީ އޭގެ އެންމެ ފުރިހަމައަށް ލިބެމުންނެވެ. ބައްޕަ އަކީ މާލޭގެ ވިޔަފާރިވެރިއެކެވެ. ބައްޕަގެ ގެދޮރު މާލޭގައި ހުރެއެވެ. އެހެންކަމުން އަހަރެން ބޮޑުވަމުން އައީ ފުދުންތެރި ދަރިއެއްގެ ގޮތުގައެވެ. ބޭނުންވާ ހުރިހާކަމެއް މައިންބަފައިން ދިޔައީ އެއްވެސް އުނިކަމެއް ނެތި ކޮށްދެމުންނެވެ.

ސާނަވީ ތައުލީމުގެ ދުވަސްތައް ނިމި މައިންބަފައިންގެ އެދުމުގެ މަތިން ނަރުހަކަށް ވުމުގެ ފޮނި އުންމީދާ އެކު ކިޔަވަންފެށީމެވެ. އޭރު އުމުރުން 17 އަހަރެވެ. ދިވެހި ޒުވާނުންގެ އާދައިގެ މަތިން އަހަރެންވެސް އޭރު އުޅުނީ ލޯބީގެ ގޮތުން މީހަކާއި ގުޅިގެނެވެ.

އޭގެ އަހަރެއް ފަހެވެ. ދުވަހަކީ ހުކުރު ދުވަހެވެ. އާދައިގެ މަތިން ދުވަހުގެ މެންދުރު ކުރިން މަންމައާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އުޅެމުން ދިޔައީމެވެ. ގޭތެރޭގެ އެކި އެކި މަސައްކަތްތަކުގައެވެ. މާގިނައިރު ތަކެއްނުވެ ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށްޓަކައި ބައްޕަވެސް އަތުވެއްޖެއެވެ. އަހަރެންނަށް ގޮވުމަށް ފަހު ޖެހިގެން އިން ގޮޑީގައި އިށީނުމަށް އެދުނެވެ.

“ދަރިފުޅާ މިސްކާ… ބައްޕަ ދަރުފުޅު ކައިރީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން. 17 އަހަރުވަންދެން ދަރިފުޅު ކައިރީ މި ވާހަކަަތައް ނުދައްކާ މަޑުކުރީ ދަރިފުޅު ބޮޑުވެ އަމިއްލައަށް ކަންކަން ވިސްނޭވަރުވުމުން މިވާހަކަ ދެއްކުމަށް. ދަރިފުޅާ ދަރިފުޅުގެ އަސްލު މައިންބަފައިންނަކީ އަހަރުމެންނެއް ނޫން!”

ބައްޕަގެ ވާޙަކަތައް ގަބޫލުނުކުރެވިފައި އަހަރެން އިނީމެވެ. ބައްޕަ މި ދައްކަނީ ކޮންވާހަކަ އެއް ބާއެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން އަހަރެން ކައިރީގައި ހުރި މަންމަ އަށް ބަލާލީމެވެ.

“އާން.. ދަރިފުޅާ މިސްކާ ދަރިފުޅުގެ އަސްލު މައިންބަފައިންނަކީ އަހަރެމެން ދެމައިންނެއް ނޫން. ދަރިފުޅުގެ އަސްލު މައިންބަފައިން ދަރިފުޅުގެ އުމުރުން 3 މަހުގައި ދަރިފުޅު ބަލަން ބޭނުން ނުވެގެން އަހަރެމެން ދެމަފިރިން ދަރިފުޅުގެނެސްގެން ބަލާ ބޮޑުކުރީ”

އަހަރެއް ފަސް…

އަދިވެސް އަހަރެން އުޅެމުން މިއަންނަނީ މައިވަންތަކަމުގެ ލޯބި އަހަރެންނަށް ދިން އަހަރެން ބަލާ ބޮޑުކުރި ދެމަފިރިން ކައިރީގައެވެ. އެހެންނަމަވެސް އަހަރެންގެ އަސްލު މައިންބަފައިންނާވެސް އަހަރެން ބައްދަލު ކޮށްފީމެވެ. އެހެންނަމަވެސް އެދެމަފިރިންނަކީ މަސްތުގެ ހާލުގައި ދުނިޔޭގެ ދުވަސްތައް ވޭތު ކުރަމުންދާ ދެމަފިރިންނެވެ. 17 އަހަރުފަހުން އުފަންދަރިއާއި ބައްދަލުވިއިރުވެސް ތިބީ މަސްތުގެ ހާލުގައެވެ. މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ އަތުންވެސް މަސްތުވުމަށް ފައިސާ ހޯދުމަށެވެ.

މިހާރު އަހަރެން އެއީ އަހަރެންގެ އަސްލު މައިންބަފައިން ކަމަކަށް ގަބޫލުކުރާކަށްވެސް ބޭނުމެއް ނޫނެވެ. ތުއްތު އިރު އެއްލާލާނީ އެމީހުންގެ ދަރިއެއް ހުންނަކަން ގަބޫލުކުރަން ބޭނުން ނުވެގެނެއް ނޫން ހެއްޔެވެ.؟ މިއަދު އަހަރެން ގަބޫލު ކުރާ އަހަރެންގެ ހަގީގީ މައިންބަފައިންނަކީ އަހަރެންނަށް މައިވަންތަކަމުގެ ލޯބި ޒައްރެއްގެ މިންވަރަށްވެސް މަދުނުވެ، އޭގެ އެންމެ ފުރިހަމައަށް ދިން އަހަރެން ބަލާބޮޑުކުރި ދެމަފިރިންނެވެ.

މަންމަ ކިޔަމުން އައީ އަހަރެންގެ އަސްލު މަންމަ އަށް ނޫންކަން އެނގުނީ އުމުރުން 17 އަހަރުވީ ފަހުންނެވެ. މި ހަގީގަތް ނޭނގުނުނަމަ މާ ރަނގަޅޭ ހިތަށް އަރައެވެ.

 

ވަރަށް ގަދަ
49%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 34%ވަރަށް ދެރަ 1%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: