މީރު މޭވާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކިވީ އެންމެ ގިނައިން ހެދޭ އެއް ގައުމަކީ ސީނުކަރަ އެވެ. ކިވީ އާންމުކޮށް ހުންނަނީ ކުކުޅު ބިސް ބައްޓަމަށެވެ. ދިގުމިނުގައި 8-5 ސމ އަދި ވަށަމިނުގައި 5.5-4.5 ސމ ވަރުހުރެއެވެ. މަޑު މުށިކުލައިގެ ތޮށިގަނޑެއް ލިބިފައިވާ ކިވީގެ ބޭރުގައި ނުރަ ނުވަތަ ކެހެރިކޮށް ހުރެއެވެ. އެތެރޭގެ މޭވާގެ ގޮތުގައި ކާ ބައި ހުންނަނީ މަޑު ފެހި ކުލަ އަކަށެވެ.

ބަލާލަން ކިތަންމެ ކުޑަ މޭވާއެއްނަމަވެސް ކިވީ އަކީ އެތަކެއް ސިއްޙީ ފައިދާ ތަކެއް ލިބޭ މޭވާއެކެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރގަދަ ކޮށްދިނުމުގައި ކިވީ މުހިންމު ރޯލެއް އަދާކުރެއެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެހެންވެސް ކިވީ ކާންޖެހެއެވެ. މިއީ އެކި އިންފެކްޝަންތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. ހަކުރު ބައްޔަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. ކިވީ ކާނަމަ، މިބަލި ކޮންޓްރޯލް ކުރަން އެހީތެރިވެދޭ ކަމަށް ކަމާބެހޭ އިލްމު ހުރި މީހުން ބުނެއެވެ.

މި މޭވާ އަކީ ވަކިން ހާއްސަކޮށް ވިޓަމިން ސީން މުއްސަނދި އެއްޗެކެވެ. ކިވީން ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން އީ، ކޭ، ފޮލޭޓް، ކޮޕާ، ޕޮޓޭސިއަމް، އެންޓިއޮކްސިޑަންޓްސް، ޕްރޮޓީން އަދި އަޔަން ހިމެނެ އެވެ.

ކިވީގެ ފައިދާތަކުގެ ތެރޭގައި ބަރުދަން ލުއިކޮށްދޭން އެހީވުން ހިމެނެ އެވެ. އެހެންވެ މިއީ ހިކެން ބޭނުންވާ މީހުންގެ ޑައިޓްގައި ހިމެނުން މުހިއްމު މޭވާއެކެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ވެސް ކިވީ ބޭނުންކުރެވިދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަށް ހަފުތާގެ މުއްދަތަކަށް ކޮންމެ ދުވަހަކު ތިން ކިވީ ކާ ނަމަ ޑައޮލޯސްޓިކާއި ސިސްޓޮލިކް ބްލެޑް ޕެޝަރު ހަމައަކަށް އަޅުވައިދޭނެ އެވެ. މީގެ ނަތީޖާ އަކީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތުގެ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދިނުމެވެ.

އަދި ކިވީ އަކީ ލޭގަނޑުކޮށް ދިނުމާ ދެކޮޅަށް ވެސް މަސައްކަތްކުރަން އެހީވެދޭ މޭވާއެކެވެ. އެހެންވެ މިފަދަ މައްސަލަތަކަށް ދުވާލެއްގެ މައްޗަށް ދޭއް ނުވަތަ ތިން ކިވީ އަކީ ފުދޭ މިންވަރަކަށް ވާނެ އެވެ.