ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއެމްއޭގެ ވެސް ކޮވިޑު ހަރަދުތައް ގޯސް: އެންއީއޯސީގައި ހަތަރު މަސްތެރޭ ކެެއުމަށް އެކަނި ފަސް މިލިއަން ރުފިޔާ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހެލްތް މިނިސްޓަރު އަމީން އަދި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނަމުގައި ދަރުބާރުގޭގައި ހިންގި ސެންޓަރުގައި މަސައްކަތްކުރި ފަރާތްތަކުގެ ކެއުމަށް ހަތަރު މަސް ތެރޭގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހޭދަކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެކި މިނިސްޓްރީތަކުން ކުރި މަސައްކަތްތަކުގެ އޮޑިޓުތައް އާއްމުކޮށްފައިވާއިރު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވަނީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޑިޒާސްޓާ މެނޭޖްމެންޓުގެ އޮޑިޓު ރިޕޯޓު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓުން ވެސް ފެނިގެން ދިޔައީ މާލިއްޔަތުގެ ގާނޫނާއި ހިލާފު އެތައް އަމަލެކެވެ. އަދި ބޮޑެތި ހަރަދުތަކެއް ކުރިއިރު، އެ އިދާރާއިން ރާއްޖެއަށް ލިބުނު ހިލޭ އެހީގެ ސްޓޮކް ބަލަހައްޓާފައި ނުވެއެވެ. އޭގެ އިތުރުން ވެސް އެންޑީއެމްއޭއިން ކުރި ބޭކާރު ބޮޑެތި ހަރަދުތައް ވަނީ އޮޑިޓު ރިޕޯޓުން ހާމަވެފައެވެ.

ރާއްޖެއިން ކޮވިޑު ފެނުމުގެ ކުރިން ބައްޔާއި ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރެއިން، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގާއިމް ކުރީ ދަރުބާރުގޭގައެވެ. އަދި ދަރުބާރުގޭގައި 24 ގަޑިއިރު މަސައްކަތްތަކުގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދިޔައެވެ.

ދަރުބާރުގޭގައި ގާއިމް ކުރި އެންއީއޯސީ އުވާލާ، ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގާއިމްކޮށް މިއަދާއި ހަމައަށް ވެސް ދަރުބާރުގޭގައި ހުރިހާ ގަޑިއެއްގެ ވެސް ކެއުމުގެ އިންތިޒާމުތަކާއި އަދި ކޮފީ ލިބެން ހުރެއެވެ. ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ކުރި ހަރަދުތަކުގެ ތަފްސީލު އޮޑިޓުން ހާމަވާއިރު، ދަރުބާރުގޭގައި ކެއުމަށް ފާއިތުވީ ފަސް ވަރަކަށް މަހުގެ ތެރޭގައި 5.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާއިރު ވެސް އެއް މިލިއަނެއްހާ ރުފިޔާއެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ދަރުބާރުގޭގައި ވަނީ މަސައްކަތްކޮށްފައެވެ. އަދި މިހާރު ވެސް އެޗްއީއޯސީގެ އޮޕަރޭޝަންސްތަކާއި އެކު ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުން ޑިޒާސްޓާ މެނޭޖްމެންޓުން ކޭޓަރިންގެ އެއްވެސް ރިކޯޑެއް ބަލަހައްޓާފައި ނުވެއެވެ. އެގޮތުން، ކެއުން ގެނައި މިންވަރާއި، އެއީ ކިތައް މީހުންގެ ކެއުންތޯ ވެސް ބަލާފައި ނުވެއެވެ.

މީގެ އިތުރުން އިތުރު މަރުކަޒުތަކުގެ ކެއުމަށް ވެސް އެންޑީއެމްއޭއިން ވަނީ ބޮޑެތި ހަރަދުތަކެއްކޮށްފައެވެ. އެގޮތުން މި ހިދުމަތްތަކަށް 10 މިލިއަނެއްހާ ރުފިޔާ ހަރަދުކުރިއިރު އެ ފައިސާގެ ތަފްސީލު ލިބޭނެ ގޮތެއް ނެތެވެ. އަދި ކޮންމެ ދުވަހަކު އޯޑަރު ކުރާ ކެއުމުގެ ވެސް ތަފްސީލެއް ނެތެވެ.

ފެސިލިޓީތަކުގެ ކެއުންތަކަށް އެންޑީއެމްއޭއިން ވަނީ 17 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ކޮވިޑު ޑިސްޓްރިބިއުޝަން ސެންޓަރަށް 08 ލައްކަ ރުފިޔާ އާއި، ހުޅުލޭ އައިލެންޑު ހޮޓެލްއަށް 1.4 މިލިއަން ރުފިޔާ އަދި އެސްޓީއޯ ހިޔާ އަށް 1.3 މިލިއަން ރުފިޔާގެ އިތުރުން ފަރުކޮޅުފުށީގެ ކެއުމަށް އެއްލަކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އއ. ވެލިދޫއަށް 5 މިލިއަން ހަރަދުކުރިއިރު، ގުޅީފަޅު ކޮވިޑު ސެންޓަރަށް ވަނީ 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މި ތަކެތީގެ ރިކޯޑު ބަލަހައްޓާފައި ނުވާތީ އާއި ހިދުމަތުގެ ލިޔެކިއުންތައް ނެތުމުގެ ސަބަބުން އޮޑިޓާރ ޖެނެރަލް ވަނީ ޒިންމާދާރުކަމާއި އެކު މަސްއޫލިއްޔަތު އަދާކޮށްފައި ނުވާތީ ފައިސާ ހަރަދުކުރުމުގެ ހުއްދަ އޮތް ފަރާތްތަކުގެ މައްސަލަ ބެލުމަށް ފިނޭންސްއަށް ދަންނަވާފައެވެ.

އެންޑީއެމްއޭއިން ދައުލަތަށް އެކި ގޮތްގޮތުން ލިބުނު ހިލޭ އެހީގެ ސްޓޮކްތައް ވެސް ނުބަލަހައްޓާއިރު، އޭގެއިން ތަކެތި މަދުވިޔަސް އެނގޭނެ ގޮތެއް ނެތްކަން އޮޑިޓުގައި ވަނީ ބުނެފައެވެ.

ކެއުމުގެ އިންތިޒާމުތަކަށް ކުރި ހަރަދުތަކުން އެންމެ ބޮޑު ހައިރާންކަމެއް އައީ ވެސް ކާޑުގެ ބާވަތްތަކަށް ކުރި ހަރަދެވެ. އެގޮތުން ހަކުރު، ވަޅޯ މަސް، ބާސްމަތީ ހަނޑޫ، މަސް ދަޅަށް އެންޑީއެމްއޭއިން ވަނީ އެތައް ގުނައަކުން ބޮޑުކޮށް ހަރަދުކޮށްފައެވެ. 3 ރުފިޔާއަށް ލިބޭ ހަކުރު ކިލޯއަކަށް ވެސް އެންޑީއެމްއޭއިން ވަނީ 16 ރުފިޔާ ކިލޯއެއްގެ ރޭޓުން ހަރަދުކޮށްފައެވެ.

އެންޑީއެމްއޭގެ އޮޑިޓުން ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ކޮށްފައިވެއެވެ. އެގޮތުން ގެސްޓު ހައުސްތަކުގެ ބެޑް އޮކިއުޕެންސީ ކަށަވަރުނުކޮށް ފައިސާ ދައްކާފައިވުން ހިމެނެއެވެ. އަދި ގެސްޓު ހައުސްތަކާ އެކު އެއްބަސްވުން ގާއިމް ނުކޮށް އެކި އަގުތަކަށް ބިލްކޮށް ބޭނުން ނުކުރާ ކޮޓަރިތަކަށް ފައިސާ ދައްކާފައިވެއެވެ. މީގެ އިތުރުން ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތި ހަމައަށް ހުރިކަމާއި މެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: