ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޒާސްޓާ މެނޭޖްމެންޓުގެ ކޮވިޑު އޮޑިޓު: ގާނޫނާއި ހިލާފަށް ބޮޑެތި ހަރަދުތަކެއް ކުރިއިރު، ހިލޭ އެހީއަށް ވީނުވީއެއް ނޭނގޭ!

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން/ އޮޮޮޕަރޭޝަންތަކާއި ބެހޭ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެކި މިނިސްޓްރީތަކުން ކުރި މަސައްކަތްތަކުގެ އޮޑިޓުތައް އާއްމުކޮށްފައިވާއިރު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވަނީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިރޭ ވަނީ ޑިޒާސްޓާ މެނޭޖްމެންޓުގެ އޮޑިޓު ރިޕޯޓު އާއްމުކޮށްފައެވެ. އަދި އެންޑީއެމްއޭއިން ވެސް ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައެވެ. އޮޑިޓުން ދައްކާ ގޮތުން ކޮވިޑުގެ އޮޕަރޭޝަން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަންއާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކަމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ވާ ގޮތަށް އެއްބަސްވުމެއް ގާއިމްކޮށްފައި ނެތެވެ. އަދި ފެސިލިޓީތަކުގައި މީހުން ބައިތިއްބާފައިވަނީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަމޮޑޭޝަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ރޭޓަށް ކުއްޔަށް ދިނުމަށް އެ ގެސްޓްހައުސްތަކުން އެއްބަސްވެފައިވާތީ ކަމަށް “ހިދުމަތްތަކާއި، ތަކެއްޗަށް އެދޭ ފޯމު” ގައި ބުނެފައިވާ ކަމަށެވެ. އެކަމޮޑޭޝަންއަށް ވަކި ރޭޓެއް ހަމަޖައްސާފައިވާކަން ލިޔެކިއުންތަކުން ވެސް އެނގެން ނެތްއިރު ގެސްޓްހައުސްތަކުގައި މީހުން ބޭތިއްބުމަށް ޖޫން މަހުގެ ނިޔަލަށް 16.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.

ރޭޓުތައް ކަނޑައަޅާފައި ނުވުމާއި، އަދި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައި ނެތުމުގެ ސަބަބުން އެކި ހިދުމަތްތަކަށް އެކްސްޓްރާ ޗާޖުކޮށްފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކި ގެސްޓް ހައުސްތަކުން ހިދުމަތްތަކަށް ޗާޖުކޮށްފައިވަނީ އެކި ރޭޓުތައް ކަމަށް ވެސް އޮޑިޓުގައި ވަނީ ބުނެފައެވެ. މީގެ ސަބަބުން ދައުލަތުން އިތުރު ހަރަދުތަކެއް ކުރަން ޖެހުނު ކަމަށާއި، އެއްބަސްވުމެއް ހަދާފައި ނެތް ނަމަ ހަރަދުތައް ކުރަންޖެހޭނީ ބޭނުން ކުރެވުނު ކޮޓަރިއަށާއި، އެ ބޭނުން ކުރި މުއްދަށް ބަލާ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ގެސްޓް ހައުސްތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތުތައް ކަށަވަރުނުކޮށް ބިލްތަކަށް ޑިޒާސްޓާ މެނޭޖްމެންޓުން ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެންޑީއެމްއޭއިން ގެސްޓްހައުސްތަކަށް ފައިސާ ދެއްކިއިރު އެ ތަނަކުން ބޭނުންކޮށްފައިވާ ކޮޓަރީގެ އަދަދާއި، ބެޑް އޮކިއުޕެންސީ އާއި، ކޮޓަރިތައް ހިފާފައިވާ މުއްދަތަކަށް ބަލާފައި ނެތް ކަމަށް ވަނީ ބުނެފައެވެ. މި ގެސްޓްހައުސްތަކަށް އެންޑީއެމްއިން ވަނީ ފައިސާ ވެސް ދައްކާފައެވެ. މީގެ ތެރޭގައި ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި، ޖަމިއްޔާތަކުގެ މުވައްޒަފުން އެކި ދުވަސްވަރުތަކުގައި ގެސްޓްހައުސްތަކުގައި ތިބިކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ އެކަމޮޑޭޝަން ހަމަޖެއްސި ގެސްޓްހައުސްތަކުގެ މައުލޫމާތުތައް ވެސް އެއްކޮށްފައެވެ. އެގޮތުން އެއްކުރި މައުލޫމާތުތަކުން ބޭނުން ނުކުރާ ކޮޓަރިތަކަށް އެންޑީއެމްއޭއިން ފައިސާ ދައްކާފައިވުމާއި އެކަށީގެންވާ ގޮތެއްގައި އޮކިއުޕެންސީ ނުބަލަހައްޓާ އިތުރު ފައިސާތަކެއް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ “ދިވެހި ރާއްޖޭގެ ޓޫރިސްޓު ގެސްޓްހައުސް ހިންގުމާއި ބެހޭ ގަވައިދު” ގައި ބުނެފައިވާ ގޮތުން ޓޫރިސްޓް ގެސްޓް ހައުސްތަކަށް ވަދެ ނިކުމެ އުޅޭ މީހުންގެ މައުލޫމާތުތައް އެއްކުރަން ޖެހޭނެއެވެ. ނުވަތަ އެ މީހުންގެ ޗެކްއިން، ޗެކްއައުޓް ރިކޯޑު ބަލަހައްޓަން ޖެހޭނެއެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް ޑިޒާސްޓާ މެނޭޖްމެންޓުން ނަގާފައި ނެތެވެ.

ކޮވިޑު މާލެއިން ފެނި ބައްޔަށް ޝައްކުވާ މީހުންނާއި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނުކޮށް އެކަހެރި ކުރަމުން ދިޔައީ ރިސޯޓުތަކުގައެވެ. އަދި ދައުލަތުގެ ބޭނުމަށް މި ގެސްޓުހައުސްތައް ތިން މަހުގެ މުއްދަތަކަށް ނެގިއިރު އެއްބަސްވެފައިވަނީ ބޭނުން ކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ ދެއްކުމަށެވެ. އެހެން ނަމަވެސް އެންޑީއެމްއޭއިން ވަނީ އިތުރަށް ބިލްކޮށް ކޮޓަރިއަކަށް 850 ރުފިޔާ ދައްކާފައެވެ.

ގިނަ ކަންތަކެއް ހާމަވެގެން ދިޔަ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާއި ގުޅިގެން ދައުލަތަށް އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ ތަކެއްޗާއި އެންޑީއެމްއޭއިން ހަވާލުވެފައި ވީ ނަމަވެސް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެހީގެ ގޮތުގައި ލިބުނީ ކިހާ އަދަދެއްގެ ތަކެތިކަން އެނގޭނެ ގޮތަށް، އެކި ބާވަތްތައް ވަކިވަކިން ސްޓޮކް ބަލަހައްޓާފައި ނުވާ ކަމަށެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުން ފައިސާ ހަރަދުކުރަން ހުއްދަ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: