ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީޚުން މިއަދު: ކަނދި ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބަލައިލާނީ ހަމަ މިއަދުގެ މައްޗަށެވެ. ޒަމާނީ މިއަދަކަށް ނޫނެވެ. ޤަދީމީ މިއަދަށެވެ. މާޒީއަށެވެ. އެހެންކަމުން ގަޑީގެ ކަށި ނުއަތަށް އަނބުރައިލުމަށްފަހު ދުވަހަކަށްވުރެ ދުވަހެއް ފަހަތަށް ސޮއްސައިލަމުން މިއަދަކީ ކޮންދުވަހެއްތޯ ބަލައިލަމާ ހިންގަވާށެވެ.

އާދޭހެވެ. އެ ދުވަހާއި މިއަދު ވަރަށް ވެސް ތަފާތެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެ ދުވަސް މިހާރު ފާހަގައެއް ނުކުރެއެވެ. ނަމަވެސް އިހުގެ ދިވެހިން މި ދުވަސް ފާހަގަކޮށް އުޅުނީ ކަމާވެގެންނެވެ. ވަރަށް ވެސް ފުރިހަމައަށެވެ. މި ގޮތުން ބަލާއިރު އަޅުގަނޑުމެންގެ ކާބައިފައިން… އާދެ! އަޅުގަނޑު މި ދަންނަވާ ‘ކަނދި ދުވަސް’ ފާހަގަކުރެއްވިގޮތޭތޯއެވެ!
ހަމައެކަނި ކަނދި ދުވަހެއްނޫނެވެ. ބޮޑުވެގެންވާ ކަނދި މަހެވެ. ނުވަތަ މުޙައްރަމްމަހެވެ. ދިވެހިބަހުގެ އަދީބު އަލްއުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލްދީދީ ވިދާޅުވިފަދައިން ދިވެހިންނަކީ ކޮންމެކަމެއްގައި ވެސް އަމިއްލަވަންތަ ގޮތެއް ގެންގުޅުނު ބައެކެވެ. އެ މަނިކުފާނު އެކަން ބަޔާންކުރައްވާފައިވާ ގޮތް ބަލައިލަމާތޯއެވެ!

”ދިވެހިންގެ ދިރިއުޅުމުގައި ދާދި ފަހަކާއި ޖެހެންދެން ގިނަ ކަންތަކުގައި ފާހަގަކުރަމުންދިޔައީ ހިޖުރީ އަހަރުގެ މައްސަރުތަކެވެ. އެ މައްސަރުތަކަށް ނަންތަކެއް ކިޔައިގެން އުޅުނެވެ. އާދޭހެވެ! މުޙައްރަމް މަހަކީ ކަނދިމަހެވެ. ދެން ސަފަރުމަހެވެ. ދެން ބާރަމަހެވެ. ފަހު އާޚިރުމަހާއި ހިޔަރަކާތް މަހެވެ. ރޯދަމަހާއި ކުޑަ އީދުމަހާއި ދެ އީދު ދޭތެރޭމަހާއި ޙައްޖުމަހެވެ. ރަބީޢުލްއާޚިރު, ޖުމާދުލް އޫލާ މި ދެމަހުގެ ނަން އޮތްގޮތަށް އޮވެއެވެ.” ޖަމީލް ދީދީ

”ހަނދުމަހުގެ ފުރަތަމަ މަހަށް ނަމަކަށް މުޙައްރަމް ކީކަމަކު
ކަނދިމަހޭ މި މަހަށް ކުރިން ދިވެހިންގެ ކިޔަނީ ގިނަބަޔަކު” އާދަމް ޢަބްދުއްރަޙްމާން

އާދޭހެވެ. މަހުގެ ނަމަށް ދިވެހިން ކިޔާފައިވާ ނަމުން ވެސް ދިވެހިވަންތަކަން ފެނިއްޖެއެވެ. ދުވަހުގެ އިތުރު ތަފްސީލަކަށް ދިއުމުގެ ކުރިން ‘ކަނދި’ މި ލަފުޒު ގާދޫކޮލުން ވަދެގެން ދިވެހިބަހުގެތެރެއަށް އައިނައިގޮތެއް ވެސް ބަލައިލަންވާނެ ދޮގެއްތޯއެވެ.

‘ކަނދި’ މި ލަފުޒު ދިވެހިބަހުގެތެރެއަށް އައީ އެވޭލާ ސިންގަޅައިންނެވެ. ސިންގަޅަބަހުން ކަންޖަށް ކިޔަނީ ‘ކެނދަ’ އެވެ.

ކަނދިމަހޭ ދެންނެވީމައި އަޖާއިބުވެއެވެ! ރާއްޖޭގެ އެކި ހިސާބުގައި އެ މަސް ފެށުުމުން އެކި ދުވަސްމަތިން ކަނދި ކެއްކުން އޮވެއެވެ. ކަނދިމަހުގެ 07 ވަނަ ދުވަހު ފުރަމާލޭގައި ‘ކަނދީ ޒަކާތުގެ ކޮލި’ މި ނަމުން ނަންކިޔޭ ކޮއްޔެއް ލާނެއެވެ. އެ ކޮލީގައި ކިޔާނީ ކަނދީ ޒަކާތް ދިނުނަމަށެވެ. މާނައަކީ ކަނދި ކައްކައިގެން އެއިން ޚައިރާތުކޮށް އުޅުމަށް ނަސޭހަތްތެރިވުމެވެ. ނަމަވެސް ފަހަކަށް އައިސް ‘ކަނދީ ޒަކާތުގެ ކޮލި’ މި ނަން ބަދަލުވީ މުދަލުޒަކާތު ކޮލީގެ ނަމަށް ބަދަލުވެގެން ހިނގައްޖެެއެވެ.

އެ މަހުގައި އަންނަ ކަނދި ދުވަސް އެއީ ޚާއްސަ ދެ ދުވަހެވެ. އެއީ މުޙައްރަމްމަހުގެ 09 ވަނަ ދުވަހާއި 10 ވަނަ ދުވަހެވެ. 10 ވަނަ ދުވަހަށް ‘ކިރާ ކަނދި ދުވަސް’ ވެސް ކިޔަތެވެ. ކަނދި ދުވަހު ކަނދި ކައްކައި ޞަލަވާތް ކިޔަވައެވެ. ކުދިންނާއި މީހުން ކަންޖާއި އަޅައި ކިރައި ހަދަތެވެ. އޭގެ އިތުރުން އެ ދުވަހު ވިހާ ކުދިންނަށް 07 އަހަރުވުމަށް ދާންދެން ކަންޖާއި އަޅައި ކިރައި ހަދަތެވެ. މި ގޮތަށް ކިރާ ކަނދި ރައްޔިތުންނަށް ބަހައި ހަދަތެވެ.

ކަންޖޭ ކިޔާތީ އެއީ ކޯއްޗެއްތޯ ކިހައި ހިސާބަކުން ރާއްޖެއައި އެއްޗެއްތޯ ވެސް ބަލައިލަން ވާނެނޫންތޯއެވެ. މި ވާހަކަ މި ގޮތަށް ދަންނަވައިލަން ޖެހޭތީ ކުޅުދިޔާ ވެސް ވެއެވެ. ދިވެހި ބަސް ފޮތުގައި ‘ކަނދި’ މި ލަފުޒުގެ މާނަކޮށްފައިވާގޮތުން ކަންޖަކީ އުފުލި(ކަނދި ހަދާއިރު އަޅާ އޮއްޓަރުގެ ބާވަތްތައް. މިސާލު: ކުދިބަތް, ޒުވާރި) ލައިގެން އޮލަ އަޅައިގެން ހަދާ ފޮނި ބުއިމެކެވެ. މި ކިތަންމެ ތަފާތު ވައްތަރަކަށް ހަދަތެވެ.

ފުންނާބު އުސް ޢިލްމުވެރިޔާ ޙަސަން ޙަމީދު ބަޔާންކުރައްވާގޮތުގައި ކަންޖަކީ ފާރިސްކަރަ(އީރާން) އިން ރާއްޖެއަށް ތަޢާރަފުވި އެއްޗެކެވެ.

”ރާއްޖޭގައި ކަނދި ކެއްކުން ވަކި ދުވަހަކަށް ޚާއްޞަ ވެފައި މިވަނީ ފާރިސްކަރައާއި ދިވެހިރާއްޖެ އާ އޮންނަ ޒަމާންވީ ގުޅުމުން ކަމަށް ލަފާކުރެވެއެވެ. އިހު ޒަމާނުގައި، ދިވެހީންގެ ތެރޭގައި ފާރިސީން އުޅެފައި ވެއެވެ. ފާރިސް ކަރައަށް ނިސްބަތްވާ ބޭފުޅަކު، ރާއްޖޭގައި ފަނޑިޔާރު ކަމާއި ރަސްކަން ވެސް ކޮށްފައި ވެއެވެ. ރާއްޖެ އިސްލާމްވީ ވެސް، ފާރިސްކަރައިގެ ޢިލްމުވެރިއެއްގެ މައްޗަށް ކަމަށް ބުނާ ބަޔަކު އުޅެއެވެ.  މަޝްހޫރު ފަތުރުވެރިޔާ، އިބްނު ބަޠޫޠާ މީގެ ގާތްގަޑަކަށް 700 އަހަރު ކުރިން ރާއްޖެ އައި އިރު، ފާރިސީ ބަސް ދަންނަ މީހުން ރާއްޖޭގައި އުޅޭ ކަމަށް ވެއެވެ. އަދި ކިއެއްތޯއެވެ؟ އޭނާ ފާރިސީ ބަސް ދަންނަ ދިވެހި އަންހެނަކާ ކައިވެނި ކުރިއެވެ. އަންހެނުންނަށް އެ ޒަމާނުގައި ފާރިސީ ބަސް އެނގޭނީ ރާއްޖޭގެ އިޖްތިމާޢީ ގުޅުންތައް ފާރިސްކަރައާ ވަރަށް ގާތްވުމުން ކަމަށް ލަފާކުރެވެއެވެ.  މީގެ 150 އަހަރު ކުރީން ރާއްޖެ އައި އިނގިރޭސި ދެ މީހަކު، (ޔަންގ އެންޑް ކްރިސްޓަފަރ)، ދިވެހީން ފާރިސީ ލަވަ ކިޔާކަމާއި ފާރިސީ މީހުންގެ މަހާނަތަކެއް ލޮނުޒިޔާރަތްކޮޅުގައި ހުންނަ ކަމަށް ލިޔެފައި ވެއެވެ. މިކަންކަމުން، ކަނދި ކެއްކުން، ދިވެހީންގެ ތެރެއަށް ތައާރަފު ވީ ފާރިސް ކަރައިން ނުވަތަ އުތުރުގެ އިސްލާމީ ޤައުމުތަކުން ކަމަށް ލަފާކުރެވެއެވެ.” ޙަސަން ޙަމީދު

އާދޭހެވެ. ދިވެހިންގެތެރޭގައި ކަނދި ދުވަސް ފަދަ ކިތަންމެ ދުވަހެއް ފާހަގަކުރިއެވެ. އެ ހުރިހައި ދުވަސްތަކެއްގައި ވެސް ދިވެހިންގެ އުޅުންބުޅުމާއި ގުޅުންތަކާއި ހުރިގޮތީ އެ ކަމުގެ މައްޗަށް މިއަދުގެ ދިވެހިން ފަޚުރުވެރިވާންޖެހޭ ކަންކަމެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 59%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 12%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: