ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ދޭން ބުނުމުން، އައި އިންޒާރުގެ ކޯލްގައި ބުނީ “ބޯ ބުރިކޮށްލާނަން، އޭރުން އަނބިމީހާ އާއި ދަރިފުޅަށް ވާނީ ކިހެނެއް؟”!

ބޮޑުފިނޮޅުގައިތިބި ބިދޭސީންތައް، ހަމަނުޖެހުން ހިނގީ މުސާރަ ނުދޭ މައްސަލައިގައި: ބިދޭސީންގެ ބޮޑެތި ތުހުމަތުތައް ސީލް މޯލްޑިވްސްއަށް: ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް މުސާރަ ނުދޭތީ އެކަމަށް ޝަކުވާކުރުމުން، ސީލް މޯލްޑިވްސްއިން އެ މީހުންނަށް އިންޒާރު ދީފައިވާކަމަށް ބިދޭސީންގެ ގާނޫނީ ވަކީލުން ބުނެފިއެވެ.

ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިންތަކެއް ރަހީނުކޮށް، މުސާރަތައް ދީފައި ނުވާތީ ވަނީ މުޒާހަރާކޮށްފައެވެ. ބޮޑުފިނޮޅު ތަރައްގީ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް ވޭތުވެ ދިޔަ 07 މަސް ދުވަހުގެ މުސާރަ ދީފައިނުވެއެވެ. އެ މައްސަލައިގައި މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިން ރަހީނުކުރިއިރު، ޑިމާންޑު ކުރީ މުސާރަ ދިނުމަށެވެ. އަދި ރަށުގައި ހަމަނުޖެހުން ހިންގިއިރު 200 ބިދޭސީން ތިއްބެވެ.

މައްސަލައިގައި ބިދޭސީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ވަނީ، ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި 19 ބިދޭސީންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށެެވެ. ބޮޑުފިނޮޅުގައި ބިދޭސީންނަށް މުސާރައެއް ނުދީ މަސައްކަތް ކުރުވާތާ 08 މަސް ދުވަސް ވެފައިވަނިކޮށް، ކުރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ހިނގައިދިޔަ ކަންތަކުގެ ތެރެއިން ހައްޔަރު ކުރި ބިދޭސީންނާއި ފުލުހުން ވާހަކަ ދައްކާފައި ނުވާކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. މުސާރައިގެ މައްސަލައިގައި ހަމަނުޖެހުމެއް ހިންގުމަށް މެދުވެރިވީ ސަބަބު ދެނެގަތުމަށް ބިދޭސީންނާއި ވަކި ވަކިން ބައްދަލު ކުރިކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ބައްދަލުވުންތަކަށް ފާހަގަކުރެވުނު ކަންތައް ހިމަނާ ހާއްސަ ރިޕޯޓެއް ތައްޔާރުކޮށް ސިޓީއެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ވަކީލުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބިދޭސީންގެ ވަކީލުންގެ ގޮތުގައި ބޮޑު ޓީމެއް މަސައްކަތް ކުރެއެވެ. އަދި މީޑިއާތަކަށް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިދޭސީންނާއި ބައްދަލު ކުރި ވަކީލުންގެ ތެރެއިން ވަކީލަކަށް މައްސަލަ ތަހުގީގު ކުރަމުންދާ ފުލހުންގެ ތެރެއިން އިންވެސްޓިގޭޓަރެއް ގުޅިކަމަށެވެ. ފޯނުކޯލު އައި އެ ނަމްބަރު ވެސް ހިއްސާކޮށް ވަކީލުން ބުނެފައިވަނީ، އެ މީހާ ވަކީލަށް ގުޅާ އެއީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން މައްސަލަ ބެލުމާއި ހަވާލުވެހުރި އައިއޯކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބިދޭސީންގެ ދިފާއުގައި ފެތުރެނީ ދޮގު ވާހަކަތެއްކަމަށާއި، ޖޭއެސްސީއަށް މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެފައިވާކަމަށެވެ. އޭގެ އިތުރުން ވަކީލުންގެ ބަޔާނުގެ ސަބަބުން ފުލުހުންގެ ނަމާއި، ކޯޓުގެ ނަން ހުތުރުވެފައިވާކަމަށް ބުނެ އައިއޯ ވާހަކަ ދެއްކިކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އެ ނަންބަރުން ގުޅާ ވަކީލާއި ވާހަކަ ދެއްކުމަށްފަހު، ހަމަ އެ ނަމްބަރުން ރާއްޖޭގެ އޮންލައިން ނޫހެއްގައި ވަކިކޮޅަކަށް ބުރެވެ ގެނެސްދީފައިވާ ހަބަރެއްގެ ލިންކެއް ވެސް ފޮނުވިކަމަށެވެ. އެހެން ކަމުން، އޭގެއިން ވެސް ދޭހަވަނީ ބ އަތޮޅުގެ ފުލުހުންގެ ފަރާތުން މި މައްސަލައިގެ ހަގީގަތް ފޮރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ކަމަށް ބަޔާނުގައި ވެއެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، މުޒާހަރާތައް ކުރި 16 މޭއި އާއި ޖުލައި 02 ގައި ހިނގައިދިޔަ ހާދިސާތަކުގައި ބިރު ދެއްކުމުގެ އަމަލުތައް ހިނގާފައިވާކަމަށެވެ. އަދި ބިދޭސީންނަށް އިންޒާރުދީ، އެ މީހުންގެ ފުރާނަ ގެއްލޭވަރުގ ބޮޑު އަނިޔާއެއް ލިބިދާނެކަމަށް ބުނެ ވާހަކަ ދައްކާ ހެދިކަމަށް ބިދޭސީންގެ ވާހަކަތަކުން އެނގޭ ކަމަށެވެ. ބިިދޭސީންނަށް އިންޒާރުތައް ދީ އެ މީހުން ޑީޕޯޓުކޮށްލާނެކަމުގެ ބިރު ދައްކާފައިވާކަމަށް ބަޔާނުގައި ވެއެވެ. ވަކީލުން ބުނެފައިވަނީ، ބިދޭސީންނަށް އަމާޒުކޮށް އެ މީހުންނަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ އާއިލާއަށް ވާނެ ގޮތަކާއި މެދު ވިސްނުމަށް ވެސް ބުނެ ވާހަކަ ދެއްކިކަމަށެވެ. މި އަމަލުތަކުގެ ފަހަތުގައި ތިބީ ސީލް މޯލްޑިވްސްގެ ތިން މީހެއްކަމަށް ބިދޭސީން ތުހުމަތުކުރާކަމަށް ވަކީލުން ބުނެއެވެ.

ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބައެއް ބިދޭސީން

ވަކީލުން މީޑިއާތަކަށް އާއްމުކުރި ބަޔާނުގައި ވަނީ، މުޅި ހާދިސާ ހިނގައިދިޔަ ގޮތުގެ ޓައިމްލައިނެއް ވެސް ހިއްސާކޮށްފައެވެ.

16 މޭއިގައި ސުލްހަވެރި އެއްވުމެއް ބޭއްވުމުން، އެ ސައިޓު ބެލެހެއްޓުމާއި ސީލް މޯލްޑިވްސްގެ ފަރާތުން ހަވާލުވެހުރި މުހައްމަދު އިދްރީސް، އެއްވުމުގެ ބައިވެރިންނަށް މުޒާހަރާ ކުރާނަމަ މުސާރަވެސް ނުދޭނެކަމަށާއި އަދި ކާންވެސް ނުދޭނެކަމަށް ބުނެފައިވާކަމަށް ވެއެވެ. އަދި އެ އެންމެން ވެސް މާލެއަށް ފޮނުވާލާނެކަމަށް އެއްވި ބިދޭސީންނަށް އަމާޒުކޮށް އޭނާ ބުނެފައިވާކަމަށެވެ.

މީގެ އިތުރުން ހަމަ އެދުވަހު މުސާރަ ދޭން އެދުމުން، ސީލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހަންނާނު އަބޫބަކުރު ބ. ތުޅާދޫ ފުލުސް ސްޓޭޝަނަށް ގުޅުމުން، ފުލުހުންގެ ޓީމެއް އެ ރަށަށް ދިޔަކަމަށާއި އެހެން ނަމަވެސް ސީލް މޯލްޑިވްސްއިން ބުނާފަދަ ހަމަނުޖެހުމެއް ހިނގާފައިނުވާތީ ފުލުހުން އެ ރަށުން އެނބުރި ދިޔަކަމަށް ބަޔާނުގައި ވެއެވެ. އެހެން ނަމަވެސް، އެކަމާ ހަންނާނު ހިތްހަމަނުޖެހި އަނެއްކާވެސް ސްޓޭޝަނަށް ގުޅާ ނުރުހުންފާޅުކުރުމުން ފުލުހުން އެ ރަށަށް ގޮސް، އިދްރީސް ދެއްކި ބިދޭސީއެއް ހައްޔަރު ކުރިކަމަށެވެ. އަދި އޭނާ 10 އެއް ނުވަތަ 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓާފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

16 މޭއިގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، ސީލް މޯލްޑިވްސްއިން ބިދޭސީންނަށް ބިރު ދައްކާފައިވާތީ އެ މައްސަލަ ރިޒް ކުންފުނީގެ ފަރާތުން ފުލުހަށް ހުށަހެޅިކަމަށް ވަކީލުން ވަނީ ބުނެފައެވެ. އަދި ބިދޭސީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ހުށަހެޅިކަމަށެވެ. ނަމަވެސް އިންޒާރުތަކަސް ހުއްޓުމެއް އައިސްފައިނުވާތީ 27 ޖޫންގައި އަނެއްކާވެސް އިތުރު ސިޓީއެއް ފުލުހުންނަށް ހުށެހެޅުމުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ބަޔާނުގައި ވެއެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން، ޖުލައި މަހުގެ 01 ވަނަ ދުވަހު ދިވެހިންގެ ބަޔަކު ރަށުން ފޭބިކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މީހުން ރަށުން ފޭބުމާއި އެކު އެ ވަގުތުގެ ބޭނުންހިފައި އިދުރީސް ބިދޭސީންނަށް ބިރުދެއްކި ކަމަށެވެ. އަދި އެ މީހުންނަށް އަމާޒުކޮށް “ކަލޭމެންގެ ބޮޑު މީހާ (ރިޒް ކުންފުނީގެ ނައްޓު) ރަށުން ގޮސްފި” ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބިދޭސީންގެ އެއްވެސް ބާރެއް މިހާރު ރަށުގައި ނެތް ކަމަށް ބުނެ، ދެން މުސާރަ ވެސް ނުދީ ރަށަށް ފޮނުވާލާނެކަމަށް ބުނެ އޭނާ އިންޒާރުތަކެއް ދިން ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ފުލުހުން އެދުވަހު ބޮޑުފިނޮޅަށް ގޮސްފައިވަނީ މެންދުރު 12 ގައެވެ. އަދި ފުލުހުން ރަށަށް އަރާ އެ ރަށުގެ ވަކި ސަރަހައްދެއް ކަނޑައަޅާ އެތަނުން ބޭރު ނުވެވޭނެކަމަށް ބިދޭސީންނަށް އެނގިކަމަށެވެ. ނަމަވެސް ބިދޭސީން އެކަމާއި ނުރުހުން ފާޅުކޮށް އަޑުއުފުލުމުން ފުލުހުން ބިދޭސީންނަށް އަމާޒުކޮށް ކަރުނަ ގޭސް ޖެހިކަމަށެވެ. އަދި ރަށު ތެރެ ހަލަބޮލި ވީ އެހާ ހިސާބުން ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބައެއް ބިދޭސީން/ ފޮޓޯ: ވަން

ވަކީލުންގެ ޓީމުން ބުނެފައިވަނީ ހަމަނުޖެހުންތައް ހިނގި ދުވަހު، އިދްރީސް ރަށުގައި ހުރި ކަމަށާއި އަދި އޭނާ ސީލް މޯލްޑިވްސްގެ އެމްޑީ ހަންނާނުއަށް ބޮޑުބޭބެ ކިޔާ ނާއިލް އަބްދުއްރަހީމްއަށް ގުޅިކަމަށެވެ. އަދި އެ ކޯލު ކުރިއިރު އިދްރީސް ކައިރީ އެހެން ބިދޭސީއެއް ހުރިކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި އިދްރީސް އެދުނީ ތުޅާދޫއިން ގޭންގެއް ފޮނުވައިދީ ބިދޭސީންނާއި ކުރިމަތިލުމަށް ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން، އޭނާގެ އެ ކޯލަށްފަހު ތަނުގައި މަސައްކަތް ކުރާ ބިދޭސީއަކަށް ގޮތް ނޭނގޭ ފޯނު ކޯލެއް އައެވެ. އަދި އެ މީހަކު ގުޅާ “ކަރު ބުރިކޮށްލާނަމޭ” އަދި “ކަރު ބުރިކޮށްލައިފިނަމަ އަނބިމީހާ އާއި ދަރިފުޅަށް ވާނީ ކިހެނެއްހޭ” ބުނެ ފުރާނައަށް ނުރައްކާވާ ގޮތްތަކަށް އިންޒާރު ދިން ކަމަށެވެ. ވަކީލުންގެ ޓީމުން ބުނެފައިވަނީ ބިދޭސީން ތުހުމަތު ކުރާ ގޮތުގައި އެ ފޯނުކޯލުކޮށްފައިވަނީ ހަންނާނު ނުވަތަ އޭނާއާއި ގުޅުން އޮންނަ މީހެކެވެ.

މި ފޯނު ކޯލަށްފަހު ބިދޭސިންނަށް އެ ދުވަހުގެ 03 ޖެހިއިރު ސަޕްލައި ދޯންޏަކާއި އިތުރު ހަތަރު ޑިންގީއެއް ތޫނު ހަތިޔާރާއު އެކު ރަށަށް އެރުމަށް އަންނަތަން ފެނުނުކަމަށާއި ބިދޭސީން ޖެޓީއަށް އެއްވެ އެ މީހުންގެ ނަފްސުގެ ދިފާއުގައި ރަށަށް އަރަން އުޅުނު މީހުންނަށް އެރިޔަނުދިނުމަށް މަސައްކަތް ކުރިކަމަށެވެ. އެއާއި އެކު އެ މީހުން އެނބުރި ދިޔަކަމަށް ވަނީ ބުނެފައެވެ. އަދި ފުލުހުން ރަށަށް އަރަން އައީ އޭގެ ފަހުން ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ އެ ދުވަހުގެ ހެނދުނު ފުލުހުންނާއި ސިފައިންގެ ބަޔަކު ރަށަށް އައި ކަމަށެވެ. އަދި އެ މީހުންނާއި އެކު ރަށަށް އައި މީހުންގެ ތެރޭގައި އެ މީހުންނަށް އިންޒާރު ދޭން ގުޅި ނާއިލް ހިމެނޭކަމަށެވެ. ހައްޔަރު ކުރަންވީ މީހުންނަކީ ކޮބައިކަން ދައްކާ ފުލުހުންނަށް އެ މީހުން ހައްޔަރު ކުރުމަށް އެންގީވެސް ނާއިލްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީން ފުލުހުންނާއި ވާހަކަ ދައްކަން އެދުމުންވެސް އެ ފުރުސަތު ދީފައިނުވާކަމަށް ބަޔާނުގައި ވެއެވެ. އަދި އެ މީހުންނަށް ތަރުޖަމާނެއްގެ ވެސް އެހީ ނުލިބޭކަމަށް ފާހަގަކުރިއެވެ. މީގެ އިތުރުން އެ މީހުންގެ ސޮއި ނަގާފައިވަނީ ދިވެހި ބަހުން ލިޔެފައި ހުރި ޑޮކިއުމެންޓުތަކެއްގައި ކަމަށެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ރަށަށް ދިޔަ ފުލުހުން

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. މި މައްސަލައިގައި ސީލް ކުންފުންޏާއި، ރިޒްއިން ވަނީ އެއް ކުންފުނި އަނެއް ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ.

އެގޮތުން ރިޒްއިން ބުނާ ގޮތުން ބިދޭސީންނަށް މުސާރަ އައި ކެއުން ހަމަޖައްސަން ޖެހެނީ ސީލްއިން ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލެއް ނުކުރެއެވެ. އޭގެ ރައްދުގައި ސީލްއިން ބުނެފައިވަނީ މުސާރަ ދެވޭވަރަށް އިތުރަށް ވެސް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.

ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ، އެ މީހުން ރަށުން ބޭލުމަށް ރިޒް ކުންފުނީގެ މައްޗަށް މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ވެސް ނެރެފައިވާއިރު އެ އަމުރުގައި ކުންފުނީގެ އެއްވެސް ނުކުތާއަކަށް ރިއާޔަތް ނުކުރާކަމަށް ބުނެ ރިޒްއިން ވަނީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ވަނީ، އެ ކޯޓު އަމުރު ނެރުނު ދަރަންވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް އަށް ފިޔަވަޅު އަޅައިދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: