ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔުންތެރިންގެ ދުވަހުގައި އަޅުގަނޑުގެ ޝުޢޫރު

ފޮޓޯ: ނާރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނުންނާއި ހައިވާނުންގެ ތަފާތަކީ، އެބައި މީހުންނަށް ދެއްވާފައިވާ ވިސްނުމެވެ. އެ ވިސްނުމުގެ ބޭނުންކޮށްގެން، ދުނިޔެ އާރާސްތުކޮށް އިންސާނީ ހަޔާތް ބިނާކުރުމަށް އަނެކުންނަށް ތިމާގެ ވިސްނުން ފޯރުކޮށްދެނީ ހަރަކާތުންނެވެ. ނުވަތަ ވާހަކަދެއްކުމުންނެވެ. ނުވަތަ ލިޔުމުގެ ޒަރީޢާއިންނެވެ. އެންމެ ޤަދީމީން ޒަމާނުން ފެށިގެން ވެސް އިންސާނުންނަކީ މި ދެންނެވި ކަންކަންކުރުމަށް ސަމާލުކަންދީފައިވާ ބައެކެވެ. މި ގޮތުން ބަލާއިރު، މީގެ އެތައް ހާސް އަހަރު ކުރީގެ ތާރީޚަށް ނަޒަރު ހިންގައިލާއިރު، އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވި ބޭކަލަކީ، އިދުރީސް ޢަލައިހިއްސަލާމެވެ.

މި ގޮތުން ޒަމާނުގެ އޮޅިތައް ގިރާކުރަމުން ގޮަސް، މި ދިވެހިރާއްޖެ ވެސްއައީ، ޢިލްމީ ގޮތުން ކުރިއަރަމުންނެވެ. ޢިލްމުވެރިން އުފެދި، ޒަމާނުގެ ކަމާބަހާ ހުންނަ ގޮތް އެނގޭމީހުން ގިނަވަމުންނެވެ. އެ ޢިލްމުވެރި ބޭބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި، ޙިކްމަތާއި އަނެކުންނަށް ފޯރުކޮށްދެމުންނެވެ. ކަންތައްތައް މި މަގުންއައިސް، ދިވެހި ލިޔުންތެރިކަމުގެ ދުނިޔެއަށް އުފާގެނުވީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 08 ވަނަ ދުވަހުގައެވެ. އެއީ ހިޖުރީ ސަނަތުން 1352 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 13 ވަނަ ދުވަހެވެ.

އެ ދުވަހަކީތޯއެވެ. އެއީ މި ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. އާދެ، ދިވެހި ދަޢުލަތުގެ ފަރާތުން ނެރުނު “އަލްއިޞްލާޙު” މަޖައްލާ ވުޖޫދުވި ދުވަހެވެ. މި ގޮތުން މިއަދަކީ، އެ ދުވަހާއި ގުޅުވައިގެން ފާހަގަކުރެވެމުން އަންނަ 27 ވަނަ ލިޔުންތެރިންގެ ދުވަހެވެ. ލިޔުންތެރިކަމުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، 1993 ވަނަ އަހަރުގެ ޖުލައިމަހުގެ 08 ދުވަހުގައެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރެވެމުންދާއިރު، “ބުނާނީ ލިޔާނީ ދިވެހިބަހުން” މި ޝިޢާރުން އަޅުގަނޑަށް ކުރެވެނީ ވަރަށް ވެސް ތަފާތު އިޙްސާސްތަކެކެވެ. ކުރަނީ ވަރަށް ވެސް ފުން އަސަރުތަކެކެވެ. ނަމަވެސް އެ އިޙުސާސްތައް އަޅުގަނޑުގެ ގަލަމުން ބަޔާން ކޮށްދޭން ޢާޖިޒުވަނީ މިއަދުގެ ލިޔުންތެރިކަމުގެ ދުނިޔޭގައި ފެންނަންހުރި ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. ބައެއްފަހަރު ހިތާމަކުރެވެއެވެ. ބައެއް ފަހަރު ދެރަވެއެވެ. ނަމަވެސް އެ ކަންތައްތަކާއެކު ވެސް މިއަދު އަޅުގަނޑަށް ލިބިދޭ އުފަލަކީ، ސާފުބަހުން ލިޔެވޭތީއެވެ. އަޅުގަނޑު ހިތާމަކުރާ ސަބަބުކަމަށްވާ އިނގިރޭސި ބަހާއި، ދިވެހި ބަހާއި މަސްހުނިނުކޮށް ލިޔަން އެނގޭތީއެވެ. އެ ގޮތަށް ލިޔަން ކެރޭތީއެވެ. މި ގޮތުން އަޅުގަނޑުގެ ޢަޒުމަކަށްވަނީ، މިއަދު އަޅުގަނޑު ބުނާނީ ވެސް، ލިޔާނީ ވެސް ދިވެހިބަހުންކަމެވެ. އެންކަމުން މިފަދަ ދުވަހެއްގައި އަޅުގަނޑުގެ ޚިޔާލުތައް ކަރުދާހަށް “އޮއްސައިލުމަށް” ގަލަން މި ނެގީ “އަލް އިޞްލާޙާ” ބެހޭ ބައެއްވާހަކަތައް ހިއްސާކޮށްލަން ބޭނުންވާތީއެވެ.

ދިވެހި ދަޢުލަތުގެ ފަރާތުން ނެރުނު “އަލް އިޞްލާޙު” މަޖައްލައަކީ، ދިވެހިންނަށް އެތައްގޮތަކުން މަންފާކުރުވި މަޖައްލާއެކޭ ބުނުމަކީ އެއްވެސް ބޭފުޅަކު ދެބަސްވާނޭކަމެއްނޫނެވެ. އަދި މިހާރު ވެސް ފޮތުގެ ނޫރުން، ދިވެހި ބިމަށް އަލިކަން ފޯރުކޮށްދެމުންދާކަމީ ވަހުމެއް އޮތްކަމެއް ވެސް ނޫނެވެ. އަދި ކީއްތަ، އަންނަން އޮތް ޖީލުތަކަށް ވެސް އެ ފޮތަކީ އެތައްގޮތަކުން ދިވެހިދަރިންނަށް ލާބަ ލިބިދޭ ފޮތަކަށް ވާނެކަމާމެދަކު ވަސްވާހެއްނެތެވެ.

އަޅުގަނޑު އިސްވެ މި ދެންނެވި ބަހުގެ ތެދުކަން، މި ދަންނަވާ އެއްޗަކުން ތިޔަ އެންމެ ބޭފުޅުންނަށް ވެސް ފަހުމުވާނެކަން ގައިމެވެ. މި ގޮތުން އަޅުގަނޑުގެ ނަޒަރު މި ސީދާކޮށްލަނީ، އަލްއިޞްލާޙު މަޖައްލާގެ ދެވަނަ ސޮފުހާއަށެވެ. އެ ސޮފުހާގައިވާގޮތުން، އަލް އިސްލާޙަކީ، ދީނާއި ދުނިޔޭގެ ފަރާތަށް ދިވެހިން ހެއިއެރުވުންކަމަށް ބަޔާންކުރައްވާފައިވެއެވެ. މި ނުކުތާއަށް ބަލައިލުމުން ވެސް ހާމަވެގެންދަނީ، އެ މަޖައްލާގެ އެންމެ ފުރަތަމަ މަޤުޞަދަކީ ދީން އޮޅުން ފިލުވައިދިނުންކަމަށެވެ. އެއަށްފަހު ދުނިޔޭގައި ކަން ހިނގާ މަގު ބަޔާންކޮށްދިނުމެވެ. ދިވެހި ބަސް އޮޅުން ފިލުވައިދީ، ދިވެހި ތާރީޚު ބަޔާންކޮށްދެއްވުމެވެ.

މިހައި ހިސާބުން އަލް އިޞްލާޙު މަޖައްލާގެ ފުރަތަމަ ޢަދަދުގެ، 23 ވަނަ ސޮފުހާއާއި 24 ވަނަ ސޮފުހާއަށް ބަލައިނުލާ ކުރިއަށްދާހިތެއް ނުވެއެވެ. އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ.

“ޖަރުމަނުންގެ ގައިގަރްއޭ ކިޔުނު މީހަކު ރާއްޖޭގެ ބަހާއި މެދުގައި ފޮތެއް ލިޔެފައިވެއެވެ. މިހާރަކަށް އައިސް ކޮޅުބުގައި އެ ހުންނަ މިސްޓަރ އެޗްސީޕީ ބެލްއަކީ ވެސް، ރާއްޖޭގެ ތާރީޚަށް ވަރަށް ޚިދުމަތްކުރާ މީހެކެވެ. ލައްކަ ގިނަ ހޯދުން ހޯދައި އެބަ މަސައްކަތްކުރެއެވެ. އޭނާ ކުރާ މަސައްކަތުން ރާއްޖޭގެ ތާރީޚަށް ވަރަށް ފައިދާކުރާނެކަމުގައި ފެނެއެވެ. ރާއްޖޭގެ ތާރީޚުން ބޭރުމީހުންގެ ކިބައިން ލިބިފައިވާފަދަ ފައިދާ ރާއްޖޭގެ މީހުންގެ ކިބައިން ލިބިފައިނުވާކަމީ، ރާއްޖޭގެ ޢިލްމުވެރިކަމާއި، ޢިލްމުވެރިންގެ މަދުކަމުންނެވެ. ރާއްޖޭގެ މީހުންކުރެ، ރާއްޖޭގެ ތާރީޚަށް ޚިދުމަތްތައްކުޅަ މީހުން ދަންނައެ، ހިޖުރައިން 1116 މި ވަނަ އަހަރާއި، ހިޖުރައިން 1132 ވަނަ އަހަރު ރަސްކަންކުރެއްވި، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އައްޘާނީ ދިޔަމިގިލީ ރަދުން އަމުރުކުރައްވައިގެން، އަލް ޤާޟީ ޙަސަން ތާޖުއްދީން އަލްޤަމަވީ، ދިވެހިރާއްޖޭގެ ތާރީޚެވެ، ނަންދެއްވައި ފޮތެއް ހެއްދެވިއެވެ. މި ފޮތް ހައްދަވައިފައިވަނީ ޢަރަބިބަހުންނެވެ.”

އާދެ، އަލް އިޞްލާޙުގެ މި އަށެއްކަ ފޮޅުވަތުން ވެސް ވަރަށް މުހިންމު ނުކުތާއެއް ފާހަގަވެގެން ހިނގައްޖެއެވެ. ދިވެހިން ދިވެހި ބަހަށް ލޯބިކުރަން ވެއްޖެކަމެވެ. އެހެނީ ދިވެހި ބަހުގެ އަސްލާއި، އުސޫލުތައް ދެނެގަނެގެން މެނުވީ ތާރީޚަކީ ފަސޭހަ މަގަކުން ހޯދޭނެ އެއްޗެއް ނޫނެވެ. ކަންމިހެން ހުރިއިރު، ހުރިހައި ބޭފުޅުންނަކީ ވެސް ސާފު ދިވެހިބަހުން ލިޔެކިޔައި ހަދަން އިސްކަންދެއްވާ ބޭފުޅުންނަށްވަމާތޯއެވެ. ލިޔުންތެރިންގެ ދުވަހުގެ ޝިޢާރުގައިވާ ފަދައިން ބުނާނީވެސް ލިޔާނީ ވެސް ދިވެހިބަހުންކަމަށް ހައްދަވަމާ ހިންގަވާށެވެ. ދިވެހި ބަހަށް ފާގަތިކަމެވެ. ދިވެހިބަހަށް އުޖާލާ މުސްތަޤުބަލެކެވެ. ލިޔުންތެރިންނަށް އިތުރު ޢިލްމު ދެއްވައި، ރާއްޖޭގެ ޢިލްމުވެރިކަން އޭގެ ކުރިބޯށްޓަށް ވާސިލްވުމުގެ މަގު ތަނަވަސްކޮށްދެއްވާށި! އާމީން!

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: