ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ދީބާޖާގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ޖެހޭ 348.10 މިލިއަން ރުފިޔާގެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މައްސަލައިގެ އަޑުއެހުން އޮތީ މާދަމާގެ މެންދުރު 11:40 ގައެވެ.

މައްސަލައިގައި ސިވިލް ކޯޓުގައި މިދިޔަ ނޮވެމްބަރު މަހު ކުރިޔަށް ދިޔަ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ބަދަލުގެ ފައިސާ ދީބާޖާއަށް ދޭންޖެހޭނީ ސުޕްރީމްކޯޓުން ހުކުމް ކުރިޔާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ސުުޕްރީމް ކޯޓުން ހުކުމްކުރީ މި އަހަރުގެ އޭޕްރިލްގައި ކަމުން އެ ހުކުމަށް މިހާރު ވަނީ އަށް މަސް ދުވަސްވެފައެވެ. އެހެން ނަމަވެސް، ދައުލަތުން ހުކުމް ތަންފީޒުކޮށްފައިނުވެއެވެ.

މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އިން ބުނެފައިވަނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ބަދަލުގެ މައްސަލާގައި ދީބާޖާ އިން އިސްނަގައިގެން ރައީސް ސޯލިހަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމެންޓް ކޮމެޓީއާއެކު މަޝްވަރާކުރުމަށް ހުށަހަޅާފައިވީނަމަވެސް ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ މިހާތަނަށް ވެސް ލަފާއާ ގުޅޭ ގޮތުން ރައީސް ގޮތެއް ނިންމަވައި އެކަން އޭޖީގެ އޮފީހަށް އަންގާފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައެޅި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ފާސްކޮށްފައެވެ. ބަދަލުގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ދީބާޖާއަށް ދެއްކުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ސަރުކާރަށް ސިވިލް ކޯޓުން އެންގިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އޭރު އެ އެއްބަސްވުން ބާތިލު ކުރަން ޖެހުނު ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ، ދީބާޖާއިން އެއްބަސްވުމާއި ހިލާފުވުމެވެ. އެއްބަސްވުމުގައި ވާގޮތުން ދީބާޖާއަށް ރިސޯޓު ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމުކޮށްފައެވެ. އެހެން ނަމަވެސް، އެ ބިންތައް ދީބާޖާއަށް ދޫކޮށްފައި ނުވެއެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމިގެން ދިޔައީ ދީބާޖާއާއި އެއްކޮޅަށެވެ. ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައަޅާ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން 348.10 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ. އޭގެފަހުން އެ ހުކުމް ބާތިލުކުރީ ހައިކޯޓުންނެވެ.

މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައެވެ. އެ ނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: