ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޕްރެޝަން: މިއީ ޖޯކެއް ނޫން!

ޑިޕްރެޝަން އަށް ގޮސްފައިވާ ކުއްޖެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕްރެޝަން އަކީ އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. މި ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. އާދައިގެ ވަރަކަށް މިބަލި ކުރިމަތިވުމުން ބޭހާއި ނުލައި ހަމައެކަނި ކައުންސިލިންގ ނަގައިގެން ފަރުވާ ކުރެވިދާނެ އެވެ.

ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސިލިންގ ވެސް ނަގަންޖެހޭނެ އެވެ. ޑިޕްރެޝަން އަކީ ނަފްސާނީ ނުކުޅެދުންތެރިކަމެކޭ ބުނެވިދާނެ އެވެ.

 އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވޭއިރު، އެންމެ ނުރައްކާތެރި މަރުހަލާގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވޭގޮތް ވެއެވެ. ނޫނީ އަމިއްލައަށް މަރުވުމަކީ ވެދާނެ ގޮތެކެވެ. އަދި މި ބަލީގެ ސަބަބުން ކޮންމެ އަހަރަކު މިލިއަނެއްހާ މީހުން އަމިއްލައަށް މަރުވާކަމަށް ވެއެވެ.

ކޮންމެ 5 މީހެއްގެ ތެރެއިން އެކަކީ އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޑިޕްރެޝަންއާ ކުރިމަތިލާނެ މީހެކެވެ. ކޮންމެ މީހަކަށް ވެސް ޑިޕްރެޝަން ކުރިމަތިވެދާނެ އެވެ. އަދި އެކިމީހުންނަށް ޑިޕްރެޝަން ކުރިމަތިވަނީ އެކި މިންވަރަށެވެ.

ޑިޕްރެޝަން: ކުރިމަތިވަނީ ކީއްވެ؟

ބައެއް ފަހަރު ޑިޕްރެޝަންއާ ކުރިމަތިވި ސަބަބު އެނގިދާނެއެވެ. އަނެއްބައި ފަހަރު ނޭނގިދާނެއެވެ. ޑިޕްރެޝަންއާ ކުރިމަތިވުމުގައި ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާޢީ ސަބަބުތައް ފޮރުވިފައިވުމަކީ ވަރަށް ގާތް ކަމެކެވެ.

ޑިޕްރެޝަންގެެ ސަބަބުން މީހާގެ ފިކުރުކުރުން އިތުރުވެ، މީހާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާގޮތް ވެއެވެ. ޑިޕްރެޝަންއާ ކުރިމަތިވުމުގައި ވެސް ގުޅުންތަކެއް ވެއެވެ.މިސާލަކަށް ހިތާއި ލޭހޮޅިތަކުގެ ސަބަބުން މީހަކަށް ޑިޕްރެޝަންއާ ކުރިމަތިވެދާނެއެވެ.

ހަމަމިގޮތަށް ޑިޕްރެޝަންގެ ސަބަބުން މީހަކަށް ހިތާއި ލޭހޮޅީގެ ބަލިތައް ޖެހުމަށް މަގުފަހިވެގެން ހިނގައިދާނެ އެވެ. ޑިޕްރެޝަން ހުންނަ މީހުންގެ ސިކުނޑީގައި ޖިސްމާނީ ބަދަލުތަކެއް ހުރެދާނެއެވެ.

މިގޮތަށް އައިސްފައި ހުރެދާނެ ބަދަލުތަކުގެ މުހިއްމުކަން އަދި މުޅިން ހޯދިފައެއް ނުވެއެވެ. ސިކުނޑީގައި ހުންނަ ނިއުރޯޓްރާންސްމިޓަރުތަކަކީ ވެސް މީހާގެ މިޒާޖުގައި މުހިއްމު ދައުރެއް އަދާކުރާ ކެމިކަލް އަކަށްވުމުން، މިމާއްދާތަކަށް އަސަރު ކުރުމަކީ ވެސް ޑިޕްރެޝަންއާ ކުރިމަތިވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ބެލެވިފައި ވެއެވެ.

ހަށިގަނޑުގެ ހޯރމޯން އަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މި ބަލި ކުރިމަތިވެދާނެ އެވެ. މީގެ އިތުރުން، އާއިލާގެ ތެރޭގައި މި ބަލި ދައުރުވަމުން އައުމަކީ ވެސް ވެދާނެ ގޮތެކެވެ.

ޑިޕްރެޝަންއަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް މި ބަލި ކުރިމަތިވާލެއް ނިސްބަތުން ގިނަކަން ފާހަގަ ކުރެވެއެވެ. ފަހަރުގައި މިކަމުގެ ސަބަބަކީ ކަމެއް ދިމާވުމުން ނިސްބަތުން އަންހެނުން އެކަމަކަށް ފަރުވާ ހޯދާ މިންވަރު އިތުރުވާތީ ކަމަށް ވެސް ވެދާނެއެވެ.

ޑިޕްރެޝަން: ކުރިމަތިވެފައިވާކަން އެނގޭނީ ކިހިނެއް؟

ޑިޕްރެޝަންއަކީ މަޑުމަޑުން އާލާވަމުން އަންނަ ކަމަކަށްވާތީ، އެކަން ކުރިމަތިވެފައިވަނީ ކިހާ މިންވަރަކަށް ފާހަގަނުވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް އަވަދިނެތި ބުރަކޮށް އުޅެގެން އެކަމުން ސަލާމަތްވާން މަސައްކަތްކުރެވިދާނެ އެވެ.

ނަމަވެސް މިކަމުން އިތުރަށް ނުތަނަވަސްވެ، ހަށިގަނޑު ވަރުބަލިވާގޮތް ވެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ތަދުތަކާ ރިހުންތައް އުފެދި، ނިދިނައުން ކުރިމަތިވާން ފަށައެވެ. ބައެއް ފަހަރު މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ރިހުމާއި، ތަދަކީ ޑިޕްރެޝަންގެެ ފުރަތަމަ އަލާމާތްކަމަށް ވެސް ވެދާނެ އެވެ.

ޑިޕްރެޝަން: ފަރުވާއަކީ ކޮބާ؟

ޑިޕްރެޝަންއަަށް ވަރަށް ގިނަ ފަރުވާ ދެވެއެވެ. ތަފާތު މީހުންނާއި ގުޅޭނީ ތަފާތު ފަރުވާއެވެ. އެކަކަށް ކަމުދާ ފަރުވާއެއް އަނެކަކަށް ކަމުނުގޮސްދާނެއެވެ. ބައެއް ފަހަރު ބަލިމީހާއަށް ފައިދާވާނީ ދެތިން ވައްތަރުގެ ފަރުވާ ތަޖުރިބާ ކޮށްގެންނެވެ.

މިބައްޔަށް ފަރުވާކުރުމުގައި ބަލި ކުރިމަތިވީ ކީއްވެގެންކަން އެނގުމާއި، ނަފްސާނީގޮތުން އައިސްފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުން މުހިއްމެވެ. ފަރުވާހޯދާއިރު ވިސްނަންޖެހޭ އަނެއްކަމަކީ މިއީ ކުއްލިއަކަށް ރަނގަޅުވާނެ ބައްޔެއް ނޫންކަމާއި، އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ އާއެކު މަޑުމަޑުން ރަނގަޅުވާނެ ބައްޔެއް ކަމެވެ.

1 – ޑޮކްޓަރީ ބޭހުގެ ފަރުވާ

މިފަރުވާ ދެއްވާނީ ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރުންނެވެ. އެފަދަ މީހަކު ނެތްނަމަ، އެކަމުގެ ތަމްރީނު ލިބިފައިވާ ޢާންމު ބަލިތަކުގެ ޑޮކްޓަރުންނެވެ. 6 މަހަށްވުރެ ގިނަ ދުވަހު، ޑިޕްރެޝަންގައި އުޅެފައިވާނަމަ، ނޫނީ ޑިޕްރެޝަން ކުރިމަތިވެފައިވާ މިންވަރު މަތިނަމަ، ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން ބުއްދިވެރި އެވެ. ޑޮކްޓަރުންދޭ ލަފާތަކާ އެއްގޮތަށް ބޭސް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭސް ހުއްޓާލުމުގެ ކުރިން ކުރީގެ ބޭސް ސިޓީ އާއެކު ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޑޮކްޓަރުންދޭ ލަފާތަކާ އެއްގޮތަށް ބޭސް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭސް ހުއްޓާލުމުގެ ކުރިން ކުރީގެ ބޭސް ސިޓީ އާއެކު ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ.

2 – ބޭހާނުލައި ދެވޭ ފަރުވާ

ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ: މިއީ ކުރެވޭ ޚިޔާލުތައް، އިހުސާސްތައް، އަދި އަމަލުތައް ބަދަލުކުރުވާ ފަރުވާ އެވެ. މިފަރުވާ އާންމުކޮށް ދޭނީ ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި، ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕިސްޓުންނެވެ. މިއީ ހިތާމަކުރުމުގެ ބައްޔަށްދެވޭ އެންމެ އާންމު ފަރުވާ އެވެ. މިފަރުވާގައި މީހާގެ ވިސްނުމުގައި ނުވަތަ އުޅުމުގައިހުރި ނުރަގަޅު ޚިޔާލުތަކާ ދުރުކުރެވޭތޯ ބަލާނެއެވެ.

މިހާލަތަށް އަންނަނީ ކީއްވެގެންކަން ހޯދައި، މިޚިޔާލުތަކާ ޖަދަލުކޮށް، މުޅިން އާ ގޮތަކަށް ޚިޔާލުތައް ބަދަލުކުރުމަށް ފަރުވާ ދެވެއެވެ. ޚިޔާލުތައް ބަދަލުވުމުން، އިހުސާސްތައް ބަދަލުވެއެވެ. އުޅުން ބަދަލުކުރުމަށް މިފަރުވާ ދިނުން މުހިއްމު މަސައްކަތްތަކެއް ކުރެއެވެ.

ދޭދޭ ގުޅުން ބަދަހިކުރަންދޭ ފަރުވާ: އާއިލާއާއި އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ، ކުދިންނާއި އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ، މަސައްކަތްކުރާ ތަނުގެ މީހުންނާއި އޮންނަނީ ކޮންކަހަލަ ގުޅުންތަކެއްތޯ، އަދި މިގުޅުންތަކާ މެދު ހިތްހަމަޖެހޭތޯ، އަދި މިގުޅުންތައް ރަގަޅުކުރުމަށް ހަދާނީ ކިހިނެއްތޯ މިފަރުވާގެ ތެރެއިން ދެނެގަނވެއެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް އެމީހަކާއި، އެހެން މީހުންނާއި ދެމެދު އޮންނަ ގުޅުން ރަގަޅު ކުރަން ޖެހޭނެ އެވެ.

ކައުންސިލިންގ: ކައުންސިލިންގ އިން ތަމްރީނުލިބިފައިވާ ކައުންސެލަރުންނަށް ޑިޕްރެޝަން ކުޑަކޮށް ތަހައްމަލުކުރާ މީހުންނަށް ކައުންސިލިންގ ދެވިދާނެ އެވެ. ނަމަވެސް ކައުންސިލިންގ ދެމުން ދަނިކޮށް ވެސް ރަނގަޅުވުމުގެ އެއްވެސް އަލާމާތެއް ނުފެނިއްޖެނަމަ، ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް އަވަހަށް ދެއްކުމަށް ބުނާށެވެ.

އާއިލާއަށް އަމާޒުކޮށްގެންދޭ ފަރުވާ: އާންމު ގޮތެއްގައި ފެމިލީ ތެރަޕީ އަށް ދާނީ މީހާގެ ޑިޕްރެޝަން އަންނަނީ އާއިލާގެ ތެރޭގައި ހިނގާ ކަންތަކަކުން ނަމަ، ނުވަތަ އާއިލާގެ އެހީ ބޮޑަށް މީހާއަށް ލިބުން މުހިއްމުވާނަމަ އެވެ. މިފަރުވާގައި ބޮޑަށް ބަލާނީ އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރެވޭނީ ކޮން ގޮތްތަކަކުންތޯއާއި، އާއިލާގެ މީހުން ޑިޕްރެޝަން ޖެހިފައިވާ މީހާއަށް އެކަމުން އަރައިގަތުމަށް ވެވިދާނެ އެހީއަކީ ކޮބައިތޯ އެވެ. މިފަރުވާ ދޭނީ ފެމިލީ ތެރަޕީގެ ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުންނެވެ.

ހޮސްޕިޓަލްގައި ބާއްވައިގެންދޭ ފަރުވާ: އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް މާބޮޑަށް ބޮޑުވެ، އެކަހަލަ ކަމެއް ކުރަން އުޅޭނަމަ، ނުވަތަ އެފަދަ ކަމެއް ރާވާކަމަށް ޝައްކުވެއްޖެނަމަ، އަވަހަށް ހޮސްޕިޓަލަށް ގެންދަންވާނެއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ނަފްސާނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ކަންތައް ކުރަންވާނެއެވެ. ދިރާސާތަކުން ދައްކަނީ ގިނަ ފަހަރަށް އަމިއްލައަށް މަރުވާން ވިސްނަނީ ހިތާމަކުރުމުގެ ބަލި އެންމެ މަތީ ދަރަޖައަށް ނޫނީ ހިތާމަކުރުމުގެ ބަލި ދިއުމަށްފަހުގައި ކަމަށެވެ.

ދީނީ އަދި ރޫހާނީ ފަރުވާ: މިބަލިން އަރައިގަތުމަށްޓަކައި ކިޔާ ތަފާތު ދުޢާތައް ހުރެއެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި މިކަންތައްތައް ދެނެގަނެ، ރޫހާނީ ފަރުވާ ހޯދިދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: