ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސިޔާސީ ޚަރަކާތްތައް ބިނާކޮށްފައި އޮންނަނީ “ރައްޔިތުންގެ ހިތްރުހުން” ހޯދުމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މީހުންގެ ހިތްތައް އަތުލުމަކީ އަދި މާކަ ފަސޭހަކަމެއް ނޫނެެވެ. އެކަމަށް ލައްކަ މަސައްކަތް ކުރަން ޖެހެއެވެ. އާޝިގުކަމަކީ ފާޑެއެްގެ ބައްޔެކޭ މީހުން ބުނަނީ އެހެންވެއެވެ. އަނެކާގެ ލޯބި ހޯދުމަށް ނުވަތަ އަނެކާގެ ހިތް އަތުލުމަށް އެ ދުވަސްވަރު ތަފާތު ކަންކަން ކުރަނީ ހަމަ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ގޮވައިގެން ފިނު ބުރު ޖަހަން ދިޔުމާއި، ހިތް އުފާ ކޮށްދިނުމަށް އެކި ކަންކަން ކޮށްދީ ހަދިޔާ ދިނުމާއި ލިބޭ ހުސްވަގުތުތައް ލޯބިވެރިޔާއަށްޓަކައި ހުސްކޮށްލަނީ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަން ލޯބިވެރިޔާއަށް އިހުސާސް ކޮށްދިނުމުގެ ބޭނުމުގައެވެ. ލޯބިވެރިޔާއަށް އެކަން އިހުސާސްވެ ދެމީހުން އެކަކު އަނެކަކު ހިތާއި ހިތުގެ ގުޅުމަކުން ގުޅާލާ ލޯބީގެ ގޮށެއް ޖަހަނީ އެ ހިސާބުންނެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުން އަޅުގަނޑަށް މި މަންޒަރު ރާއްޖޭގެ ސިޔާސީ މަޝްރަހުން ވަރަށް ސާފުކޮށް ފެނެއެވެ. ރައްޔިތުންގެ ތާޢީދާއި ވޯޓު ހޯދުމަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއް ލައިލާ މަޖުނޫނު ހެދިގެން ވިޔަސް މަސައްކަތް ކުރާތަން ފެނެއެވެ. އާދެ މި ދައްކަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވާހަކައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެމްޑީޕީން ގެންގުޅެނީ ރައްޔިތުންގެ ހިތްރުހުން ހޯދުމުގެ ސިޔާސަތެއް ކަމީ އަދު ދެބަސްވެވެން ނެތް ހަޤީގަތެކެވެ. ސިޔާސީ މަސައްކަތް ފެށި ހިސާބުން ފެށިގެން މިއަދާއި ހަމައަށް ވަށައިގެން ނަޒަރު ހިންގާލަމާހެއްޔެވެ.

އެމްޑީޕީ ފުރަތަމަ ވުޖޫދުވެގެން އައި ދުވަސްވަރު އެމްޑީޕީއަކީ ސިޔާސީ ވަރުގަދަ ޕާޓީއެއް ނޫނެވެ. ނަމަވެސް ސިޔާސީ ގޮތުން ވަރުގަދަވުމަށްޓަކައި އެމްޑީޕީން އަތުރާލި ކުޅި ބަޔަކީ “ހަކުޅި ކުރިޔަށް ކުޅޭ” ހާ މޮޅަށް ރާވާލާފައިވާ ކުޅިބައެކެވެ. އަޖައިބުވާހާވެއެވެ. އެމީހުން މަގުމައްޗަށް ނިކުތީ ރައްޔިތުންގެ ހައްޤުގަކަމަށް އެމީހުން ވަކާލާތު ކުރަން ފެށިއެވެ. ބޭސް ފަރުވާ ހިލޭ ލިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއްކަމަށް އެމީހުން އަޑުއުފުލިއެވެ. ބޭސް ފަރުވާއަށް ސަލާމް ޖެހުމަށް އޮންނަ ތީމުގޭ ކިއުއާއި ވެލްފެއަރ ކިއު އުވާލުމަށް އެމީހުން އަޑުއުފުލިއެވެ. ފޮތް ލިސްޓަށް ބޭނުންވާ ފޮތްތައް އެއީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ތަކެތިކަމަށް އަޑު އުފުލިއެވެ. މުޅިންވެސް ރައްޔިތުންގެ އިހުސާސްތަކުގެ ވާހަކައެވެ.

null

2008 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ނިކުތް ނަމަވެސް ދެވަނަ ބުރަކަށް ދާން ލިބުނީ ނިސްބަތުން މަދު ވޯޓު ކޮޅެކެވެ. އިންތިޚާބު ކާމިޔާބު ވީ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ރައީސް މައުމޫނަށް ނޫނެކޭ ބުނި ހިސާބުންނެވެ.

ދެން ފެށިގެން ދިޔަ އެމްޑީޕީގެ ވެރިކަން، އާދެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެގެން ދިޔައީ ރައްޔިތުންގެ ލޯބި ހޯދުމަށް، ރައްޔިތުންގެ ހިތްރުހުން ހޯދުމަށް އެމްޑީޕީން ފެށި ދަތުރުގެ އެންމެ ކާމިޔާބު ދުވަސްވަރެވެ. ހެޔޮވެރިކަމެެއް ކޮށްދިނުމަށް ވައުދުވެ ހެޔޮވެރިކަމެއްގެ ބިންގާ އެޅީ އެ ވެރިކަމުގައެވެ. ބޭސްފަރުވާއަށް ސަލާމް ޖެހުން ނައްތާލިއެވެ. އުމުރުން ދުވަސްވީ އިސްރަށްވެހިންނާއި، އެކަނިވެރި މައިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިނާޔަތެއް ކަނޑައަޅާ މުޖުތަމައުގައި އެމީހުން ބާކީކޮށްފަ އޮތް އޮތުމަށް ނިމުމެއް ގެނައެވެ. ފެރީގެ ނިޒާމެެއް ތަޢާރަފުކޮށް ކުޑަ އަގެއްގައި ރަށްރަށަށް ދަތުރުކުރެވޭނެ ނިޒާމެއް ފެށިއެވެ.

ފަހަރުގަ އިސްވެ މި ދެންނެވުނީ ބްރިޖެއް އެޅި ވާހަކައެއް ނޫނެވެ. ނަމަވެސް އިސްވެ ދެންނެވުނު ކޮންމެ ކަމެއް ގުޅިފައިވަނީ ރައްޔިތު މީހާ ކުރާ ހޭދައަށެވެ. އޭނާގެ ޖީބަށެވެ. އޭނާއަށް ހެޔޮވެރިކަމެއްގެ އިހުސާސްވާން ފެށީ އެ ހިސާބުންނެވެ.

null

ދެން ހުންނެވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނާއި ވަރަށް ބީރައްޓެހި ބޭފުޅެކެވެ. ޝާހީ އާއިލާއަކަށް ރައީސް މައުމޫނުގެ އާއިލާ ވެ، ރައީސް މައުމޫނުގެ ފައިންޕުޅު ދެކިލުމަކީވެސް އޭރުގައި ރައްޔިތުންނަށް މާވަހަރެއް ހޯދުމަށްވުރެ ދަތިކަމެކެވެ. ރައީސް ނަޝީދު އެ ސަގާފަތް މި ރާއްޖެއިން ފޮހެލިއެވެ. ރަށް ރަށަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާއި އެއް ސުފުރާމަތިން ކޭންބެއްލެވިއެވެ. ކަނބަލުން ބަދިގެ ތެރޭގައި ކެއްކުމުގައި ތިއްބާ ކުއްލިޔަކަށް ސަލާމް ގޮވާފަ ބަދިގޭ ދޮރުން ބޯ ދިއްކޮށްލަނީ ޤައުމުގެ ވަލިއްޔުލް އަމްރެވެ. އެތަނުން ޖޫހާ ތެލުލި ބަނބުކެޔޮ ބައްލަވައިގެން އެތައް ވާހަކައެއް ހިއްސާކުރެއްވުމަށްފަހު ސަލާމް ކޮށްލާފައި ރައީސް ވަޑައިގަންނަވަނީއެވެ. ރައްޔިތުންގެ އަޑު ގާތުން އެއްސެވި ރައީސަކަށް ރައީސް ނަޝީދު ވާނޭކަން ޔަޤީނެވެ.

މި ސަބަބުތަކާއި ހުރެ ގިނަ ރައްޔިތުންގެ ހިތްތަކުގައި ރައީސް ނަޝީދަށް ދެވިފައިވަނީ ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެކެވެ. ރައީސް ނަޝީދު ވިދާޅުވާހެން ރައްޔިތުންނާއި ރައީސް ނަޝީދާއި (އެމްޑީޕީއާއި) ދެމެދު އޮންނަނީ ހިތާއި ހިތުގެ ގުޅުމެކެވެ.

null

އިންތިޚާބުތަކަށް ކެމްޕެއިން ކުރުމުގައިވެސް އެމްޑީޕީއަކީ މިސާލެކޭ ބުނެވިދާނެއެވެ. ކެމްޕެއިނަށް އެމްޑީޕީ ތައްޔާރުވަނީ އަބަދުވެސް ތަފާތުކޮށެވެ. ރައްޔިތުންގެ ހިތް ރުހުން ލިބޭނޭ ހުރިހާ ކަމެއް އެމީހުންނަށް އެނގޭކަހަލައެވެ. މިސާލެއްގެ ގޮތުން 2013 ގެ ރިޔާސީ އިންތިޚާބަށް ފެއްޓެވި “ވައުދުގެ ދަތުރު” ފުދެއެވެ. ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު އަހުވާލު ބަލާ، ރައްޔިތުންގެ ހުރިތަކުލީފުތައް ހޯދުމަށްފަހު އެ ދިރާސާގެ އަލީގައި މެނިފެސްޓޯއެއް ތައްޔާރުކުރުމުން އެ ރައްޔިތުންގެ ރުހުން އެ މެނިފެސްޓޯއަކަށް ލިބޭނެކަން ޔަޤީނެވެ.

null

މިއަދު އަނެއްކާވެސް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވުމުގެ ގޮތުން ބޮޑުތިލަދުންމަތި ދަތުރު އެވަނީ ފައްޓަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލިސް މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނޭގޮތަށް 300 މީހުނާއެކު ދަތުރު އެވަނީ ފައްޓަވާފައެވެ.

އެމްޑީޕީގެ ކެމްޕެއިން ސްޓްރެޓެޖީވެސް ތަފާތެވެ. މޭންޓުމޭން މާކް ކޮށްގެންވެސް ކެމްޕެއިން ކުރެއެވެ. ޕެޗް އެޖެންޓުންނާއި ބްލޮކް އެޖެންޓުންނާއި އަދިވެސް އެތައް ގޮތަކަށް ޓީމުތައް ބަހާލާ ރައްޔިތުން ގަޔާވާ ގޮތަށް މުޅި ނިޒާމު އަތުރާލައެވެ. ރަށް ރަށުގެ ޖަގަހަތައް އެކްޓިވްކޮށްލުމުން އެ ރަށްރަށުގައި އެމްޑީޕީގެ މެންބަރުން ޚަރަކާތްތެރިވާން ފަށަނީ އުޖޫރައަކަށް ނޫނެވެ. އެއްކަލަ ހިތް ރުހުން ލިބިފައިވާތީވެ. ހިތުގެ އަޑިން އެމްޑީޕީއަށްޓަކާ މަރުދޭ މީހުން މަދެއް ނޫނެވެ.

null

ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުންވެސް އެމްޑީޕީގެ ހިތް ރުހުން ހޯދުމުގެ ސިޔާސަތު ދަސްކުރަން އެބަޖެހެއެވެ. ގްރާސްރޫޓު ލެވެލް އިން ފެށިގެން ޕާޓީގެ ލީޑަރޝިޕްގެ އުކުޅުތައް ދަސްކުރަން އެބަ ޖެހެއެވެ. ރައްޔިތުންގެ ވޯޓު ގުޅިފައިވަނީ އެ ރައްޔިތުންނާއި ގާތުން ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން އެކަން ކުރެވިގެންނެވެ.

ހިތާއި ހިތުގެ ގުޅުމަކުން ގުޅާލެވި، ހިތް ރުހުން ލިބިއްޖެނަމަ ވޯޓު ޔަޤީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: