ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްދަންފަޅީގެ ސިޔާސަތު: ބެލެނިވެރިޔާ އޮފީސް ނިމިގެން ގެޔަށް ދާނީ ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން!

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މި ހުޅުވުނު ޢިއްޒުއްދީން ސްކޫލާއެކު، ސަރުކާރުގެ ސްކޫލްތައް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މުޅިން އައު މަރުޙަލާއެއް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު ރަސްމީކޮށް ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު އިއްޒުއްދީން ސްކޫލްގައި ތަންފީޒު ކުރެވޭނީ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން، ތަރުބަވީ އަޚްލާޤާއި ހަށި ހެޔޮކަމުގެ ޙަރަކާތްތައް ހިމެނޭ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

“މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފައި. ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށްފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް، މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެޔަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން. އޭރު ދަރިފުޅު ހުންނާނީ، އިތުރު ޙަރަކާތްތަކާއި، އިތުރު އެހީދޭ ކްލާސްތައްވެސް ނިންމައިގެން. ދެން އެ ދުވަހު ދަރިވަރުވެސް، ބެލެނިވެރިޔާވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ”

ރައީސް ވިދާޅުވީ ކުދިންނަށް ކިޔަވައިދިނުމާއެކު، ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް، އެކުދިންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ކުރިއެރުވުމަށް ސްކޫލުން މަގު ފަހިކޮށްދޭނެ ކަމަށެވެ.

އެގޮތުން އިއްޒުއްދީން ސްކޫލްގެ ކްލާސްތަކަށް ދަރިވަރުން ބަހާލާފައިވާނީ، ކްލާހެއްގައި 25 ދަރިވަރުންނަށްވުރެ އިތުރުނުވާގޮތަށް ކަމަށާއި މިއީ ސަރުކާރުގެ ސްކޫލެއް މިގޮތަށް އިންތިޒާމު ކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.

” އެކަމުގެ ހެޔޮ ބަދަލު ދަރިވަރުންގެ ކިބައިން އިރާދަކުރެއްވިއްޔާ ފެންނަން ފަށާނެ. މި ބަދަލުގެ ސަބަބުން ކުދިންނަށްވެސް އަދި ޓީޗަރުންނަށްވެސް ފައިދާވާނެ. މި ސްކޫލްގެ ހުރިހާ ކަމެއްވެސް އިންތިޒާމުކުރެވިފައި ހުންނާނީ، އަމިއްލަ ނަފްސާއި މުޖުތަމަޢުގެ ކުރިއެރުމަށާއި، ތިމާގެ ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތްކުރާ، އަދި 21 ވަނަ ސައްތައިގެ އީޖާދީ ދިރިއުޅުމަށް ލޯތައް ހުޅުވި، ސިކުނޑިތައް ފައްކާވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށް”

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ކުއްޖެއްވެސް ސްކޫލަށް އަންނަނީ ކިޔަވަން ނަމަވެސް ޙަޤީޤީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫން ކަމަށެވެ.

ގިނަ ކުދިންތަކެއް، އެއް ތަނެއްގައި ތިބެގެން ކިޔަވަނީ، ވަރަށް މުހިންމު ބޭނުމެއްގައި ކަމަށާއި އެއީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ދަސްކޮށްދީ އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެހީތެރިވާނެ ގޮތްތައް ދެނެގަތުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖމްހޫރިއްޔާގެ ވާހަފުޅުގައި ވަނީ މިދިޔަ އަހަރު ތައުލޫމީ ދާއިރާއިން ހޯދުފައިވާ ކާމިޔާބީތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް 5590 ދަރިވަރަކަށް ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދީފައިވާކަމަަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިއަހަރުވެސް ތައުލޫމީ ދާއޮރާގައި ކުރަން ހުރި ގިނަ ކަންކަމުގެ މައްޗަށް އަލުއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

” މި އަހަރުގެ ތެރޭގައިވެސް، ޢިލްމީ ގޮތުން ޤާބިލް ދިވެހި ޒުވާނުން ބިނާކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް، އެއް ދާއިރާއަކަށް ދައުލަތުގެ ބަޖެޓުން އެންމެ މަތީ އިންސައްތައެއް، އާދެ، ބަޖެޓުގެ 12 އިންސައްތަ އަޅުގަނޑުމެން ކަނޑައެޅީ، ތަޢުލީމީ ދާއިރާއަށް. އެއީ 4.4 ބިލިއަން ރުފިޔާ. މިއީ މިދިޔަ އަހަރަށްވުރެ 1 ބިލިއަން ރުފިޔާ އިތުރު ޢަދަދެއް. ތަޢުލީމީ ދާއިރާއިން މި އަހަރު ކުރުމަށް ރޭވިފައި ހުރި މުހިންމު ބައެއް ކަންކަމަށް ބަލާއިރު، އަތޮޅުތަކުގެ ތަޢުލީމީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް މި އަހަރުގެ ބަޖެޓުގައި 330 މިލިއަން ރުފިޔާ ކަނޑައެޅިފައި އެބައޮތް. އަދި މާލޭގެ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ހެދުމަށް 65 މިލިއަން ރުފިޔާ، އަދި ހުޅުމާލޭގައި އައު ސްކޫލެއް އެޅުމަށް 54 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވޭ”

އަމިއްލަ ފަރާތްތަކުންވެސް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާކަން، ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން ހިންގާ ޕްރައިވެޓް ސްކޫލްތަކާއި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހުރިއިރު އެ ބޭފުޅުން ކުރައްވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ، ދީނަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން ކަމަށެވެ. ސްކޫލް މަރުޙަލާ ނިމޭއިރު، ކޮންމެ ދަރިވަރަކުމެ ހުންނާނީ، ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭވަރަށް، އަމިއްލަ ނަފްސަށް އިތުބާރު ލިބި، ތަރައްޤީ ހޯދުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ އަގު ނަސޭހަތްކޮޅަކުންނެވެ. ރައީސް ވިދާޅުވީ ސްކޫލްގެ ތެރޭގައި ދަރިވަރުންގެ މައިންބަފައިންނަކީ، ސްކޫލްގެ ވެރިންނާއި މުދައްރިސުން ކަމަށާއި މައިންބަފައިންގެ ނަޞޭޙަތް އަބަދުވެސް ޤަބޫލުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: