ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ހިނގަމުންދާ ކަންކަމުގައި ކަރެކްޝަންސްއިން ސައްޙަނޫން މައުލޫމާތު ދިން: އެޗްއާރުސީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލާއި މާލޭ ޖަލުގައި މިދިޔަ ހަފުތާ އިން ފެށިގެން ގައިދީން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހިންގާ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދެވޭ އެއްބާރުލުން ނުދޭއިރު، ސައްހަ ނޫން މައުލޫމާތު ވެސް ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ޖަލުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން އެޗްއާރުސީއެމް އިން ކުރަމުންދާ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މާލެ ޖަލަށާއި މާފުށި ޖަލަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް ތަނުގެ އާންމު ހާލަތު ބަލައި ގައިދީންނާއި ބަންދުކޮށްފައި ތިބި މީހުންނާއި ޖަލު އޮފިސަރުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޖަލުގެ ހާލަތު މީޑިއާތަކުން ރިޕޯޓްކުރުމުން އެ ކޮމިޝަނުން ތަހުގީގެއް ކުރަމުން އަންނަ ކަަމަށެވެ. މި ތަހުގީގަށް ގައިދީންނާއި ޖަލުގެ އިސްވެރިންނާއި މުވައްޒަފުންގެ ފަރާތުން ވެސް ވަނީ މައުލޫމާތު ސާފުކޮށްފަ އެވެ.

“މި މައްސަލަތައް ތަހުގީގުކުރަމުންދާ އިރު ކޮމިޝަނުގެ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންމެ އެދެވޭ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާ ކަމާއި ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަން ހިތާމައާ އެކު ފާހަގަކުރަމެވެ.”

އެޗްއާރުސީއެމް އިން ބުނީ އެ ކޮމިޝަނުން ބެލި ބެލުމުން ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީންނާއި ބަންދު ކޮށްފައި ތިބި މީހުން ކަރެކްޝަންސްގައި ތަކުރާރުކޮށް އެދެމުންދާ ޒަރޫރީ ބައެއް ކަންކަން ފުއްދާ ނުދޭތީ އާއި އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށް ނުދެވޭތީކަން އެނގިފައިވާ ކަމަށެވެ.

މާލެ ޖަލުގައި ތިބި ބައެއް ގައިދީން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމާއި މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ވެސް އެނގިފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

https://twitter.com/hrcmv/status/1214868731198726145?s=20

މުނާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހަމަނުޖެހުން ހިންގި ގައިދީން ހަމައަކަށް އެޅި ޖަލުގައި މިހާރު ހަމަނުޖެހުމެއް ނެތް ކަމަށެވެ. ގައިދީން އެދޭ ގޮތަށް، ޖަލުތައް އިސްލާހުކުރަމުން އަންނަ ކަން އެ މީހުން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގައިދީންނާ ގުޅޭ ގޮތުން މުނާޒް ދައްކަވާ ވާހަކަތައް، އެހެން މުއައްސަސާތަކާ ތަފާތުވާތީ ނޫސްވެރިން ސުވާލުތައް ކުރިމަތިކުރި އެވެ. އެކަމަކު، ޖަވާބެއް އަދި ގިނަ ސުވާލުތަކަށް ފުރުސަތު ވެސް ނުދެއްވައި ބައްދަލުވުން ނިންމާލެއްވީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: