ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބައެއް މީހުން އުޅެނީ “އަނބެއް ބިނދެލާހެން” ރައީސް ސޯލިހް މަގާމުން ދުރު ކުރަން: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބަޔަކު އިސްވެ ތިބެގެން “ގަހެއްގައި އިންނަ އަނބު ބިނދެލާހެން” ރައީސުލް ޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކޮށްލުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ފަހަކަށް އައިސް ކޮންމެ ހަފްތާއެއްގައި ވެސް މ. ކުނޫޒުގައި ޖުމްހޫރީ ޕާޓީއަށް އެކި ބޭފުޅުންތައް ސޮއި ކުރުމާއި ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ބާއްވައެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުން އިތުރު ކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގާސިމް ވަނީ އެ ޕާޓީއަކީ އަބަދު އެއް ލެވެލްއެއްގައި އޮންނާނެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކުރިއަރައި ދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރަމުންދާނެ ކަން ގާސިމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެސް ބައިވެރުވުމާއި އެކު ގެނައި މި ސަރުކަރު ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށެވެ. އަދި ޖޭޕީ ފުޅާ ކުރުމަށްޓަކާ މަސައްކަތްތައް ކުރިޔަށް ގެންދިޔަ ނަމަވެސް، މި ސަރުކާރަށް އެއްވެސް ގެއްލުމެއް ދިނުމުގެ ނިޔަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މި ސަރުކާރު ބަދަލު ކުރުމަށްޓަކާ އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުންގެންދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. މިގެ ކުރީގެ ޖަލްސާތަކުގައި ވެސް ގާސިމް މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު އަންގާރަ ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މި ސަރުކާރު ހިނގަލެއް ލަކަމަށް ބުނެ ނުސީދާގޮތެއްގައި މަޖިލީހުގެ ތަޅުމުގައި އެ ވަހަކަ ދައްކަނީ އެމްޑީޕީގެ ބައެއް މެމްބަރުން ކަމަށެވެ.

އަތޮޅު ތެރެއަށް ނިސްބަތްވާ ބޭފުޅަކު ރައީސް ކަމުގައި ހުންނެވުމުން އެކަމަށް ނިމުމެއް ގެންނަން އެމްޑީޕީގެ އެތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމާ ދިމާލަށް ދަނިކޮށް އެކި ބަހަނާތައް ދައްކައިގެން ސަރުކާރު ބަދުނާމު ކުރަމުންދަނީ ވެސް އެމްޑީޕީގެ ބައެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، ބަޔަކަށް މި ސަރުކާރުގެ ދުވަލި “ލަސް” ކަމަށް ހީވި ނަމަވެސް، އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. ގާސިމް ވަނީ، ސަރުކާރުގެ މަސައްކަތްތައް އަދި ކިރިޔާ ފެށުނީ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތައް ވެސް ރައީސް ސޯލިހްއަށް ވެރިކަން ކުރެއްވުމުގެ ރަނގަޅު ފުރުސަތެއް ދިނުމަށް ގޮވާލާފައެވެ.

ގާސިމް ވިދާޅުވީ މިހާރު ފެންނަމުން ދަނީ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް އެންމެންނަށް އިންސާފުވެރިކޮށް ކަންކަން ކުރާ މަންޒަރު ކަމަށެވެ. އަދި ހަމަޖެހޭ ތަރުތީބަކުން، ލިޔެވިގެން ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރެވެމުންދާތަންވެސް ފެންނަމުން ދާކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުން ވެގެން އުޅެނީ ކޮންކަމެއްކަން ވެސް އޭނާއަށް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. 

ކީކޭތޯ ބުނާނީ! ކޮން ވާހަކައެއްތޯ ދައްކާނީ! މި ބޭނުން ވެގެން މި އުޅެނީ ކޮންކަމެއްތޯ؟ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ހާސިލުވިޔަ ނުދީ ސަރުކާރުން މަސައްކަތް ކުރެވޭ ވަރު މާލެހޭ ކިޔައިގެން ތަޅުވާފޮޅުވައިގަނެގެން ވެސް ‘ގަހެއްގައި އިންނަ އަނބު ބިނދެލާހެއް ރައީސުލް ޖުމްހޫރިއްޔާ ވައްޓާލަން.’ ބަލަ އެހެނެއް ނުހެދޭނެ އިނގޭތޯ!” ގާސިމް ވިދާޅުވި އެވެ

ގާސިމް ވިދާޅުވީ، ސަރުކާރަށް ޖެއްސުން ކުރުމުގެ އަމަލުތައް އެންމެ ބޮޑަށް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. އަދި އެ ބައެއްގެ ބޭނުނަކީ ރައީސް ސޯލިހްއަށް އެއްވެސް މަސައްކަތެއް ނުކުރެވޭކަން ދެއްކުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ސިޔާސަތުތަކަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ޖޭޕީއަކީ ވެސް ވަކި ސިޔާސަތުތަކަކަށް ތަބާވާ ޕާޓީއެއް ކަމަށާ އެހެންކަމުން ވަކި މީހެއްގެ މަސްލަހަތުގައި ނުވަތަ ވަކި ގައުމަކަށް އެކަނި ފައިދާއަށް ކުރާ ކަންކަމާ ދެކޮޅަށް އެ ޕާޓީން ވާހަކަ ދައްކާނެ ކަމަށެވެ.

ގާސިމް ވަނީ އޭނާ ކޮށްދެއްވާ ކަންތައްތަކަކީ ސިޔާސީ މަންފާ ހޯއްދަވަން ކުރައްވާ ކަންތައްތަކެއް ކަމަށް ބުނެ ވާދަވެރިން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވާ، ދުވަހަކުވެސް ހެޔޮ ކަމެއްގެ ބަދަލުގައި “ވޯޓެއް” ދިނުމަށް އެދިފައި ނޯންނާނެ ކަން ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: