ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަކީ ތާރީހާއި ސަގާފަތް! އިސްރޯލެއް އަދާ ކުރަނީ ޑަބްލިއުޓީއެމް!

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހާއި ޑަބްލިއުޓީއެމް -- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަކީ ތާރީހާއި ސަގާފަތްކަން ޔަގީނެވެ.

ދިވެހި ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް ނާސިރު ޔޫއެންޑީޕީގައި އެދިވަޑައިގަންފައި ވަނީ މީލާދީ ސަނަތުން 1965 ވަނަ އަހަރު އެވެ. މި ދެންނެވި އަހަރަކީ ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ އަހަރެކެވެ. ހަމަ އެ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިންގިރޭސީންގެ އަތްދަށުން ދިވެހިން ސަލާމަތްވެ ފުރިހަމަ މިނިވަން ކަމެއް ލިބިގެން ދިޔައެވެ. އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ޔޫއެންގެ މެމްބަރު ގައުމަކަށް ވިއެވެ.

ރާއްޖެ އެންމެ ފުރަތަމަ ބައިވެރިވީ ޖަމިއްޔާއަކީ ވެސް އެއީ އެވެ. ރާއްޖެ ޔޫއެންގައި ބައިވެރިވުމާއި އެކު، ދިވެހި ރާއްޖެއަށް އެ ޖަމިއްޔާގެ ވަފުދެއް އައިސް ރާއްޖެއަށް އުމްެރާނީ ގޮތުންނާއި އިގްތިިސާދީ ގޮތުން ކުރެވޭނީ ކޮން ކަހަލަ މަސައްކަތްތަކެއް ތޯ، ބަލައި ދިރާސާ ކުރިއެވެ. އެއަށްފަހު އެ ޖަމިއްޔާއިން ދިވެހިރާއްޖޭގައި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރިއަރަމުން އައި ފަތުރުވެރިކަން ގެނެވޭނެތޯ ބެލިއެވެ. ސަބަބަކީ ރާއްޖެއަކީ ގުދުރަތީ ގޮތުން ތަފާތު ރީތި ކަމެއް ލިބިފައިވާ ގައުމަކަށް ވުމުންނެވެ. އަދި ކަނޑުގެ ބޮޑު ސަރަހައްދެއް އޮވެފައިފައި، އަމިއްލަ ސަގާފަތެއް އޮތް ބައެއްގެ ވާހަކަ ދުނިޔޭގެ އެހެން ގައުމުތަކާއި ހަމައަށް ގެނެސްދިއުމަށް އެ މީހުން ބޭނުންވިއެވެ.

ރާއްޖޭގެ ފަތުރުވެރި ކަމުގެ ތާރީހު

60′ ގެ އަހަރުތަކަކީ ދިވެހި ރާއްޖެ އަކީ އިގްތިސޯދީގޮތުން ވަރަށް ބޮޑަށް ދަށުގައި އޮތް ގައުމެކެވެ. އަދި ރާއްޖެ ވީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާ “ފަގީރު” ގައުމަކަށެވެ. ދިވެހިންގެ އެތައް ބަޔަކު މި ގައުމު ކުރިއަރުވަން ބޭނުންވީ ނަމަވެސް، ޔޫއެން އިން ބުނީ ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއަރާނެ ސިނާއަތެއް ނޫން ކަމަށެވެ. އެކަށީގެންވާ ވަސީލަތްތައް ނެތުމާއި، އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރަމުން އައި ގޮތަކީ އެހެން ގައުމުތަކާއި އަޅާ ބަލައި ބަދަލު ކުރަންޖެހޭ ވިސްނުމެއްގެ ގޮތުގައި އެ މީހުން ދެކެނެވެ.

އެ ދުވަސްވަރަކު، ރާއްޖޭގައި މައި ވައިގެ ބަނދަރެއް ނެތެވެ. ވިޔަފާރި އާއި އެހެން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތެއް ވެސް ނެތެވެ. މުވާސަަލާތީ ހިދުމަތެއް ވެސް ނެތެވެ. ދަތުރު ކުރަމުން އައީ ރިޔަލު ދޯނިތަކުގައެވެ.

އޭގެ މަދު އަހަރުތަކެއް ފަހުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ޒިޔާރަތްކުރީ އިޓަލީވިލާތުގެ ޓްރެވަލް އެޖެންޓެއް ކަމުގައިވާ ޖޯޖް ކޯބިން ކަމަށް ތާރީހުން ދައްކަައެވެ. ފަތްފޮތްތަކުން ދައްކާގޮތުން، އޭނާ ރާއްޖެ އައިސްފައިވަނީ 1971 ވަނަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރުމުގައި ހަރަކާތްތެރިވި “މޯލްޑިވްސްއެކްސްޕޯޓަރ” ނަމަކަށް ކިޔާ ކާގޯ ބޯޓެއް ގައެވެ. ކޯބިން އާއި އެކު މިދަތުރުގައި އިޓަލީވިލާތުގެ ފޮޓޯ ގްރާފަރެއް ބައިވެރިވިއެވެ. އަދި އޭނާގެ ކެމެރާގައި ރާއްޖޭގެ ފޮޓޯތައް އޭނާ ރައްކާކުރިއެވެ.

ފޮޓޯ: ގޫގުލް — ރާއްޖޭގެ ފަތުރުވެރި ކަމުގެ ތާރީހު

މިއަދު ދުނިޔޭގެ އެތައް ގައުމެއްގެ ލޯބި ޖެހިފައިވާ، ފަތުރުވެރިކަން ރާއްޖެ ގެނައުމުގައި އެންމެ އިސްރޯލެއް އަދާކޮށްފައިވަނީ އޭރު ލަންކާގައި ހުރި ރާއްޖޭގެ އެމްބަސީގައި ވަޒީފާ އަދާކުރަމުން އައި ކެރެފާ އަހުމަދު ނަސީމް އާއި މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސެއިން އަފީފެވެ. މިތިން ބޭފުޅުންނަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް އެދާއިރާ ކުރިއަރުވައި ނަގަހައްޓަވައި ދެއްވި ބޭފުޅުންނެވެ.

1972 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ގްރޫޕެއް އައެވެ. ފަތުރުވެރިން ބަހައްޓާނެ ތަނެއް ނެތަސް އެ މީހުންނަށް ރާއްޖެއިން މަރުހަބާ ކީ އުފަލާއި އެކުއެވެ. އެ މީހުންނަށް ހިތްހަމަޖެހުމެއް ގެނެސްދެނީ ހަމަ އެކަނި ގައުމުގެ ރީތި ކަމެއް ނޫނެވެ. ދިވެހިން އަދާކުރި މެހުމާން ދާރީއައި، މި ގައުމުން ގެނުވަދިން ހިތްހަމަޖެހުމާއި، ހަމަހިމޭން ކަމުގެ ވަގުތުކޮޅުތަކެވެ.

ރާއްޖެއަށް އައި އެންމެ ފުރަތަމަ ފަތުރުވެރިޔާ ޖޯޖް ކޯބިން އާއި އޭނަގެ އަންހެން ދަރިފުޅު އަދި ކެރަފާ އަހްމަދު ނަސީމް – ފޮޓޯ: އަހްމަދު ނަސީމް ޓްވިޓަރ

ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށް ބޭރު ގައުމުތަކުން ލޭބަލް ކުރަން ފެށިއެވެ.

އެހާ ހިސާބުން އުމަރު މަނިކާއި، ކެރެފާ ނަސީމް ގުޚިގެން މޫމަން އޭޖެންސީ ގެ ނަމުގައި ޓްރެވެލް އޭޖެންސީއެއް އުފެއްދިއެވެ. އެއީ 1972 ވަނަ އަހަރެވެ. ކުރުނބާ ވިލެޖުގެ ނަމުގައި ނަމުގައި އެ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ގައި 30 ކޮޓަރީގެ “ރިސޯޓެއް” ހުޅުވިއެވެ.

މިދެންނެވި މަސައްކަތްތައް ކުރިއެރުވުމަށްޓަކާ ކުރަމުން އައި މަސައްކަތްތަކުގެ ދަށުން، ބަހަމުން އައި “ލީފްލެޓުތައް” ލަންޑަންގެ ވޯލްޑް ޓެރެވެލް މާކެޓާއި ހަމައަށް 1980 ގެ އަހަރުތަކުގެ ތެރޭގައި ދިޔައެވެ. އޭރު މި ފެއާ ކުރިޔަށް ގެންގޮސްފައިވަނީ “އޮލިމްޕީނާ ލަންޑަން” ގައެވެ.

އެއަށްފަހު 1992 ވަނަ އަހަރު “އާލްސް ކޯޓް” އަށް ބަދަލުވިއެވެ. ލަންޑަންގެ “އެކްސެލް” އަށް ފެއާ ބަދަލުވެގެން ދިޔައީ 2002 ވަނަ އަހަރުގެ ތެރޭގައެވެ.

ޑަބްލިއުޓީއެމް މިހާރު ކުރިޔަށްގެންދާ، އެކްސެލް ލަންޑަން : 2016 ވަނަ އަހަރުގެ ތެރެއިން — ފޮޓޯ: ގޫގުލް

ރާއްޖޭގެ ފަތުުރުވެރިކަމުގެ ތާރީހު ބަދަލުކުރީ ޑަބްލިއުޓީއެމްއެވެ. މިއީ އެތައް ބައެއްގެ ބުރަ މަސައްކަތެކެވެ. ކުޑަ ޓީމަކާއި އެކު ކުރަމުން އައި މި ދަތުރު މިހާރު ކުރަމުން އަަންނަނީ އެހެން ގައުމުތަކަށް ވެސް މިސާލެއްގެ ގޮތުގައެވެ.

މިހާރު ކޮންމެހެން ޑަބްލިއުޓީއެމްގައި ރާއްޖޭގެ ވާހަކަތައް ލިޔެފައިވާ ގަނޑުތަކެއް ބަހާކަށް ނުޖެއެވެ. ރާއްޖެއަކީ މިއަދު ބްރޭންޑެކެވެ.

ރާއްޖެއޮތީ މިއަދު އެއަށްވުރެ މާ ކުރީގައެވެ. ގަނޑެއްގައި ގައުމުގެ ވާހަކަ ލިޔެގެން، ނުވަތަ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ވަކި ކުންފުންޏެއް އެ މީހުންގެ ހިދުމަތުގެ ވާހަކަ ގަނޑުތަކެއްގައި ލިޔެ ބަހާކަށް ނުޖެހެއެވެ.

ޑަބްލިއުޓީއެމްގައި ބައިވެރިވާތާ އެތައް އަހަރެއް ވެފައިވާ ކުންފުނިތަކުން އޭރުގެ ތާރީހު ހިއްސާ ކުރާގޮތުން ޑަބްލިއުޓީއެމް އެންމެ ފުރަަތަމަ ފެށިގެން އައިއިރު ރާއްޖޭގެ ސްޓޭންޑް ވަރަށް ކުޑައެވެ. އެހެން ނަމަވެސް، އޭރުވެސް އެތައް ބަޔަކު ފެއާއަށް ޒިޔާރަތް ކުރެއެވެ. އޭރު ބަހަމުން އައި ލީފްލެޓުތައް ހޯދުމަށް ވެސް އޮންނަނީ ކިއުއެއް ހަދާލާފައެވެ.

2010 ވަނަ އަހަރުގެ ތެރޭގައި ޑަބްލިއުޓީއެމް، ނެޓްވޯކިން ސެޝަންތައް ގާއިމްވެގެން ދިއުމާއި އެކު ކުންފުނިތަކައް އިތުރު ފަސޭހައެއް ިލިބިގެން ދިޔައެވެ.

މީގެ ކުރިން، ކުއްލިއަކަށް އިންތިޒާމް ވާ ބައްދަލުވުންތައް މިހާރު ބާއްވަނީ ދުރާލާ ރޭވިގެންނެވެ. މިއީ އަދި ހީވެސް ނުކުރާހާ ޓައިޓް ޝެޑިއުލްތަކެކެވެ. ބައްދަލުވުމަކަށްފަހު ބައްދަލުވުމެއް ކުރިޔަށް ދެއެވެ. އިނގިރޭސި ބަހުން ބުނާނަމަ “ސީރިއަސް ބިޒްނަސް މީޓިންގްސް” ތަކެވެ.

ޑަބްލިއުޓީއެމް 2019 ކުރިޔަށްގެންދާ، އެކްސެލް ލަންޑަން ފޮޓޯ: ސަންގު/ މާހަތު ހުސެއިން

ޑަބްލިއުޓީއެމް ފެއާއަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔައީ 2016 ވަނަ އަހަރު މި އިވެންޓު ތިން ދުވަހުގެ ފެއާއަކަށް ބަދަލު ކުރުމެވެ. މިއީ ފެއާގެ ސަބަބުން ލިބިގެެން ދާ ކުރިއެެރުންތަކަށް ގެނެސްދިން ބަދަލެކެވެ.

މި ފެއާގައި ޓެކްނޮލޮޖީ ދާއިރާ އާއި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް 5،000 ބައިވެރިން، ބައިވެރިވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ ޓޫރިޒަމް ސިނާއަތަށް ހާއްސަ ފެއާއަކަށް ވުމާއެކު ޓޫރިޒަމް ދާއިރާގެ 51،000 މީހުން ފެއާގައި ބައިވެރިވެ އެވެ. އަދި ނުފޫޒު ގަދަ ނޫސްވެރިން ވެސް ފެއާއިން ފެނިގެންދެއެވެ.

ޑަބްލިއުޓީއެމް ފެއާ ބާއްވާ އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ގައުމެކެވެ. އެ ގައުމުން މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 90,965 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި 83,311 މީހުންނާ އަޅާބަލާއިރު 9.2 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީން ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ހަރަކާތްތައް ބާއްވާފައިވެ އެވެ. އެގޮތުން ރޯޑް ޝޯތައް ކުރިއަށް ގެންދިއުމާއި ސޯޝަލް މީޑިއާގެ އިސް ބައެއް ހަަރަކާތްތެރިން ރާއްޖެ ގެނެސް، އެ މީހުންގެ ޕޭޖްތަކުން ރާއްޖެ އިސްތިހާރުކުރުމުގެ އިތުރުން، ދުނިޔޭގެ ބޮޑެތި ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުން ހިމެނެ އެވެ.

ޑަބްލިއުޓީއެމް 2019 ގައި ރާއްޖެ ބައިވެރިވުމާއި ގުޅޭ މައުލޫމާތު ދެއްވަނީ — ފޮޓޯ: ސަންގު/ މާހަތު ހުސެއިން

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އަންނަ އަހަރު 45 އަށް ވުރެ ގިނަ ފެއާތަކުގައި ރާއްޖެ ބައިވެރިވާނެ ކަމަށެވެ. ދުނިޔެއަށް މަޝްހޫރު ސްޕެއިންގެ ފުޓްބޯޅަ ލީގުގެ ކްލަބެއް ކަމަށް ވާ ސެލްޓަވީގޯގެ ޖާޒީގައި މި އަހަރުން ފެށިގެން ރާއްޖެ އިސްތިހާރުކުރާނެ އެވެ. އަހަރަކު 900،000 ޑޮލަރު، (13 މިލިއަން ރުފިޔާ) ގެ އެއްބަސްވުމުގައި ރަސްމީކޮށް މިހާރު ވަނީ ސޮއިކޮށްފަ އެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، ބޭރު ދުނިޔެއަށް އިސްތިހާރުކުރަން ކަނޑައެޅި ބަޖެޓަކީ، އެކަމަށް މި އަހަރު ލިބުނު ބަޖެޓާ އަޅާބަލާއިރު 50 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

މި އަހަރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ދިނީ 104.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރުވަން އެމްއެމްޕީއާރުސީން އަންނަނީ އަންނަ އަހަރުގެ ޕްލޭންތައް ތައްޔާރު ކުރަމުންނެވެ. އެގޮތުން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބޭރުގެ ތަޖުރިބާ ކާރުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: