ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރްމާ ޔާމީން ކަރުގައި ހިފާނެ! ޔާމީން އޮންނާނީ ގޮޅީގަ!

ރައީސް ޔަމީން؛ ތައްޔާރުވަމުން ދަނީ ހުކުމަށް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ 2015 ވަނަ އަހަރު ކުރީކޮޅެވެ. ފުލު ފުލުގައި ފަޓާސްބަރިއެއްހެން ކުރިއަށްދިޔައީ ރާއްޖޭގެ ކުރީގެ ރައީސް، އަދި ރާއްޖޭގެ އެންމެ ޕޮޕިއުލަރ ލީޑަރ، ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތެވެ. ވެރިކަމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީނެވެ. ފޫގަޅުއްވައިގެން ހުންނެވީ ރައީސް ނަޝީދު ޖަލުގެ ތޭރިތަކުތެރެއަށް ވެއްދުމަށެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގުނު އެންމެ ބޮޑު މަޝްރޫއޭވެސް ދެންނެވިދާނެއެވެ. ރަމަލު ޖައްސަވާ، ހިސާބު ޖައްސަވާ، އެމަނިކްފާނު އެންމެ ގަޔާވާ 13 ނަންބަރު ޖައްސަވާ، 13 ވަނަ ދުވަހެއްގައި 13 އަހަރަށް ރައީސް ނަޝީދު ސިޔާސީ ހުކުމެއްގައި ޖަލަށް ލެއްވިއިރު ރައީސް ޔާމީނަށް ނޭނގުނު އެއްޗަކީ އެހުކުމަކީ ހުރިހާ ގޮތަކުންވެސް އެމަނިކްފާނުގެ ބަދު ނަސީބު ކަމެވެ. ވެރިކަންވެސް ދިފާއުކުރެއްވުނީއެއް ނޫނެވެ. ރައީސް ޔާމީނެވެ! ކަރުމާ ކިޔާ އެއްޗެއް އަޑު އަހަން ހެއްޔެވެ؟ މިފަހަރު ކަރުމާ އައިސް މަނިކްފާނު ކަރުގައި ހިފާނެއެވެ. އަޅުގަނޑުގެ ޅަ ސިކުނޑިއަށް ވިސްނޭގޮތުން، މަނިކްފާނާއިމެދު އަމަލު ހިނގާފާނެ ގޮތެއް، މަނިކްފާނަށާއި މަނިކްފާނުގެ ސަޕޯޓަރުންނަށް ދަންނަވާލާނަމެވެ، މިދެންނެވި މަގުން މިކަން ސީދާ ހިނގާނެއެކޭ ނޫނެވެ، ނަމަވެސް އަޅުގަނޑުގެ ދިރާސާގައި މިކަން ދާނެކަމަށް އަޅުގަނޑަށް ލަފާކުރެވޭ ގޮތެވެ.

ރައީސް ޔާމީންގެ މައްޗަށް މިހިންގޭ ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް އަޅުގަނޑު މިދަނީ ސިކުންތެއްވެސް ވައްޓާނުލާ ބަލަމުންނެވެ، އެއް ފަހަރަށްވުރެ ގިނަ ފަހަރަށްވެސްމެއެވެ، ދިރާސީ ބޭނުމުގައެވެ. ޝަރީއަށް ފެށުނު އިރު މަނިކްފާނު ފެނުނީ ނިކަން ވަރުގަދަކޮށެވެ. ފަހަރުގައި ވެދާނެއެވެ، ހީފުޅުކުރައްވައިގެން ހުރީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ބަޔާން ދެއްވަން ވަޑައިނުގަންނަވާނެކަމަށާއި، އަދި އޭނާގެ އޯޑިއޯ/ވީޑިއޯ ބަޔާންވެސް ބަލައި ނުގަންނާނެކަމަށެވެ.

ނަމަވެސް ލުތުފީ ވަޑައިނުގަތަސް ބަޔާން ބަލާލުމަށް އިސް ގާޒީ ހައިލަމް ނިންމެވީއެވެ. މަނިކްފާނު ނިންމައިގެން ހުރީ ޓަގު ބޯޓެއްގައި މަނިކްފާނުގެ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ފިއްލެވުމުން، އަދީބުގެ ބަޔާންވެސް ނުނެގޭނެކަމަށެވެ. އަދި އެއަށްފަހު އަދީބު ހައްޔަރުކުރެއްވުމުން ދައުލަތާއި އެއްކޮޅަށް ހެކިބަސް ނުދެއްވާނެކަމަށެވެ. އެކަންވެސްވީ އެހެނެއް ނޫނެވެ. އަދީބު ޝަރީއަތަށްވެސް ހާޒިރުވީއެވެ، ނުހައްގުން ދިން ރަށުގެ ހިޔާނާތްވެސް ޓީވީ ލައިވްގައި ފަޅާ އަރުވާލީއެވެ. އަދި އެފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށް ސާފުކޮށް ވިދާޅުވީއެވެ. އަތަށް ގޮވީއެވެ. ދެން އައީ ޒިޔަތުއެވެ. ކުރިން މިފާހަގަކުރި ހުރިހާ ހެއްކެއް މަނިކްފާނުގެ ޕްލޭނާއި އެއްގޮތަށް ދިޔަނަމަ ޒިޔަތަށްވެސް ހެދޭނެ މާބޮޑު ގޮތެއް ނޯންނާނެއޭ ހީފުޅުކުރެއްވީއެވެ. ނަމަވެސް ޒިޔަތުވެސް ވިދާޅުވީ މަނިކްފާނުގެ އޯޑަރަށް ހިޔާނާތްތައް ބަރާބަރަށް އޮޕަރޭޓްކުރިކަމަށެވެ. އަނެއްކާވެސް އަތަށްގޮވީތާއެވެ. ދެން ސަލާމަތަށް ބެލީ ކުރީގެ އެމްއެމްއޭ ގަވަރުނަރު އަޒީމާ އާދަމް ކޯޓަށް ވަޑައިގެން މަނިކްފާނު ދިފާއުކުރައްވާނެކަމަށެވެ. ކޯޓަށް ވަޑައިނުގެންނެވިތާނގައި، ރަށުތެރޭ ކިޔާ އުޅެނީ މަނިކްފާނުގެ ފޯން ކޯލަކަށް މެސެޖަކަށްވެސް އެކޮޅުން ޖަވާބް ނާންނަކަމަށެވެ. މިހިސާބަށް ދިޔައިރު ހުރިހާ ހެކިބަހެއް ނަގާ ނިމިއްޖެއެވެ. ފުރަތަމަ ދުވަހާއި އެންމެ ފަހު ޝަރީއަތުގައި މަނިކްފާނުގެ ފޭޝަލް ރިކޮގްނިޝަންއެއް ޕްރޮފެސަރ އުގެއިލް ލައްވާ ހައްދަވާލެއްވިޔަސް ލައްކަ ކަންކަން ތި މޫނުން ކިޔައިދޭނެއެވެ. އެހެންވީމާ ހުތުބާވެސް ވިދާޅުވެވޭނެއެވެ. ޖޯކުވެސް ކިޔުއްވޭނެއެވެ. ދިފާއަށް ދެއްކޭނެ އެއްޗެއް، ދިފާއު ކޮށްދޭން އަންނާނެ މީހެއް ނުވި ވިއްޔާއެވެ. މަނިކްފާނުގެ ޓުއަރިޒަމް މިނިސްޓަރާއި، މަނިކްފާނުގެ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑައިރެކްޓަރާއި، މަނިކްފާނު އޭސީސީއަށް ލެއްވި ނައިބާއި، މަނިކްފާނު ގާނޫނު އަސާސީ އެބޭފުޅަކަށް ބަދަލުކުރައްވާ ނައިބް ރައީސްކަމަށް ގެންނެވި ބޭފުޅާއާއި، އެންމެން އަންބާ ކިޔުއްވާ މަނިކްފާނާއި ދެކޮޅަށް ހެކިބަސް ދެއްވުމުން ހިތަށް ކުރާނެ އަސަރަށްވުރެ އަޅުގަނޑު ހިތަށް އެރީ މިދުނިޔެއަކީ ހާދަހާވާ އެހެން ކަހަލަ ތަނެއްތާއެވެ.

އެހެންވީމާ ދެން ޖެހިލާނީ ހުކުމަށެވެ. ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ 2018 ވަނަ އަހަރުކަމަށްވާތީ މަނިކްފާނަށް 18 ވަނަ ދުވަހެއްގައި ޖައްސަވާނީ 18 އަހަރުހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މަނިކްފާނަށް އެއަށްވުރެ ލުއި ވާނެއެވެ. އަޅުގަނޑުގެ ހިސާބުތަކުން ދައްކަނީ މަނިކްފާނަށް ޖަހާނީ ދައުރެއް ދެ ދައުރެއްގެ ހުކުމެކެވެ. ނަމަވެސް އެކަން ނިންމަނީ އަޅުގަނޑެއް ނޫނެވެ، މަނިކްފާނު ކްރިމިނަްލް ކޯޓުގެ އސްފަނޑިޔާރަކަށް ހަމަޖެއްސެވި ގާޒީ އަހްމަދު ހައިލަމް އެވެ.

ހުކުމަށްފަހު ދެން ވާނީ ކިހިނެއްހެއްޔެވެ؟

ބޮޑު ސުވާލަކީ މިއީ އެވެ. ކަރުމާ ފެށޭ ހިސާބުކަމަށް އަޅުގަނޑަށް ފެންނެނީ މިހިސާބެވެ. މަނިކްފާނު، ރައީސް ނަޝީދާއިމެދު އަމަލުކުރެއްވިގޮތާއި ކަން ހިނގި ގޮތް ހަނދާނަށް ގެންނަވާށެވެ. އަޅުގަނޑަށް ފެންނަ ގޮތުން މަނިކްފާނަށް ދިމާވާނެ ގޮތް ދަންނަވާލާނަމެވެ، ރައީސް ނަޝީދާއިމެދު މަނިކްފާނު ކަންތައް ކުރެއްވި ގޮތް ދިމާވޭތޯ އަމިއްލައަށް އަޅާކިޔުއްވާލާށެވެ.

މަނިކްފާނު އޮންނާނީ ޖަލުގައެވެ. މާފުށީ ޖަލުގައެވެ. މަނިކްފާނު އަތްޕުޅުން އެތަނުގައި ރައީސް ނަޝީދު ބަހައްޓަވަން ބިނާކުރެއްވި “ގަނޑުވަރު”ގައެވެ. ދުވަސްކޮޅަކު ގަނޑުވަރުގައި ހުންނެވުމަށްފަހު މަނިކްފާނު އާލާސްކަންފުޅަކާ އުޅުއްވާނެއެވެ. މާފުށީ ޖަލު ގަނޑުވަރުގައްޔާއި، އައިޖީއެމްއެޗް ވީއައިޕީ އަދިވެސް އެނޫން މާލޭގެ ތަންތަނުން ފަރުވާ ދެވޭނެއެވެ. ދެން ދުވަސްކޮޅަކު އަރާމުކޮށްލައްވަން މަނިކްފާނު ހުންނަވާނީ ގޭގައެވެ. ހުންނަވާފައި އަނެއްކާވެސް ޖަލަށެވެ. އަނެއްކާވެސް ބަލިވެގެން ހޮސްޕިޓަލަށެވެ. ދެން ގެއަށެވެ. މިސައިކަލް ކިތަންމެ އަވަސް އަވަހަށް ގިނައިންވެސް ރިޕީޓް ވެދާނެއެވެ. މިކަން ހުއްޓޭނީ މަނިކްފާނު ހޯއްދަވާނެ ޑޮކްޓަރުގެ ލިޔުމަކުންނެވެ.

އެލިޔުމުގައި އޮންނަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަމަށާއި، ރާއްޖެއިން އެކަމަށް ފަރުވާއެއް ނެތްކަމަށެވެ. ދެން މަނިކްފާނު ވަޑައިގަންނަވާނީ ރާއްޖެއިން ބޭރަށެވެ. އެއީ ޗައިނާކަމެއް، ސައުދީ ކަމެއް، އުތުރު ކޮރެއާކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ނޫންނަމަ ސިންގަޕޫރުކަމެއް، އިންޑިއާކަމެއް، ޖަރުމަނެއްކަމެއްވެސް ނޭނގެއެވެ. މަނިކްފާނުގެ ކުޅަދާނަކަމަކުން ސަރުކާރާއި ވާހަކަ ދައްކައިގެން ކޮންމެ ތަނަކަށްވެސް ވަޑައިގެންނެވިދާނެއެވެ.

ނަމަވެސް ދެން މަނިކްފާނު ރާއްޖެ އެންމެ އަވަހަށްވެސް ވަޑައިގަންނަވާނެކަމަށް އަޅުގަނޑަށް ފެންނަނީ 2023 ގެ ރިޔާސީ އިންތިހާބަށްފަހުއެވެ. އެއީވެސް ސައީދަށް، ޝަރީފަށް، އަބްދުއްރަހީމަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުނިއްޔާއެވެ. ނޫންނަމަ ދެން ވަޑައިގަންނަވާ ރައީސެއްގެ އިހްސާންތެރިކަން މަނިކްފާނުގެ މައްޗަށް ހުރި މިންވަރަކުންނެވެ. އެހެންނޫނީ 2028 ގެ ކުރިއަކުންވެސް މިކޮޅެއް ނެތެވެ.މާދަމާ “ކަރްމާ”އައިސް މަނިކްފާނު ކަރުގައި ހިފާނެއެވެ. ބަލަން ހުންނާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: