ކުއްލި ޚަބަރު

ލިބިގަންނަންވީ ފިލާވަޅަކީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުން: ރައީސް ޞާލިހު

ނަސްރުގެ ދުވަހުގެ ޖަލްސާގެ ތެރެއިން މެޑަލް ލިބުނު ސިފައިންގެ ބޭކަލަކަށް މެޑަލް އަރުއްވަނީ: ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ނޮވެންބަރު 3 ވަނަ ދުވަހުގެ އެ ހާދިސާއިން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަމެއް ހިނގިޔަ ނުދިނުންކަމިގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 31 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމުގައި ޖިހާދު ކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ސިފައިންނާއި، މިޢުދުވާނުގައި ޢާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ. އަދި ޚާއްޞަގޮތެއްގައި އެ ދުވަހުގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި މައި އައްޑަނައަކަށް ވެވަޑައިގެންނެވި ޤައުމީ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ނޮވެންބަރު 3 ގެ ނުރައްކާތެރި ޢުދުވާނުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި، އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ވަރަށް ޙިކްމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ދިވެހި ރައްޔިތުންނާއި އަމިއްލަފުޅު ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަކޮށް ދިވެހި ސަރުކާރުގެ އެދިވަޑައިގެންނެވުމަކަށް އިންޑިއާއިން ވެދިން އަވަސް އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑީޔާއަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާތް ވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބަޠަލުންގެ ފަހަތްޕުޅުގައި ސާބިތުވެ ތިބި ޢާންމު ފަރުދުންކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައި ވެސް، ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ސާބިތުކޮށްދިނީ، އެ ގުޅުން އަދިވެސް ބަދަހިކަންމަތީ ދެމިއޮތްކަންކަމަށާއި އޭގެ ފަހުން ރާއްޖެ ދުށް ސުނާމީ ކާރިޘާގައިވެސް، އަދި ދާދި ފަހުން މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައިވެސް، ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަ ގުޅުމުގެ ވަރަށް ރީތި ނަމޫނާއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ އިތުބާރަކީ ސިފައިންކަން ފާހަގަކުރައްވައި އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސްއަށް ފުރިހަމައަށް ޢަމަލުކޮށް، އަސްކަރީ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެންކަން ފާހަގަކުރައްވައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ޢަސްކަރީ ޢުދުވާނެއް ކަމަށްވިޔަސް، ޤުދުރަތީ ކާރިޘާއެއް ކަމަށްވިޔަސް، ޤައުމާއި ރައްޔިތުން ދިފާޢުކުރުމުގެ އެންމެ ކުރީ ސަފަށް، އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ، ސިފައިންކަން ފާހަގަކުރައްވައި މިސަބަބަށްޓަކައި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިއްބެވުމަށް ވެސް ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަސްކަރިއްޔާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރެވޭގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް، ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރުވެސް ރޭވިފައިވާކަމަށާ އަދި ސިފައިންގެ ވެލްފެއަރ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، ޢަމަލީ ގޮތުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި، އަދި ދިވެހި ޢަސްކަރީ ޒުވާނުންގެ، އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ ކޯސްޓް ގާޑްގެ ސިފައިންކަން ފާހަގަކުރައްވައި ކަނޑުމަތީގެ ހާދިސާތަކުގައި، މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ވެސް، ކޯސްޓް ގާޑުން އަދާކުރަނީ، ވަރަށް މުހިންމު ދައުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޯސްޓް ގާޑްގެ ވަސީލަތްތައް ފުރިހަމަކޮށް، ތަމްރީނާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުރާނަ ސަލާމަތްކުރުމުގެ ރިހިމެޑަލް ހާޞިލުކުރި 9 ސިފައިންނަށް ރިހި މެޑެލް ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ސިފައިންގެ ޤައުމީ ލަވަ އަލްބަމް ވެސް ނެރެދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: