ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުން ޖޭއެސްސީ އަދި ޑީޖޭއޭއަށް ހުރަސްއަޅާ މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަން ނިންމައިފި

މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން: ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްކޮށް ހުންނަވައި ސުޕްރީމްކޯޓުން ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ، ޖޭއެސްސީ އާއި ޑީޖޭއޭގެ ބަހެއް ހޯދަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިރޭ ނިންމައިފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ ފަރާތުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މުޙައްމަދު ވަނީ ތިން ހުށަހެޅުމެއް ހުށަހަޅާފައެވެ.

އެގޮތުން ފުރަތަމަ ހުށަހެޅުމަކީ ޖޭއެސްސީ އާއި ޑީޖޭއޭގެ ދައުރަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ ޝަކުވާއެއް ލިބިފައިވޭތޯ ސާފު ކުރުމަށް ދެ މުއައްސަސާއަށް ސިޓީ ފޮނުވުމެވެ.

ދެ ވަނަ ހުށަހެޅުމަކީ އެފަދަ ޝަކުވާއެއް ލިބިއްޖެ ނަމަ، އެކަމާ ގުޅިގެން ވީހާވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދި ޖޭއެސްސީ އަށް އެންގުމަށެވެ. ތިން ވަނަ ހުށަހެޅުމަކީ ސިޓީތަކުގެ ޖަވާބު ލިބުމާ އެކު، ވީހާވެސް އަވަހަށް ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭއާ ބައްދަލު ކުރުމަށެވެ.

މި ތިން ހުށަހެޅުންވެސް ވަނީ ކޮމިޓީގައި ބައިވެރިވިި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ  ވިދާޅުވީ އުއްތަމަ ފަނޑިޔާރު އިސްކޮށް ހުންނަވައިގެން ޖޭއެސްސީގެ ގާނޫނު ހިންގެވުމަށް ހުރަސްތަކެއް ކުރިމަތި ކުރައްވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

“އެ ބޭފުޅުން (ޖޭއެސްސީ އާއި ޑީޖޭއޭ) އޮމާން ކަމާއެކީގައި ކުރައްވާ މަސައްކަތަށް ދަތި ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބެމުން އެބަދޭ،”

މަޖިލިހުން ދާދި ފަހުން، ވަނީ ޖުޑިޝަލް ސާވިސްގެ ގާނޫނު އިސްލާހުކށް، ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތައް އެއްވެސް ކޯޓަކަށް ނުބެލޭ ގޮތަށް އެ ގާނޫނު މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި ޑީޖޭއޭ އޮތީ އެ ކޯޓުން އަމިއްލަ އަށް ނިންމި ނިންމުމެއްގެ ދަށުންނެވެ. ނަމަވެސް އާ ގާނޫނުއަސާސީގެ ދަށުން ޖޭއެސްސީ ވުޖޫދުވި އިރު ޑީޖޭއޭ އޮތީ ޖޭއެސްސީގެ ދަށުގަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ޖޭއެސްސީން ވަނީ ޖުޑީޝަލް ކައުންސިލަށް އިންޒާރެއް ދީފައެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ އެ ނިންމުމުގެ ބާރު ކެނޑޭ ގޮތަށް ނުވަތަ އެ އިސްލާހު ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން ނިންމާފައިވާކަން ވަނީ ޖުޑިޝަލް ކައުންސިލަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: