ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަކީ ކަޓު ބޯދާ ފިކުރެެއްކަމަށް ބުނެ ފަތުރަމުންދާ ޕްރޮޕަގަންޑާ!

އެމްޑީއެންއާއި ދެކޮޅަށް ރައްޖޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަކީ އެންމެ ލުއި ފަސޭހަ ދީންކަން ކީރިތި ޤުރުއާނުންނާިއ ރަސޫލާގެ ޙަދީޡް ބަސްފުޅުތަކުން ހެކިދެއެވެ. ނަމަވެސް އިސްލާމް ދީނަކީ ހައްދުފަހަނައަޅާފައިވާ ދީނެއް ކަމަށާއި އެދީނަކީ ހަމަހަމަކަމަށް ލޯބިކުރާ ދީނެއްނޫންކަން ދެއްކުމަށްޓަކައި ޒަމާނުއްސުރެެ ދީނުގެ އަދާވާތްތެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު ފެނިގެން ދަނީ ހުޅަނގުގެ މީހުން ފަތުރާ ޕްރޮޕަގަންޑާގެ ތެރެއިން އިސްލާމްދީންގެ ހައިބަތު ނަގާލާ މުސްލިމުންނައް އެކި ގޮތް ގޮތުން ފިތުންތައް ކުރިމަތިކުރުވަމުންދާ ތަނެވެ. އަދި އިސްލާމީ ޝަރީޢަތަކީ ބޯދާ، ކަޓު ޤާނޫނުތަކެއްގެ މައްޗައް އެކުލެވިގެންވާ ދީނެއްގެ ގޮތުގައި ވިސްނައިދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. އިސްލާމް ދީނަކީ ނުރައްކާތެރި އަނިޔާވެރި އަދި ބިރުދައްކާ މަޖުބޫރުން ކަންކަން ކުރުވުމަށް އޮންނަ ދީނެއްގެ ގޮތުގައި ދައްކަމުންނެވެ.

ނަމަވެސް ޙަޤީޤަތަކީ އިސްލާމް ދީނަކީ މި ކައުނުގައި އުފެދުނު އެންމެ މާތް އަދި ލުއި ފަސޭހަ ދީން ކަމެވެ. އިސްލާމްދީނަކީ އެދީނެއްގައި އެންމެ ކުދި ޖަނަވާރުންނަށްވެސް އިހާނެތިކޮށް ނުހިތުމަށް އޮންނަ ދީނެކެވެ. މި ދީނަކީ ހުރިހާ ކަމަކަށްވުރެ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާއި، މަސްލަޙަތައް ލޯބި ކުރާ ދީނެކެވެ. އަދި އިންސާނުންގެ ޙައްގުތަކާއި ދޭދޭ ފަރުފުންގެ މެދުގައި އޮންނަ ގުޅުމާއި، އަބުރާއި އިއްޒަތް އެންމެ ފުޅާދާއިރާއެއްގައި ކަށަވަރުކޮށްދީ ހިމާޔަތް ކޮށްދޭ އެއް ދީނަކީ އިސްލާމްދީނެވެ.

ކީރިިތި ޤުރާއުންނުންނާއި ރަސޫލާގެ ޙަދީޡް ބަސްފުޅުތަކުން އިނގޭގޮތުގައި އިސްލާމީ ޢަދަވާތްތެރިން ޤިޔާމަތާއި ހަމައަށްވެސް އެމީހުންގެ މަސައްކަތުގައި ދެމި ތިބޭނެއެވެ. އެހެން ނަމަވެސް އިސްލާމްދީނުގެ މައްޗައް ގަދަވެގަތުމަކީ އެމީހުންނަށް ނުވާނެ ކަމެކެވެ. މަރުދުވާހާއި ހަމައަށް މަސައްކަތްކުރިނަމަވެސް އިސްލާމީ ވަސް މި ދުނިޔެއިން ފުހެލުމަކީ ނުވާނެ ކަމެކެވެ.

ނަމަވެސް ހުޅުނގުގެ މި ބައިގަނޑު، އިންސާނީ ޙައްޤޭ، ހަމަހަމަކަމޭ ކިޔައިގެން ފަތުރާ މި ޕްރޮޕަގެންޑާގައި އިސްލާމީ ފޭރާމުގައި ތިބި ބައެއް މުނާފިޤުން ބައިވެރިވެގެން ދިއުމަކީ އެމީހުންނަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ. އިސްލާމީ ފޭރާމުގައި ތިބި މުނާފިޤުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ހުޅަނގުން ހިތްވަރު ލިބިގެން ދިވެހިންވެސް އުޅޭ ކަމީ ޤަބޫލުކުރަންޖެހޭ ހިތި ޙަޤީޤަތެކެވެ. އެމީހުން މަސައްކަތް މިހާރު މިވަނީ މެކުހައް ޖަހާފައެވެ.

ނަމަވެސް މާތް ﷲގެ ރަޙްމަތްފުޅުން، ކޮންމެ ޒަމާނެއްގައިވެސް އިސްލާމީ ޝަރީޢަތަށް ކާފަރުންނާއި މުނާފިޤުން އަރުވަމުންދާ ހިރަފުސް ފޮޅުއްވާ، އެ ޝަރީޢަތުގެ މަތިވެރިކަމާއި، އެ ޝަރީޢަތުގެ އަސްލު މަންޒަރު މީސްތަކުންނަށް ހާމަކުރައްވާނޭ ޢިލްމުވެރިންނާއި މުފައްކިރުން ލައްވާނެއެވެ. މިއަދު ފެނިގެންދަބީ އެފަދަ އިލްމުވެރިންނާއި މުފައްކިރުންގެ އަގު ނެތިގެންދާތަނެވެ. އެބޭފުޅުންގެ ޙައިސިއްޔަތު ނެތްކަމަށް ދައްކާ އެއީ ޙައްދުފަހަނަ އަޅާފައިވާ މީހުންގެ ގޮތުގައި، މުނާފިޤުން ދަނީ ދައްކުވަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ޤައުމުތަކުގައި ހަދަމުންދާ ޤާނޫނުތަކަކީ ތަފާތު ޤާނޫނުތަކެކެވެ. އިންޑިއާގައި ހަދާ ޤާނޫނުތަކާއި ލަންކާގައި ހަދާ ޤާނޫނުތައް ތަފާތެވެ. ހަމަ އެފަދައިން ހުޅުނގުގެ ޤައުމުތަކުގައި ހަދާ ޤާނޫނުތަކާއި އޭޝީޔާ ބައްރުގެ ޤައުމުތަކުގައި ހަދާފައިވާ ޤާނޫނުތައްވެސް ތަފާތެވެ.

ކޮންމެ ޤައުމަކުންވެސް ޤާނޫނުތައް ތަންފީޒުކުރާނީ އެޤައުމެއްގެ ބަޔަކު ނުވަތަ ވަކި ފަރުދަކު ބޭނުންވާ ކަމެއް ޙާސިލްކުރުމުގެ ބޭނުމުގައެވެ. އެ ޤާނޫނުތައް ދުވަސްވަރުތަކައް ބަދަލުވެއެވެ. އަނެއްބައި ދުވަސްވަރުތަކައް އުވާލައެވެ. ސަބަބަކީ އިންސާނީ ބުއްދިއާއި ވިސްނުމަކީ އަބަދުމެ ބަދަލުވެ ހުންނަ އެއްޗަކަށް ވާތީއެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. އެދީނުގައި އަންގަވާފައިވާ ކަންކަމަކީ ހިތައް އެރީމާ ބަދަލުވާނެ ޙުކުމްތަކެއް ނޫނެވެ. ކީރިތި ޤުރުޢާނަކީ ބަދަލުވާނެ ފޮތެއް ނޫނެވެ.

އިންސާނުންގެ ޙައްޤޭ ކިޔައިގެން ހަމަހަމަ ފުރުސަތޭ ކިޔައިގެން، އިސްލާމްދީނުގެ ޝަރީޢަތާއި ދީނުގެ ޙުކުމްތަކާއި އަދި މަސްދަރުތަކަކީ އެމީހުންގެ ބަހުރުވައިނަމަ ” އައުޓްޑޭޓެޑް” އެއްޗެއްގެ ގޮތުގައި ދެއްކުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެއެވެ.

މިއަދު ދިވެހިރާއްޖޭގައި ކީރިތި ޤުރުޢާނުގައި އަންގަވާފައިވާ ކަންކަމަކީ ޤަބޫލުކުރެވޭ ކަންކަން ނޫން ކަމަށާއި ދީނުގައި އަންގަވާފައިވާ ހަޑިމުޑުދާރުވެގެންވާ ބޮޑެތި ފާފަތަކަކީ ހަޑި މުޑުދާރު ކަންކަމުގެ ގޮތުގައި ބޮޑެތިވަމުން އަންނަ ކުދިންނައް ނުދެއްކުމަށް ސަރުކާރުގެ ޖަމިއްޔާއަކުން މިވަނީ ގޮވަލާފައެވެ. އާދެ! މޯލްޑިވްސް ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން އިސްލަމްދީނާއި ބީރައްޓެހި ކަންކަން ހިމަނާ ނެރުނު ރިޕޯޓުގައި އިސްލާމްދީނައް ފުރައްސާރަކޮށް މާތް ރަސޫލާއަށް ޙަޖޫޖަހާފައިވާއިރު މަސްދުވަސް ވެގެންދާއިރު ޖަމިއްޔާއާިއ މެދު ފިޔަވަޅެއް ވަނީ ނޭޅިފައެވެ.

މިއީ ރާއްޖޭގައި މުސްލިމުންގެ ފޭރާންލައިގެން ތިބެ ދީނުގެ އަޤީދާ ބަލިކަށިކޮށްލާ އިސްލާމްދީނަކީ ކަޓު ހިޔާލުގެ ހައްދުފަހަނައަޅާފައިވާ ދީނެއްގެ ގޮތުގައި ދެއްކުމަށް ކުރަމުންދާ މަސައްކަތެެވެ. މިފަދަ ކަންކަން ރާއްޖޭގައި އާންމުވެގެންދާއިރު، މައްސަލަ ނުބެލި، ފިޔަވަޅު ނޭޅި ދުވަސް ވާންވެއްޖެނަމަ ސައްތައިން ސައްތަ މުސްލިމް ޤައުމު އަތުން ބީވެގެން ދިއުމަކީ އޮތް ބިރެކެވެ. އެއީ އެފަދަ މުުނާފިޤޫނައް ލިބެގެންދާ ހިތްވަރެއް ކަމުގައި މެނުވީ ނުވާނެއެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: