ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރަޙައްދީ އިސްލާމިކް ފައިނޭންސް ހަބަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ތަސައްވުރެއް!

ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމުގެ އަމާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބަނޑޮސް މޯލްޑިވްސްގައި ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓްގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ.

ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓު ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން ނިޒާމު އޮތްކަމުގައި ވީނަމަވެސް ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެން ނެތް ކަމަށެވެ.

އެހެންކަމުން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ރާއްޖޭގައިވެސް މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކެޕިޓަލް މާކެޓްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ފައްޓާފައިވާ ސްކީމްތައް، ކެޕިޓަލް މާކެޓު ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ފުޅާކުރުމުގެ މުހިންމުކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްގީކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދު މިއަށް ވުރެ މަތީ ހަރުފަތަކަށް ގެންދިޔުމުގައިވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށާއި، ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ތަރައްގީ ހާސިލްކުރަން ބޭނުންވަނީ ވެސް ދެމެހެއްޓެނިވި ގޮތެއްގައިކަމަށާއި އެކަން ކުރެވޭނީ، ވަގުތީ ހައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ހައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަން ދީގެންކަމަމަށެވެ. .

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރެވިފައިވާ 8 ކުންފުންޏަށް ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ފެށި މި ފޯރަމަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމެވެ. ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ފައިސާ، ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމެވެ. މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކެޕިޓަލް މާކެޓްގައި ޝާމިލުވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި ރާއްޖެއިން ބޭރުގެ މާހިރެއްގެ މަޝްވަރާތަކާ ހުށަހެޅުންތައް މި ފޯރުމުގައި ކުރިޔަށްދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: