ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ބޭނުން، ފަރުދާގެ ފުރަގަހުގައި ތިބި މީހުން ބޭރަށް ނެރުން! އެކަން ހާސިލުކޮށްފި!

އެމްޑީއެންއިން ވޭތުވެ ދިޔަ އަހަރުތަކުގައި ބޭރުގެ ފޯރަމްތަކުގައި ބައިވެރިވެ ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ވާހަކަ ދައްކާފައިވޭ - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ފަހުކޮޅު މީޑިއާތަކާއި ސޯޝަލް މީޑިއާތަށް އެންމެ ބޮޑަށް ހޫނުވެގެންދިޔައީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއަކުން އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު ހަބަރާއި އެކުއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓަކީ ގާތްގަނޑަކަށް 125 ސޮފުހާގެ ރިޕޯޓެކެވެ.

އެ ރިޕޯޓުގައި އިސްލާމްދީނާއި، ކީރިތި ގުރުއާނަށް ހަޖޫޖަހާ، މާތް ވެގެންވާ ރަސޫލާގެ ބަސްފުޅުތަކަކީ ކަނޑައެޅިގެން ފުލޯކު ވާހަކަތަކެއްގެ ގޮތުގައި ދެއްކުމަށްޓަކާ މަސައްކަތްކޮށްފައިވެއެވެ. މިނިވަން ހިޔާލާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަތިޔާރަަކަށް ހަދާ ނެރުނު އެ ރިޕޯޓަކީ ބަޔަކު ގަސްތުގައި މި ގައުމުގެ ފަސްގަނޑު ހަލާކުކޮށް، އިސްލާމް ދީން ނޫން އެހެން ދީންތައް ގެނައުމަށް ނެގި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރިއެވެ.

އެމްޑީއެންއަކީ އެ ބުނާ، މެދު މިނުގެ ހިޔާލާއި އެކު ދުނިޔޭގެ އެކި ގައުމުތަކުގެ ބޮޑެތި ފޯރަމްތަކުގައި ބަހުސް ކުރަމުން އައި ޖަމިއްޔާއެކެވެ. މީގެ ކުރިންވެސް ޖަމިއްޔާއާއި ޖަމިއްޔާގެ ބައެއް އިސްމީހުންގެ ވާހަކަތައް ފެންމަތިވެގެން އައިސްފައިވެއެވެ. ރާއްޖެއަކީ ހައްދު ފަހަނަޅާފައިވާ ގައުމެއް ކަމާއި، ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ “އެއްވެސް ބައެއް ނޫން” ކަމަށް ސިފަކޮށް އެ ފޯރަމްތަކުގައި އެ މީހުން ވާހަކަ ދައްކާފައިވެއެވެ.

އެމްޑީއެންއިން ވޭތުވެ ދިޔަ އަހަރުތަކުގައި ބޭރުގެ ފޯރަމްތަކުގައި ބައިވެރިވެ ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ވާހަކަ ދައްކާފައިވޭ – ފޮޓޯ: ސޯޝަލް މީޑިއާ

އެންޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި، ރިޕޯޓު އިސްލާހުކޮށް އަލުން އާއްމު ކުރާނެ ކަމަށް ބުނެ ރިޕޯޓު ނެގިޔަސް މިއީ ގަސްތުގައި ކެރިގެން ތިބެ ހިންގާފައިވާ އަމަލެކެވެ. ސަބަބުވެސް ބުނެފާނަމެވެ. އެ މީހުންނަށް ދޭނެ، އަދި ދެވޭނެ އަދަބެއް ވެސް ނެތީކަން ގަބޫލު ކުރަނީއެވެ. މީގެ ކުރިން ނުސީދާކޮށް ބުނަމުން އައި ބަސްތައް މިއަދު ފާޅުގައި ބުނަމުންދާ ސަބަބެއް ހަމަ އޮންނާނެއެވެ.

ދުނިޔޭގެ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް، ދިވެހިން ފޮނުވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންކަމަށް މި ދެންނެވި ފޯރަމްތަކުގައި އެމްޑީއެންއިން ބުނެފައިވެއެވެ. މިއީ އެއްވެސް ގޮތަކަށް، ހަދަ ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. “ފްރީޑޮމް އިޒް ނޯ ޕެރެޑައިސް ފޯ ޑިމޮކްރަސީ” ގެ ނަމުގައި ބޭއްވި ފޯރަމްއެއްގައި އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ބައިވެރިވީ މިދިޔަ މޭއި މަހުގެ 8 ވަނަ ދުވަހުއެވެ. “ކޮބާރ ސްޓިފްޓަންގ” ގެ ނަމުގައި ވާ ވެބްސައިޓަށް ޝަހިންދާ ބައިވެރިވީ ފޯރަމްގެ ވީޑިއޯ ލާފައި ވަނީ މިދެންނެވި ތާރީހުގައެވެ. “އައިރޯނިކްލީ، އައި ވޯޒް އެކިއުޒް އޮފް …… މޮކިން ގޯޑް…. އެގައިން” ތިމްންނާއަކީ އެއް އިރެއްގައި މާތްﷲ އަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްކަމަށް ބުނެލީ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތިއެވެ. ނުބައި ނުލަފާ ހިންޏަކާއި އެކުއެވެ.

https://twitter.com/ShumbaGong/status/1180586728026857473?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1180586728026857473&ref_url=https%3A%2F%2Fsangu.mv%2F995

އެމްޑީއެންގެ ވާހަކަތައް މިހާހިސާބަށް އައިސް ފޮތުގެ މުސައްނިފުންގެ ގޮތުގައި ތިބި ޝަހިންދާ އިސްމާއީލް އާއި އަޒްރާ ނަސީމްއަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. މުސްލިމުންގެ ގޮތުގައި ތިބެ، ދިވެހީންގެ މި ފަސްގަނޑުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރީ ޝަހިންދާ އާއި އަޒްރާއެވެ. އިސްވެ ތިބީ މި ދެމީހުންނެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ މި ގައުމުން ދިވެހިންގެ ދީނާއި ވަހުދަތު ނައްތާލުން ބާއެވެ؟ ނުވަތަ، މިއީ ނުބައި ރޭވުމެއްގެ ފެށުން ބާއެވެ؟ މިއީ ގައުމުގެ އަމާން ނަގާލާ، ހިންގަން ބޭނުންވިހާ ޖަރީމާއެއް ހިންގަން ހުޅުވާލި ދޮރެއްކަމާއި މެދު މިއަދު ޝައްކެވެ.

މުޖްތަމައުއަށް ނަޒަރު ހިންގާލާށެވެ. މުޅި ސޯޝަލް މީޑިއާ އެއްކޮޅުން އަނެއްކޮޅަށް ބަލާށެވެ. ކަންކަން އެ އޮތީ ބޮއްސުން ލާފައެވެ. މިއީ އެތައް އަހަރެއް ކުރީގެ ހުޅެއް ނަމަވެސް، ރިޕޯޓެއްގެ ސިފައިގައި އެ ހުޅުގެ ތެރެއަށް “ޕެޓްރޯލް” އަޅާލީ އެމްޑީއެންއިންނެވެ. ދީނާއި ގުޅޭގޮތުން ސުވާލު އުފައްދާ، ކީރިތި ގުރުއާނަށް އެކަނި ހުރެގެން ހަޖޫ ޖެހި މީހާ މިއަދު އެ ހަޖޫ ޖަހަނީ ފާޅުގައި ހުރެއެވެ. ކެރިގެން ހުރެއެވެ. ބިރެއް ނެތިއެވެ.

އެމްޑީއެންގެ ރިޕޯޓު ލިޔުމުގައި އެންމެ އިސްކޮށް އުޅުނީ ޝަހިންދާ އާއި އަޒްެރާ

ދިވެހި މި ބިމަށް އައިސްފައިވާ ބަދަލު އެންމެ ސާފުކޮށް ފެންނަނީ ސޯޝަލް މީޑިއާގެ ވަސީލަތެއްކަމަށް ވާ ޓްވީޓާއިންނެވެ. ލާދީނީއަށް ގޮވާމީހާ ލާދީނީއަށް ގޮވަނީއެވެ. މުރުތަދުވާ މީހާ، ކުފުރުވެ އިންސާނާއަށް އަޑުއަހަންވެެސް ނުކެރޭހާ ވާހަކަތައް ދައްކަނީއެވެ.

ގާތްގަނޑަކަށް 125 ސަފުހާގެ އެމްޑީއެންގެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

މި ރިޕޯޓެއް އާއްމުވުމާއި އެކު، ޓްވީޓާތެރޭގައި އެންެމެ ބޮޑު އެއް ބަހުސްއެއް ދިޔަކަމަކަށް އެއް ޖިންސުން ގުޅުން ހިންގުންވެސް ހިމެނޭނެއެވެ. އެހެން ނަމަވެސް، ކަންވީ ހީކުރިހާ ގޮތަކަށް ނޫނެވެ. މީގެ ކުރިން، ފަރުދާއެއްގެ ފަހަތުގައި ތިބެ ޖަހަމުން އައި “ސަކަރާތް” އާއްމު ކުރިއެެވެ. ފާޅުގައި ނިކުމެ އެ ފަތިވަރު ގޮވާލިއެވެ. އެ މީހުންގެ ފަހަތުން އެހެން މީހުންވެސް ނިކުތެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ “އާދައިގެ” ކަމަކަށް ހަދާ އެ މީހުންނަށް ހިއްވަރު ދިން މީހުންވެސް ތިއްބެވެ. އެއީ ރާއްޖެ ފަދަ ކުޑަ އާބާދީއަކާއި އަޅާބަލާއިރު ނިސްބަތުން ގިނަ މީހުންނެވެ.

މިއީ ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބެވެ. އެމްޑީއެންގެ ރިޕޯޓެއް މުޅި ގައުމު ފަސާދަކޮށްލައިފިއެވެ. މުޅި ގައުމުގެ ތެރޭގައި މި އޮތީ ފިތުނަ އުފެދިފައެވެ. ޝަހިންދާ އާއި އަޒްރާ ހަމަޖެހިގެން “ކުޅިގަނޑު” ބަލަން ބޭރު ގައުމެއްގައެެވެ. އެ ތިބީ ކުރަން ބޭނުންވިހާ ކަމެއް ހާސިލްކޮށްގެންނެވެ.

އެމްޑީއެންގެ ރިޕޯޓުގެ ބޭރުގަނޑު، 125 ސޮފުހާގެ އެ ރިޕޯޓުގައި މުޅިންވެސް ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށްފައި – ފޮޓޯ: ސަންގު

އަޅުގަނޑުމެން ދިވެހި މުސްލިމް ލޮބުވެތި ރައްޔިތުން ނުވަތަ އިސްލާމްދީނަށް ލޯބިކުރާ އަދި ދީނުގައި އަންގަވާފައިވާ މަގުން ކަންތައްކުރަން ބޭނުންވާ ހުރިހާ ކުދިބޮޑު ރައްޔިތުން ހަމަޖެހިލައިގެން ވަގުތުކޮޅަކަށް ނަމަވެސް މިކަމާ ފުންކޮށް ވިސްނަން އެބަޖެހެއެވެ!. ދިވެހިންގެ ފަސްގަނޑުގައި ތިބެ ފަރަންޖީންގެ އެހީ ހޯދައިގެން ބޭނުންހާ އެއްޗެއް އާންމުކުރަމުންދާއިރު އެކަމަށް ހަމަ ދެ އަތް އުރާލައިގެން ތިބެން ވީތޯއެވެ. ފަރަންޖީންގެ އެހީއާއި، ހިމާޔަތް އެ މީހުންނަށް ހޯދިދާނެއެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ދިވެހިން އެކަތިގަނޑަކަށް ވެއްޖެނަމަ ކޮން ފަރަންޖީއެއް ޝަހިންދާއެއް، އަޒްރާއެއް ހެއްޔެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހުރީ އަޅުގަނޑުމެންގެ ތުއްތު ކުދީންގެ ޅަނދޮޅު ސިކުނޑިތަކުން އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޝަރަފުވެރިންކަން އުނިކޮށް ބޭރުކޮށްލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެކެވެ. އެއީ ތަޢުލީމު ބައްޓަންކުރުމާއި މުޤައްރަރުތައް ފަރުމާކުރުމާ ގުޅޭ ސިޔާސަތުތަކެކެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ރާއްޖޭގެ އެތައް ރަށެއްގައި ހަރަކާތްތައް ދަނީ ކުރިޔަށް – ފޮޓޯ: ސޯޝަލް މީޑިއާ

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެއެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް އެހާ ފަސޭހައިން ދޫދީގެންނެއް ނުވާނެއެވެ. ބޭނުންވާހާ ސަކަރާތެއް ޖެހުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ދީގެންނެއް ނުވާނެއެވެ. މިއަދު މިކަމުން އަޅުގަނޑުމެން ފެއިލް ވެއްޖެނަމަ މާދަމާ އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންނާއި ސުވާލު ކުރާނޭކަން ޔަގީނެވެ. ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ފުރައްސާރަކުރި މީހުނަށް އަދަބު ނުދިނީ ކީއްވެތޯ ޅދަރިން ސުވާލުކުރަން ފަށާނެއެވެ.

އެކުދިންނަށް އަދަބު ނުލިބި ތިބި ޝަހިންދާއަކާއި އަޒރުރާއެއް ފެނުމުން އެ ކުދިން ހިތާއި ހިތުން އަޅުގަނޑުމެންނާއި ސުވާލު ކުރާނެއެވެ. ދީނަށް ފުރައްސާރަ ކުރުމުން އަދަބު ލިބުނު ވާހަކަ އެ ކުދިންނަށް އެނގެން ޖެހޭނެއެވެ. އަދި އެއީ ނުބައިކަން ބޮޑު ކުށެއްކަން އެކުދިންނަށް ދައްކަންވެސް އެބަ ޖެހެއެވެ. އެނޫންނަމަ ޝަހިންދާމެން އަޒުރާމެން ފަދަ މީހުން ކުރަނ ފެށި މަސައްކަތް ކާމިޔާބު ވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: