ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރު: އަނިޔާގެ ދުވަސްވީ ލަކުނުތަކާއި އެކު، ކުރިމަތި ފަރާތާއި ކަރުގައި ތާޒާ ލަކުނު ހުރި!

އިބްތިހާލްގައި ގައި އަނިޔާތަކުގެ ދުވަސްވީ ނިޝާންތަކާއި ތާޒާ ނިޝާންތައް ހުރި ކަމަށް ފުލުހަކު ހެކި ބަސް ދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަށިގަނޑުގައި ގިނަ ދުވަސްވީ ލަކުނުތަކެއް  ފެންނަން ހުރިއިރު، ކުރިމަތި ފަރާތާއި ކަރުގައި ހުރީ ތާޒާ ލަކުނުތައް ކަމަށް ފުލުހަކު ކޯޓުގައި ހެކިބަސް ދީފި އެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން  އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރު ކުރުމާއި އެކު އޭރު މުވައްސަސާތަކަކާއި ވުޒާރާތަކުން ވެރިން ބުނަމުން ދިޔައީ މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް އިބްތިހާލަށް ލިބެންޖެހޭ އިންސާފު ހޯދައިދޭނެކަމަށެވެ. އެގޮތުން މަސައްކަތް ބާރު ސްޕީޑެއްގައި ފެށި އިބްތިހާލްގެ ދޮން ކާފަ އިސްމާއިލް ރައޫފްގެ މައްޗަށް އަމިއްލަ ދަރިކަށާއި ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ވެސް އުފުލިއެވެ.

އިބްތިހާލަށް އާފިޔާ އިހުމާލު ވަމުން ދިޔަކަމުގެ އެތައް މައްސަލައެއް ހުށަހެޅުނު ނަމަވެސް ކަމާއި ބެހޭ އިދާރާއަކުން އޭގެ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިންގާފައި ނުވާތީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މައްޗަށްވެސް އިހުމާލުވީ ކަމުގެ ދައުވާ އުފުލުނެވެ. އެހެން ނަމަވެސް އެ ތުއްތު ކުއްޖާގެ މަރަށް ފަސް އަހަރު ވެގެންދިޔައިއިރު އިބްތިހާލު މަރާލިކަމަށް، އޭނާގެ މަންމަ އާފިޔާ އެއްބަސްވީ ޝަރީއަތުގެ މަޖިލީހުގައެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވެއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނީ އިބްތިހާލްގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި އޮތްއިރު އެތަނަށް ގޮސް އިބްތިހާލްގެ ހަށިގަނޑު ބެލުމަށް ފަހު ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓް ތައްޔާރުކުރި ފުލުހެކެވެ. އިބްތިހާލުގެ ހަށިގަނޑު ބެލިއިރު ދުވަސްވެފައިވާ އަނިޔާތަކުގެ ނިޝާންތައް ހުރިކަން ފުލުސް މީހާ ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް، އިބްތިހާލުގެ ކުރިމަތި ފަރާތަަށާއި، ކަރާއި ކަންފަތުގައި ހުރި ނިޝާންތަކަކީ އަނިޔާ ލިބުނުތާ މާގިނަ ވަގުތުތަކެއް ނުވާ ނިޝާންތަކެއް ކަމަށް އޭނާ ވަނީ ހެކި ބަސްދީފައެވެ. ދި މީހެއްގެ ނިޔަފަތީގެ ނިޝާންތަނެއްވެސް އިބްތިޙާލުގެ ކަރުގެ ދެ ފަރާތުގައި ފެންނަން ހުރި ކަމަށް، މިއަދުގެ ޝަރީޢަތުގައި ހެކިބަސް ދެމުން އޭނާ ބުންޏެވެ. ހެކި ބަސް ދިން ފުލުސް މީހާ ބުނީ ތަހުގީގުގެ ބޭނުމަށް އިބްތިހާލަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ނެގުމާއި އަދި އިތުރު ބައެއް ހެކިތައް ތަހުލީކަށް ނަގާފައިވާނެ ކަމަށެވެ.

ހެކި ބަސް ދިން ފުލުސް މީހާ އާއި ސުވާލު ކުރުމަށް ފުރުސަތު ދިނުމުން އާފިޔާ ބުނީ އެއްވެސް އެ ފުރުސަތެއް ބޭނުން ނުވާކަމަށާއި އޭނާގެ އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ތަހުގީގާއި ޝަރީއަތުގެ އެތައް އަޑުއެހުންތަކެއްގައި އޭނާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކޮށްފައި ނުވާނެކަމަށް ބުނެފަެވެ. އާފިޔާ ބުނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެއް ކަމަށް ގޮވާފައިވަނީ އަވަށްޓެރިން ކަމަށެވެ. އެގޮތުން ބައެއް އަވަށްޓެރިން ގޮވާފައިވަނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެކޭ ކަމަށް އާފިޔާ ޝަރީއަތުގައި ބުނެފައިވެއެވެ.

އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން މަންމަ އާފިޔާގެ ފަރާތުން އޭނާއަށް އަނިޔާތަކެއް ލިބެމުން ދިޔަ ކަން ޖެންޑާ މިނިސްޓްރީއަށް އެރަށުން ރިޕޯޓްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: