ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ވަކީލަކަށް ޑރ ޖަމީލް ބަލައި ނުގަނެ ތަހުގީގު ފަސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލާގައި އޭނާގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އައްޔަން ކުރެއްވުމުން ޖަމީލް ވަކީލެއްގެ ގޮތުގައި ބަލައި ނުގަންނަން ނިންމައި އާދަމް މުހައްމަދުގެ ތަހުގީގު ޖޭއެސްސީން ފަސްކޮށްފިއެވެ. 

މިއަދު ބޭއްވި ސުޕްރީމް ކޯޓޫގެ ފަނޑިޔާރުގެ ތަހުގީގުގައި ތަހުގީގު ކޮމިޓީެ ރިޔާސަތުގައި އިންނެވި އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އެހެންވެ ފަނޑިޔާރުގެ ދިފާއީ ވަކީލަކަށް ޖަމީލް ބަލައިނުގަންނަން ނިންމައި އެހެން ވަކީލަކު ހަމަޖައްސަން މާދަމާގެ ނިޔަލަށް ފުރުސަތު ދޭން ނިންމީ ކަމަށެވެ.

ހަމައެހެންމެ ޑރ ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއް ފަނޑިޔާރު އާދަމް މުހައްމަދު އިންނަވާ ބެންޗަކުން ބައްލަވަމުން ގެންދަވަނިކޮށް ފަނޑިޔާރު އާދަމް މުހައްމަދުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑރ ޖަމީލް ހަމަޖެއްސުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އާދަމް މުހައްމަދު ހިލާފްވުން ކަަމަށް ވެސް ޖޭއެސްސީގެ ނައިބް ރައީސް ވިދާޅުވިއެވެ. 

މަސްތޫރު ވިދާޅުވީ އާދަމް މުހައްމަދު މަސްލަހަތު ފުށުއަރާ ގޮތަށް އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑރ ޖަމީލް ހަމަޖެއްސެވި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅުމަށް ތަހުގީގު ކޮމެޓީން ނިންމާފައިވާ ކަމަށެވެ. 

ތަހުގީގު ކުރަމުންދާ އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައާއި ގުޅޭ ގޮތުން ތަހުގީގު ކޮމެޓީގެ ފަރާތުން މަސްތޫރު ވިދާޅޫވީ ގާނޫނީ ވަކީލަކު އައްޔަން ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުއަށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ދެވިއްޖެ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޑރ ޖަމީލްގެ މައްސަލަ ބެއްލެވުމުން ފަނޑިޔާރު އާދަމް މުހައްމަދު ތަނާޒުލްވެ ވަޑައިގެންފައިވާކަން ސުޕްރީމް ކޯޓުގެ ސިޓީއަކުން އަންގާފައިވާ ކަމަށާއި ނަމަވެސް މީގެކުރިން ވެސް މައްސަލަތަކުގައި ފުށުއަރާ ގޮތަށް އާދަމް މުހައްމަދު މަސައްކަތް ކޮށްފައިވާކަން ކޮމެޓީއަށް ގާބޫލު ކުރެވޭ ކަމަށް މަސްތޫރު ވިދާޅުވިއެވެ. 

ޖަމީލުގެ ބަދަލުގައި އެހެން ވަކީލަކު އައްޔަނުކުރަން އާދަމް އެދިވަޑައިގެންފައިވާތީ، އެ ފުރުސަތު ދިނުމަށްޓަކައި މާދަމާ މެންދުރު 12:30 ގައި އަޑުއެހުން ކުރިއަށް ގެންދިޔުމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މަސްތޫރު އިއުލާނު ކުރެއްވި އެވެ.

ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ. ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ “އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް” ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަލަނީ 15 މައްސަލައެއް ކަމަށްވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: