ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރަސީ ގެނެވުނީތީ ދިވެހިން ކަރުނައަޅާ ރޯން ޖެހޭ ދުވަސް ކައިރިވަނީހެއްޔެވެ؟

ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީ ތަކުގެ އެއްވުންތަކުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އާދޭހެވެ. ޤައުމެއްގެ ޙަޔާތުގައި އެ ގައުމަކަށް އަދި އެ ގައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަދި އުފަލަކީ އެ ޤައުމަކީ މިނިވަން ޤައުމަކަށް ވުމެވެ. ހަމައެއާއެކު، މިނިވަން ކަމާއެކު ދީނީ ޙިޔާލު ތަފާތުވުމެއް ނެތި އެއް ދީނަކަށް އުޅުމުގެ ފުރުސަތު ލިބުން ވާނީ ދުނިޔެ މަތީޯގައި ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަށެވެ. އެ ނިއުމަތުގެ މަތީގައި ދިވެހިން ދިރިއުޅެމުންދާތާ އެތައް ސަތޭކަ އަހަރުތަކެއް ވެއްޖެއެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރުގައި ރާއްޖެ އިސްލާމް ދީނުގެ މަތިވެރި ހިދާތަތް ލިބި އޭގެ ފަހުން އަދި އަދަށް ދާންވެސް މި ޤައުމަކީ އިސްލާމީ ޤައުމެކެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. ދިވެހި ރައްޔިތަކަށް ވުމަށް ވެވޭ އންމެ އަސާސީ ޝަރުތަކީ މުސްލިމަކު ކަމުގައިވުމެވެ.

އޭރުވެސް ދިވެހިން ޤައުމުގެ މިނިވަންކަން ގެއްލުވާލަން ތަފާތު އެކި ބަހަނާތަކުގައި މި ރާއްޖެއަށް ހަނގުރާމަވެރިން، ލުޓޭރުން އަރާފަިވެއެވެ. ބޮއްޔާ، ހިކިމަހާ ރޯނާ ހޯދުމަށް ކަމަށް ބުނެ ޕޯޗުގީޗުން ރާއްޖެއެރިއެވެ. އާހިރުގައި އެމީހުންގެ ނިޔަތްވެސް އެނގިގެން ދިޔައީ ރާއްޖެއިން އިސްލާމް ދީން ފުހެލުމަށް އެމީހުން ފެށި މަސައްކަތާއި ގުޅިގެންނެވެ. ދިވެހިންގެ ކަރަށް ރާ އެޅުމަށް އެމީހުން އުޅުނެވެ. ނަމަވެސް މުސްލިމް މި އުންމަތް ސަލާމަތް ކުރުމަށް އަތުކުރި އޮޅާލައިގެން ނިކުތް ވަރުގަދަ ފަހުލަވާނުން އައިސް ކާފިރުންގެ މަކަރުވެރިކަން ނައްތާލައި، އެމީހުން ބަލިކޮށް ރާއްޖެ މިނިވަން ކުރިއެވެ. 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

ބޮޑުތަކުރުފާނުމުގެ މަތިވެރި ޤައުމީ ޖިހާދު ހަނދާންކޮށް އެކަންކަމަށް ޝުކުރުވެރިވެ، އެކަންކަމުން އިބްރަތް ހާސިލުކުރުމަށް އަޅުގަނޑުމެން ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ކާފަރުވި ހަސަންމެން ފަދަ ޣައްދާރުން މި ޤައުމުން އިސްލާމް ދީން، ފޮހެލުމުގެ މަކަރުވެރި ރޭވުމުގައި އެތައް ފަހަރެއްގެ މަތިން މި ޤައުމަށް އެރިއެވެ. ނަމަވެސް ދިވެހިންގެ ދީނާއި އަގީދާއާ ކުޅެލެވޭނެ ހަމަ އެއްވެސް މަގެއް އެ ބަޔަކަށް ނުފެނުނު. އެމީހުންގެ މަކަރުވެރިކަމުގެ މައްޗަށް އަބަދުވެސް ނަސްރު ހޯދަމުން ދިޔައީ ދިވެހިންގެ އީމާންތެރިކަމެވެ.

ޤައުމީވަންތަ މުސްލުންތަކެއް ދިރިއުޅޭ މި ރާއްޖެއަށް އަތްގަދަ ކުރެވޭނޭ ގޮތްތައް ހޯދަމުން ދިޔަ މީހުން ފަހުން ފެށީ އެހެން މަސައްކަތެކެވެ. އެއީ ހަމަ އެކަނި ރާއްޖެއަށް އެމީހުން ފެށި މަސައްކަތެއް ނޫން. ހުޅަނގުގެ ޔަހޫދީން އަޑީގައި ތިނބެގެން ޑިމޮކްރަސީގެ ނަމުގައި މުޅި ދުނިޔޭގައި އެމީހުންގެ އެޖެންޑާ ދުއްވަން ފެށިއެވެ. އެ އެޖެންޑާގެ ފަހަތުގައި އޮތީ ކޮންކޮން ކަންތައްތަކެއްކަން މިހާރު މިދަނީ އެނގިފާޅުވަމުންނެވެ.

ޑިމޮކްރަސީ ރާއްޖެ ގެންނަން އެންމެ ފަސޭހަވި އެއް ސަބަބަކަށްވީ އޭރު ދިވެހިރާއްްޖޭގައި ގިނަ ދުވަހު އެކަކު ވެރިކަމުގައި ހުރުމެވެ. ޑިމޮކްރަސީ ހޯދުމަށް ފެށުނު ދަތުރުގައި ދިވެހިންގެ ތެރެއިން މެޖޯރިޓީ ރައްޔިތުން ބޭނުންވީ އެ ޑިމޮކްރަސީގެ ތެރޭގައި ދިވެހިންނަށް ފައިދާވާ އެތައް ކަމެއް ހުރުމާއެކު ޑިމްކޮރަސީއަށް އާއިކޭ ބުނުމަށެވެ. ޑިމޮކްރަސީއާއެކު ރާއްޖޭގެ ރައްޔިތުންނަށް އެތަކެއް ހައްގުތަކަކާއި މިނިވަންކަމެއް ކަށަވަރު ވެއްޖެއެވެ. އެތައް ލުއި ފަސޭހަތަކެއް ލިބިއްޖެއެވެ. ހުސްނުވާ އާސަންދައަކުން ބޭސްފަރުވާ ކުރެވޭނެ ގޮތް ވެއްޖެއެވެ. ފޮތް ލިސްޓު ހިލޭވެއްޖެއެވެ. އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވެ މިނޫންވެސް މިނިވަން ޤައުމެއްގެ ރައްޔިތަކަށް ލިބެން ހުރި އެތައްކަމެއް ކަށަވަރު ވެއްޖެއެވެ.

ޑިމޮކްރަސީ މި ނަމަކީ ބަޔަކު މީހުން ވަކި މަގުސަދެއްގައި މުޅި ދުނިޔޭގައި ހިނގަމުން އަންނަ ކަމެއްކަން މުޅި ދުނިޔެއަށް ބަލާލުމުންވެސް އެނގި ހާމަވާނޭއެވެ. ޑިމޮކްރަސީގެ އަދިރިފަރާތުގައި އޮތީ، މުޅިންވެސް ބިރުވެރިކަމެވެ. ނާމާންކަމާއި ހާސްކަމެވެ. ދީނީ މިނިވަންކަމުގެ ވާހަކައެވެ. އެއްޖިއްސުން ގުޅުން ހިނގަން ނުވަތަ އެލްޖީބީޓީކިއު ހުއްދަ ވާން ޖެހޭކަމަށެވެ.

ޤައުމީ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެންގެ ޤައުމުގައި މިއަދު މިއޮތީ މި ނާމާންކަމާއި ހާސަކަމެވެ. އެ ބިރުވެރިކަމެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ﷲއާއި ރަސޫލާއަށް ފުރައްސާރަކޮށް ޤުރުއާނުން ސާބިތުވާ ކަންކަމަށް ޖޯކު ޖެހުމަކީވެސް ޙައްޤެއް ކަމުގައި ދެކިގެން އުޅޭ ދިވެހިން މިދަނީ ފާޅުވަމުންނެވެ. އެމީހުން ބުނާ ގޮތުގައިި އެމީހުން ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު އެމީހުނަސް ލިބެން ޖެހެއެވެ. އެއްޖިއްސުން ކައިވެނި ކުރުމުގެ ހުއްދަވެސް އެމީހުންނަށް ލިބެން ޖެހެއެވެ. އެމީހުން ބުނާގޮތުން އިސްލާމް ދީނުގައި އޮންނަނީ އެމީހުންގެ މިނިވަންކަން ހިފަަހައްޓާފައެވެ. ސުބުޙާން ﷲ.

ހަމަ އެއާއެކު ދެން ފެނިގެން މި ދިޔައީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ ވާހަކައެވެ. އެ ރިޕޯޓު ނެރުނު ތާރީޚު އެކި މީހުނަށް އެކި ގޮތަށް ފެނުނަސް އަޅުގަނޑު ކަނބޮޑު ވަނީ އެ ރިޕޯޓާއިމެދުއެވެ. އެ ރިޕޯޓުގައި ލިޔެވިފައިވާ ކަންކަމަށެވެ. ޤައުމިއްޔަތުގެ އެންމެ މުހިންމު އަސާސްކަމުގައިވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ﷲއަާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމީ އުސޫލުތަކަށް ގޮންޖަހާ އެ ރިޕޯޓު ނެރުނު ބަޔަކު މިއަދުވެސް އެ ތިނބީ ހުޅަގުގެ ގައުމުތަކުގައި ހިނިއަރުވާށެވެ. ޓްވީޓުތަކުން ދިވެހި ރައްޔިތުންގެ ލޭ އިތުރަށް ކައްކަނީއެވެ. އެ ގައުމުތަކުން އެމީހުން ހިމާޔަތްކޮށްދޭނެއެވެ. ނަމަވެސް އެ ޖަމިއްޔާ ނިސްބަތް މިވަނީ ދިވެހި ޤައުމަށެެވެ. ދިވެހި ރައްޔިތުން ޤައުމީ ރޫހުގައި އެއް އަޑަކުން ގޮވަމުން ދަނީ އެމްޑީއެއް އުވާލުމަށެވެ. އެ ރިޕޯޓު ލިޔުނު މީހުނަށް ފިޔަވަޅު އެޅުމަށެވެ.

މުޙައްމަދު ތަކުރުފާނުގެ މަތިވެރި ޖިހާދު ފާހަގަކޮށް ގައުމީ ދުވަސް ފާހަގަކުރަމުން ދާއިރު، ގައުމިއްޔަތު ފެށިގެން އަންނަ އިސްލާމް ދީނުގެ ކަރާމަތާއި އިއްޒަތް ހިމާޔަތް ކުރުމަކީ ޤައުމިއްޔަތުގެ އެންމެ ބޮޑު ރުކުނެވެ. މި ޤައުމަށް ޑިމޮކްރަސީ ގެންނަން ތާޢީދު ކުރި ރައްޔިތުންނަކީ އިސްލާމް ދީނާއި ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރާނޭ ބައެއް ނޫނެވެ. އަދި އެ ޑިމޮކްރަސީއަށް ވޯޓު ދިން ރައްޔިތުން ވޯޓު ދިނީ އެމީހުނަނަށް ގެނެސްދިން ޑިމްކރަސީއަށެވެ. އެ ޑިމްކޮރަސީގެ އަނދިރި ފަރާތް އެނގޭނަމަ އެއްވެސް ރައްޔިތަކު އެޔަކަށް ބޯ ނުލަނބާނެކަން ޔަގީނެވެ.

ކުރުކޮށްލާނަމެވެ. ޑިމޮކްރަސީ ދިވެހި ޤައުމަށް ފައްކާވަމުން ދާ މި ދަނޑިވަޅުގައި ދިވެހި އެންމެހާ ރައްޔިތުންގެ ހިތުގައި މިކަމަށް މަސައްކަތް ކުރެވުނީތީ ހިތާމަ ކުރަން ޖެހޭ ވަރުގެ ލަކުނެއް ލުމުގެ ކުރިން މުޅި ދައުލަތުން މިކަންކަމަށް ފިޔަވަޅު އަޅަން އެބަ ޖެހެއެވެ. އެމްޑީއެން އުވާލަން އެބަ ޖެހެއެވެ. އެ ޖަމިއްޔާއަކީ ދިވެހޖ ޤައުމުގައި ޤާނޫނީ ހައިސިއްޔަތެއް ނެތްބަޔަކަށް ހަދަން އެބަ ޖެހެއެވެ.

ދީނަށް ފުރައްސާރަކުރުމަށް މި ރާއްޖޭގައި ޖާގަ ނެތްކަން ޢަމަލާއި ބަހުން ދައްކަން އެބަ ޖެހެއެވެ.. ލޮބުވެތި ނަބިއްޔާއަށް ފުރައްސާރަ ކުރުމަަށް މި ޤައުމުގައި ފުރުސަތު ނެތްކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޔަގީންކޮށްދޭން އެބަ ޖެހެއެވެ. އެހެން ނޫން ނަމަ ޑިމްކްރަސީ ގެނައުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުން ކައުނަ އަޅާ ރޯނެކަން ޔަޤީނެވެ. އެ ރައްޔިތުންގެ އަޑުއައްސަވާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: