ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނެ ތިން މިނިސްޓަރަކު ބޭރު ކުރަން އުޅޭކަމުގެ ތުހުމަތު!

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނެ ތިން މިނިސްޓަރަކު ބޭރު ކުރަން އުޅޭކަމުގެ ތުހުމަތު -- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތު އަޅުވާ މަގާމުން ދުރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކުރުމުން ބިޝާމް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ތަހްގީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ޝަރުޢީ ދާއިރާގައި މިހާރުވެސް ތިއްބެވި ބޭފުޅުންނާއި މިހާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބައިވެރިވުން އޮތްކަމަށް ވިދާޅުފެފައެވެ.

ބިޝާމްގެ ވާހަކައިގައި ވަނީ، ބިޝާމް ހާޒިރު ކުރި މާލިއްޔަތު ކޮމިޓީގައި ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.އެހެން ކަމުން ބިޝާމް ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރެވޭ މެމްބަރުން އެ ކޮމެޓީން ތަނާޒުލުވެ ވަޑައިގަތުމުގެ ކުރިން ތަހްގީގާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ދަތިފުޅުވާކަމަށް ހާމަ ކުރައްވާފައެވެ. އެހެން ނަމަވެސް ކޮމެޓީ ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހުށައެޅުވުމުން އެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔަޤޫބު އަބްދުﷲ ތާޢީދުކުރައްވައި، ކޮމެޓީގެ އެހެން މެމްބަރުންގެ ވޯޓާއެކު ކޮމެޓީ ސިއްރުކޮށް ނޫސްވެރިން ބޭރުކުރިއެވެ.

ދުވަސްތަަކަކަށްފަހު އަނެއްކާވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަތައް ދެކެވެން ފެށި، ބައެއް ފަރާތްތަކުން ވަނީ ދައުލަތުގެ އިސް މަގާމުގައި އާއި މަޖިލީސް މެމްބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިށް ކުރެވެން ފަށާފައެވެ. ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާގައި އެކަމަށް އިޝާރާތްތް ކުރައްވާ ތޯރިގް ވިދާޅުވީ ބައެއް މިނިސްޓަރުން އެމްއެމްޕީއަރުސީގެ ހިޔާނާތުގައި ހިމެނޭއިރު ބައެއް ބޭފުޅުންގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށްފަހު މަގާމުން ބޭރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މެންބަރު ތޯރިގު މިހެން ވިދާޅުވުމާއި އެކުމަޖިލީސް ހޫނުވެ، އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާތަކެއް ނަންގަވާ ތޯރިގުގެ ވާހަކަތަކަށް ހުރަސްއަޅާފައެވެ. ނިޒާމީ މައްސަލަތަކަށްފަހު ވެސް ވާހަކަ ކުރިޔަށް ގެންދަވާ ތޯރިގު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެއީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޒީރުކަމުން ދުރުކުރުން ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

“ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާ، ފިޝަރީޒް މިނިސްޓަރު ޒަހާއާ، ޔޫތު މިނިސްޓަރު މަހުލޫފް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ބޭރުކޮށްލާނެ ގޮތެއް ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަނީ. ބޭރުކޮށްލަން ވީނުތޯ.. ކީއްވެތޯ އިސްތިއުފާން ދޭން ނޭންގެނީ. ހަޑި ނަމެއް އަޅުވާފައި، އެމްއެމްޕީއާރުސީގެ ލިސްޓްގެ ތެރޭގައި މި ދެންނެވި ތިން މިނިސްޓަރުން ބޭރުކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރަމުން ގެންދަނީ. އެ ވެދާނެ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނަށް ނުވާތީ ކަމަށް.” ތޯރިގު ވިދާޅުވިއެވެ.

ތޯރިގު މިހެން ވިދާޅުވުމުން އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ވަނީ ތޯރިގަކީވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެންބަރެއް ކަމަށް ވިދާޅުވެ ތޯރިގު ދައްކަވަމުން ގެންދަވަނީ މަސްލަހަތު ހިމެނޭ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ޝަމީމް އެހެން ވިދާޅުވުމާއި އެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ވާހަކަތަކަށް ތާއީދުކުރައްވާ މަޖިލީހުގެ ރައީސް ވަނީ މަސްލަހަތު ހިމެނޭ ވާހަކަތައް ނުދެއްކެވުމަށް ތޯރިގަށް ދަންނަވާފައެވެ.

ނަމަވެސް ތޯރިގުގެ ވާހަކަ ހުއްޓާނުލައްވާ ކުރިއަށް ގެންދެވުމުން ތޯރިގުގެ މައިކްގެ އަޑު އަޑާލާ، ވަގުތުން އިށީންދެ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އެންގެވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގެ ތެރޭގައި ހިމެނޭ މެމްބަރުން ތިއްބެވުމުން މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ޕީޖީ އުޒުރުވެވަޑައިގެންނެވިއިރު މެމްބަރުންގެ ގޮތުގައި އެ ވަގުތު ތިއްބެވީ ކޮމެޓީގެ މުގައްރިރު މުޙައްމަދު ނާޝިޒް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. އެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެކެއް ޕޮއިންޓު ހައެއް ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ހާމަވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: