ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ސަމީރު، އޭސީސީއަށް ގުޅުއްވާ ނުފޫޒު ފޯރުވުމަށް މަަސައްކަތް ކުރި!

ނުފޫޒު ފޯރުވާ މޭރުމުން ސަމީރު ނުރުހުން ފާޅު ކުރެއްވިކަމަށް އޭސީސީން ބުނުން - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރަން އުޅުމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖޭޕީގެ މެމްބަރު އަހުމަދު ސަމީރު ގުޅުއްވައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާކަމަށް ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ވެސް ޝިއުނާ ވަނީ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް އެބައޮތްކަން ފާހަގަކުރައްވާ އޭސީސީގެ މައްޗަށް އެއްވެސް މީހަކަށް ގަދަވެނުގަނެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ޝިއުނާ ވިދާޅުވި ގޮތުގައި ނުފޫޒު ފޯރުވައިގެން އެ ކޮމިޝަން ލައްވައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ނުފޫޒު ފޯރުމަށް ކިރިޔާވެސް މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ވަގުތުން ހާމަކޮށް މީޑިއާތަކަށް ވެސް ދޭންޖެހޭ މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.

އޭސީސީގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމޮޓީން ވަނީ އާ ދައުރަކަށް ރައީސް އައްޔަން ކުރެއްވި ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް އަދި މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.

ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ނުފޫޒާއި ގުޅޭގޮތުން ކުރި ސުވާލަކަށް ވާހަކަ ދައްކަވަމުން ޝިއުނާ ވަނީ އޭނާ ކޮމިޝަނާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރަކު ގުޅުއްވި ކަމަށް ވިދާޅުވިއެވެ. އަދި އެއީ ސަމީރު ކަމަށާއި، ސަމީރު ފޯނު މެދުވެރިކޮށް ގުޅުއްވާ ވާހަކަ ދެއްކެވީ ވަރަށް ހިތްހަމަނުޖެހިވަޑައިގެން ކަމަށެވެ. ޝިއުނާ ވިދާޅުވީ، ސަމީރު ގުޅުއްވީ ސަމީރާ ގުޅުމެއް ނެތް ކަމެއްގައި ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ ވަކި ގޮތަކަށް ކަމެއް ކުރުވަންކަން ވާހަކަ ދެއްކެވި ގޮތުން އެނގި ވަޑައިގެންނެވި ކަމަށެވެ.

“ރައީސް އޮފީހުގެ މިނިސްޓަރަކު އެބޭފުޅާއާ ގުޅުން ނެތް ކަމެއްގައި އަޅުގަނޑަށް ގުޅާފައި ވާހަކަ ދެއްކެވި ގޮތުން އަޅުގަނޑަށް އެ ވަގުތު މާނަ ކުރެވުނު އަސްލުގައި އެ ވާހަކަ ދެއްކެވެނީ އަަޅުގަނޑު ލައްވައި ވަކި ގޮތަކަށް ކަމެއް ކުރަން ކަން. އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އަޅުގަނޑު ނަން ވެސް ބުނެލާނަން،” ޝިއުނާ ވިދާޅުވި އެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް އޭސީސީ ހާޒިރު ކުރުން – ފޮޓޯ: މަޖިލިސް

މައްސަލައާ ގުޅިގެން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ވެސް ކުރުވަފާނެ ކަމަށް ވިދާޅުވެ ސަމީރު ވާހަކަ ދެއްކެވި ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން އޭސީސީގެ އެހެން މެމްބަރުންނާ ވެސް އެ ވާހަކަ އެ ދުވަހު ހިއްސާކުރެއްވި ކަމަށް ޝިއުނާ ވިދާޅުވި އެވެ. ސަމީރު ހިތްހަމަނުޖެހުން ފާޅުކުރެއްވީ ކޮން މައްސަލައަކާ ގުޅިގެންތޯ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ، އެއީ ސްޓޭޓް މިނިސްޓަރަކާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތް ޝަކުވާއެއްގައި އެ ސްޓޭޓް މިނިސްޓަރު ކޮމިޝަނަށް ހާޒިރު ކުރާތީ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ސަމީރު ގުޅުއްވާފައި ވިދާޅުވީ “ސްޓޭޓް މިނިސްޓަރަކު އެގޮތަށް ހާޒިރު ކުރަން ހުތުރު” ކަމަށެވެ. އަދި އެއީ “ރައީސްގެ އަތްޕުޅުން ފަތްކޮޅު ލިބިވަޑައިގެންފައިވާ މިނިސްޓަރ އެއް” ކަމަށް ވިދާޅުވި ކަމަށެވެ. ޝިއުނާ ވިދާޅުވީ އޭސީސީއަށް އިންޒާރެއް ދިނުމުގެ ގޮތުން ސަމީރު ވިދާޅުވީ “ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުވާނަން” ކަމަށެވެ. އަދި އޭސީސީއަށް ދައުލަތުގެ ސްޓޭޓްެއެއް ހާޒިރު ކުރުމަށް އަންގާފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް އަަށް އެކަން އަންގަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ޝިއުނާ ވިދާޅުވީ ސަމީރު އޭނާއަށް ގުޅުއްވާ އީވާއަށް އެކަން އެންގުމުން ކޮމިޓީއަށް އޭސީސީގެ މެމްބަރުންނާއި އޭނާ ހާޒިރު ކުރާނެކަމަށް ވެސް ވިދާޅުވި ކަމަަށެވެ.

“ސްޓޭޓް މިނިސްޓަރަކާ ގުޅޭ ޝަކުވާއެއް ހުށަހެޅިގެން. ދެން އަޅުގަނޑުމެން އޭސީސީ އަށް ހާޒިރުވާން އެންގީމާ ހިތްހަމަ ނުޖެހިގެން އަސްލު މި އުޅެނީ. ދެން އަޅުގަނޑު ކައިރީގައި އެހެން ބުނެވިގެން ވެސް ނުވާނެ އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން” ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވަނީ، އޭނާ ކޮމިޓީއަށް ހާޒިރު ކުރާނެކަމަށް ބުނެ ސަމީރު ވާހާކަ ދެއްކެވުމަކީ ބިރު ދެއްކުން ކަމަށް ބެލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، ޝިއުނާ ވަނީ އޭނާއަށް ނުފޫޒު ފޯރުވަން މަސަައްކަތްކޮށް ކޮމިޓީއަށް ހާޒިރު ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެކަމަށް ދޭންޖެހޭ ޖަވާބުވެސް ކޮމިޓީގައި އޭނާ ދެއްވާނެ ކަމަށެވެ.

ސަމީރުގެ ފޯނުކޯލާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ، ސަމީރު ގުޅުއްވާފައިވަނީ ސްޓޭޓް މިނިސްޓަރާއި ސުވާލު ކުރުމަށް އޭސީސީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ގަޑި ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ. ނަމަވެސް، ކޮމިޝަނުން ސަމީރުގެ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ ސްޓޭޓް މިނިސްޓަރާއި ކުރަންޖެހޭ ސުވާލުތައްކޮށްފައިވާނެ ކަމަށެވެ.

އޭސީސީން ބުނެފައިވަނީ ސަމީރު ފޯނުކޮށްަފައިވަނީ ނުފޫޒު ފޯރުވަންކަމަށް- ފޮޓޯ: ޖޭޕީ

“ސަމީރު އަޅުގަނޑަށް ގުޅުއްވާފައި ކޮންސާން ރެއިޒް ކުރެއްވީ ދައުލަތުގެ ފަތްކޮޅު އެރުވި ބޭފުޅަކަށް މިއީ ހެއްޔޭ ކަން ކުރައްވަންވީ ގޮތަކީ؟ ސްޓޭޓް މިނިސްޓަރެއްގެ މައްްސަލައެއްގައި މިނިސްޓަރު އޭސީސީއަށް ހާޒިރު ކުރަން އުޅުމުން އެ ކަމާ ހިތްހަމަނުޖެހި ގުޅުއްވީ، އެކަމު އެއީ ގުޅުއްވަން ޖެހޭ ފަދަ މައްސަލައެއް ނޫން،” ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ ރައީސްއަށް ގުޅުއްވާ ސަމީރު ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރޮޒެއިނާ ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކޮމިޓީން ބަލާނެ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުުރުމަށްފަހު ދެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ.

“އެއީ ތިޔަ ކޮމިޝަން އުފެދިގެން މިހާ ޅަފަތުގައި ކޮމިޝަނާ ދިމާލަށް ތިޔަ ކަހަލަ ގޮތަކަށް އަމާޒުވެގެން ކަންކަން އައުމަކީ އަޅުގަނޑުމެންނަކަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަމުން މި ގެންދަނީ. އާ ކޮމިޝަނެއް އައުމާ އެކީގައި އަަޅުގަނޑުމެން މިތިބެނީ ވަރަށް ބޮޑަށް ހަމަ އުއްމީދު އާލާވެފައި ރާއްޖޭން ކޮރަޕްޝަން ހުއްޓުވުމުގައި ތިޔަ ބޭފުޅުންގެ ފަރާތުން ހަަމަ ނަމޫނާ މަސަައްކަތްތަކެއް ފެނިގެން ދާނެ ކަމަށް” ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވަނީ އެ މައްސަލަ ރައީސް އޮފީހާއި ވެސް ހިއްސާ ކުރައްވާނެ ކަން ފާހަގަކުރައްވާފައެވެ.

ކޮމިޝަންގެ ރައީސަކަށް ވެވަޑައިގެންނެވި ފަހުން ތަންތަނުގެ އިސް ފަރާތްތަކުން މެސެޖްތައް ލިބިވަޑައިގަންނަަވާ ކަމަށާއި ނަމްބަރު ހޯއްދަވަން ވެސް ބައެއް ބޭފުޅުން އުޅުއްވާ ކަމަށް އޭސީސީގެ ރައީސް ޝިއުނާ މިއަދު ވިދާޅުވި އެވެ. ނަމަވެސް ވަކި ގޮތަކަށް ކަމެއް ކުރުވަން ވާހަކަ ދައްކަވާ ނަމަ އެފަދަ ވާހަކަ ވަކިކުރަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝިއުނާ ވިދާޅުވީ މީހަކު ދައްކާ ވާހަކައަކުން އެ މީހަކު އެ ބޭނުންގެން އުޅެނީ ކޮން ކަމެއްކަން އޭނާއަށް ވަރަށް އަވަހަށް ސާފު ވާކަމަށެވެ. އަދި ނުފޫޒެއް ފޯރުވަން ދައްކާ ވާހަކައަކާއި އެހެން ގޮތަކަށް ދައްކާ ވާހަކައަކާއި ވަކި ކުރަންވެސް އެނގިވަޑައިގަންނަވާކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ކޮމިޝަނަށް އެއްވެސް ބޭފުޅަކު ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ފޯރުވަން އުޅެފިނަމަ އެ ކަމެއް ވެސް ހާމަ ކުރައްވާނެ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ކޮމިޓީއަށް ވެސް އެ މައުލޫމާތުތައް ހާމަ ކުރުމަށް ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭސީސީގެ ފަސް މެންބަރުންނަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށެވެ. ޝިއުނާ މިފަދައިން ވިދާޅުވިއިރު ނިމިގެން ދިޔަ އޭސީސީގެ ދައުރުގައި ތިބި އެ ކޮމިޝަނުގެ މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރުވި ކަމަށާއި އެކަމުގެ ސަބަބުން މިނިވަން ކަމާއި އެކުގައި އެ ކޮމިޝަނުގެ މެންބަރުން މަސައްކަތް ނުކުރައްވާ ކަމަށް ބުނެ ގިނަ ފަރާތްތަކުން ދިޔައީ ވާހަކަދައްކަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: