ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލަ އިސްތިއުނާފަށް، އަޑުއެހުން ސިއްރު!

ޒިޔާދާގެ ފިރިމީހާއަށް ކުރި ހަތަރު ދައުވާ ވެސް ސާބިތެއް ނުވޭ: ފޮޓޯ- ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޑިސެމްބަރު 28، 2015 ގައި މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ފިރިމީހާ، އެ ރަށު ޖަވާހިރުމާގޭ ހުޅަނގުބައި، އިބްރާހީމް ޝާހުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްފައިވާއިރު، ޒިޔާދާގެ މަރާ ގުޅޭ ޝަރީއަތް ސިއްރު ކުރުމަށް މިއަދު ހައިކޯޓުން ނިންމައިފި އެވެ. އެގޮތަށް ނިންމީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އެދުމުގެ މަތިންނެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ދައުލަތުން އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ޒިޔާދާގެ މަރުގެ މައްސަލަ ތިން އަހަރެއްހާ ދުވަސް ވަންދެން ހިންގި ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޝާހުގެ މައްޗަށް އެއްވެސްކަމެއް ސާބިތެއް ނުވާކަމަށެވެ.

މީގެ ތިން އަހަރު ކުރިން، ޝާހު ޒިޔާދާއަށް އެކި ފަހަރު މަތީން ކުރި އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެއް މައްސަލައަށެވެ. ލިބުނު އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވުމާ އެކު، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު އަޑުތައް އޭރު އަނެއްކާ ވެސް ގަދަވެގެންދިޔައެވެ. ފިރި މީހާގެ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އޭޕްރިލް މަހުއެވެ.

އިސްތިއުނާފުގެ އަޑުއެހުންތައް އާދީއްތަ ދުވަހަށް ހައި ކޯޓުގައި ތާވަލު ކޮށްފައިވާއިރު، ޕީޖީ އޮފީހުން އެ އަޑުއެހުމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ އެދުމުގެ މަތިން ޒިޔާދާގެ މައްސަލަ ކްރިމިނަލް ކޯޓުގައި އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންގޮސްފައި ވަނީ ޒިޔާދާގެ ދިރިއުޅުމާގުޅޭ ވަރަށް ޒާތީ މައުލޫމާލުތަކެއް ހިމެނުމުގެ އިތުރުން އޭނާގެ ތިން ކުދިންގެ މަސްލަހަތައް ރިއާއަތްކޮށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އަމަލު ކޮށްފައިވާ އުސޫލުން، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވެސް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންގޮސްދިނުމަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިޔަށް ގެންދެވޭނެެއެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ. އެކަމަކު ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ ޝާހުގެ މައްޗަށް އުފުލާފައިވަނީ 03 ޑިސެމްބަރު 2015 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒިޔާދާ ޝާހުގެ ގެއަށް ގެންގޮސް، ޒިޔާދާގެ ރުހުމާ ނުލައި، ޒިޔާދާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ޒިޔާދާ ރޭޕްކޮށްފައިވާތީ ކަމަށެވެ. ޕީޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝާހުގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއްކުރުމާއި، މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޒިޔާދާގެ ނުރުހުމުގައި، ޒިޔާދާއާމެދު ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ޒިޔާދާގެ ބޮލަށާއި، ހަށިގަނޑުގެ އެކިތަންތަނަށް ދިން އަނިޔާތަކުގެސަބަބުން، ޒިޔާދާގެ ހާލަތު ގޯސްވަމުން ގޮސް، ޒިޔާދާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާތީއެވެ.

ޒިޔާދާ މަރުވި ސަބަބަކީ ސިކުނޑިއަށް ލޭއެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓްގައި ބަޔާންކޮށްފައި އޮތްއިރު، ޒިޔާދާގެ ބޮލަށް ލިބިފައިހުރި އަނިޔާއަކީ ޒިޔާދާ މަރުވުގެ ހަތަރު ހަފްތާ ކުރިން ލިބިފައިހުރި އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް އެކަމާ ގުޅިގެން ޚަބީރަކު ހެކިބަސް އަދާކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާއަކީ ޝާހުގެ ފަރާތުން ކުށުގެ ހާދިސާ ހިނގި ދުވަހު ލިބުނު އަނިޔާއެއް ކަމާއި، ޒިޔާދާގެ ސިކުނޑިއަށް ލޭ އެޅުނީ އެ އަނިޔާގެ ސަބަބުންކަން އެކަށީގެންވާ ޝައްކެއް ނެތި ކަށަވަރުވާ ހެކި ގަރީނާ ހުށަހެޅުނު ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ޕީޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކުށުގެ ހާދިސާ ހިނގިއިރު، ޒިޔާދާ އާއި ޝާހު ވަކިން ދިރިއުޅުން މަސްލަހަތަށްޓަކައިކަމާއި، ދެ މީހުންގެ ދެމެދުގައި ވަކިން ދިރިއުޅުމަށް އިމްޕްލައިޑް އެއްބަސްވުމެއް އޮތްކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި، ޝާހު އެޖަރީމާ ހިންގީ ޒިޔާދާގެ ރުހުން ނެތްކަން އެނގިހުރެ، ޒިޔާދާގެ ނަފްސަށް ނުވަތަ ޖިސްމަށް ބޮޑު އަނިޔާއެއް ދިނުމުގެ ނިޔަތުގައިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށްވެސް ޝަރީއަތުން ރިއާޔަތްކުރައްވާފައިވާކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. ޝާހުގެ މައްޗަށް ކުށް ސާބިތުނުވުމާ އެކު ގިނަ ފާޑުކިޔުންތަކެއް އޭރު އަމާޒުވި. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު ބުނެފައި ވަނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: