ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޔާ ބިލްތައް ދައްކާލަ ދައްކާލަ ތިބެންވީތަ ހަމަ؟

ތޮއްޖެހިފައިވާ މާލެ ސިޓީ... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުދި ޖަޒީރާ ރައްތަކުގެ ހިތްގައިމު ފަސޭހަ ދިރިއުޅުން ދޫކޮށްލާފައި މާލެ އަންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަމިއްލަ ރަށުގައި އަމައްލަ ގޭގައި، އާއިލާއާއިއެކު ދިރިއުޅުމަކީ ލިބޭނެ އުފަލެކެވެ. ތަނަވަސް ބޮޑު ގޯތީގައި އަރާމު ދިރުއުޅުމެއް އުޅުމަކީ އެއީ ކޮންމެ މީހެއްގެވެސް ހުވަފެނެވެ. އެކުގައި އުޅޭ ރައްޓެހިންނާއެކު ގަސްދޮށުގައި ހުންނަ ޖޯލިފަތިތަކުގައި ވާހަކަދައްކާލަން ތިބުމަކީ ހިތަށް ލިބިގެންދާނެ ހިތްހަމަ ޖެހުމެކެވެ. ހަވީރު ގަޑީގައި ނަލަ ހެދިލައިގެން ރަށުތެރޭގާހިނގާލަން ގޮސް އުޅުނު ހަނދާން ނެތޭނީ ކިހިނެއްތޯއެވެ؟ ބަންދު ދުވަހެއް އައިއްސިއްޔާ ހިސާބުގަނޑު އެންމެން ކައްކައިގެން ދަތުރުދާއިރު އާއިލާ މީހުން ނޫނަސް އެފަދަ ގާތް ގުޅުމެއް އޮންނަނީ އުފެދިފައެވެ. ނަމަވެސް މިހުރިހާކަމެއް ދޫކޮށް މާލެ އަންނަން ޖެހޭ ހިސާބަށް ޖެހިލާނަަމެވެ.

ކުޑަ އިރުގެ އެ ހަނދާންތަށް ރަށަށް ދޫކޮށްލުމަށްފަހު، އެބުނާ “ރާއްޖެތެރޭ” މީހާ މާލެ އައުމަށް މަޖުބޫރުވަނީ ގިނަ ސަބަބުތަކާއި ހުރެއެވެ. އެންމެ އަސާސީ ބޭނުންތަށް ފުއްދުމަށް ޒަމާނުއްސުރެ މާލެ އައުމަށް ވަނީ މަޖުބޫރުވެފައެވެ. ބޭސްފަރުވާ އާއި ތައުލީމު އުނގެނުމަށެވެ. އަނބިދަރިންނަށް ކާން ދިނުމަށް ވަޒީފާއެއް އަދާ ކުރުމަށްޓަކައެވެ

ތައުލީމު ޙާސިލް ކުރަން މާލެއައިސް ނުވެސް ދަންނަ ބައެއްގެ ތެރޭގައި އުޅޭމީހުންވެސް އެބައުޅެވެ. ކުދިން ބަހައްޓާ ގެއެއްގައި 3000 ރުފިޔާ ދީގެން ކުދިން އެބައުޅެއެވެ. ލޯބިވާ މަންމަ އާއި ބައްޕައާއި އާއިލާ މީހުން ދުރުގައި އެކަނި ދިރިއުޅޭ ކުދިން މަދެއް ނޫނެވެ. މާލެ އައިސް 6 ފޫޓޫ 6 ފޫޓު ކޮޓަރީގައި ދިރިއުޅޭ މީހުންވެސް މަދެއް ނޫނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައަދަދަކަށް މާލެއަށް މީހުން އަންނަނީ ތައުލީމު ޙާސިލް ކުރާށެވެ. ސުވާލަކީ މެމްބަރުން އެ ވިދާޅުވާ “ރާއްޖެތެރޭގައި” އެ ފުރުސަތު ކުދިންނަށް ނެތީތޯއެވެ؟ ނުވަތަ އެ ފުރުސަތު ފަހިކޮށް ނުދެނީތޯއެވެ. ކިޔަވަން ބަލާއިރު އާބާދީ ބޮޑު ރަށްރަށުގައި، މިސާލަކަށް އައްޑޫ ސިޓީ ފުވަމުލަށް، ލ.ގަން، ގދ. ތިނަދޫގައި ސާނަވީ ތައުލީމު މާލެއެކޭ އެއް ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މަތީ ތައުލީމު ޙާސިމް ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އެމްއެންޔޫއާއި އެކި އެކި ކޮލެޖުތަކުގެ ބްރާންޗްތަށް އެ ރަށްރަށުގައި އެބަހުއްޓެވެ. އަދި އެތަންތަނުގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންވެސް މަދެއް ނޫނެވެ. ނަމަވެސް އަދިވެސް އަތޮޅުތެރޭގައި ގްރޭޑް 7ގެ ފެންވަރާ ހަމައަށް ކިޔަވައިދޭ ރަށްރަށް އެބަހުއްޓެވެ. ސިޓީތަކުންނާއި ރަށްރަށުން މާލެ އަންނަނީ އެ ޔުނިވާސިޓީތަކުން އެންމެ ބޭނުންވާ ފެންވަރަށް ތައުލީމު ހާސިލް ނުކުރެވޭތީއެވެ. ރަށްރަށުގައި ގާއިމް ކޮށްފައިވާ ޔުނިވާސިޓީގެ ގޮފިތަކުގައި މާލެއާއި އެއްފެންވަރެއްގެ ވަސީލަތްތައް ގާއިމް ކޮށްފައި ނުވާތީއެވެ. މިއީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ހަމަހަގީގަތެވެ.

މާލެ އަންނަނީ ވީހާލެއްގެ ވާން ކޮންމެ ގޮތެއް ހެޔޮ ކަމަށް ހިތަށް އަރުވައިގެން ތައުލީމު ހާސިލް ކުރުމަށެވެ. ދަރިންނަށް އާއިލާއަށް ފަހި މުސްތަގުބަލެއް ހޯދުމަށެވެ. މައްސަލައެއް ނެތެވެ. ދެން އެހެންވީރު ކިޔަވައި ނިމުމަށްފަހު އެނބުރި ރަށަށް ނުދަނީ ކީއްެގެންތޯ ހިތަށް އެރިއެވެ. މިއީ އަޅުގަނޑުވެސް އަމިއްލަ ހިތާކޮށްލި ސުވާލެކެވެ. މާލެއަށް އައީ ތައުލީމު ހާސިލްކުރަން ކަމަށްވާއިރު ކިޔަވާ ނިމުމުނު އިރުވެސް އަދިވެސް މިއުޅެނީ މާލޭގައެވެ. ވަޒީފާވެސް މާލެގައެވެ. ތެދެކެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅާ ހަމައަށް ދާންދެންވެސް އުގެނެންވާނެއެވެ. ހޯދުނު ތައުލީމެއް ހޯދަން ވާނެއެވެ. ނަމަވެސް އޭގެ މާނަ އަކީ އެކަން ހާސިލް ކުރުމަށްޓަކައި މާލޭގައި ވަޒަންވެރިވެގެން އުޅެންވީތޯއެވެ؟ އަމިއްލަ ރަށުގައި އަމިއްލަ ފަސްގަނޑުގައި އެ ފުރުސަތު ނޯންނަންވީ ކީއްވެތޯ؟ މި ސުވާލުތަށް އަޅުގަނޑު ރަޙުމަތްތެރިޔަކާވެސް ކުރިމަތިކޮށްލީމެވެ. ޖަވާބު ދޭކަށް އޭނާ ސިކުންތުކޮޅެއް ވެސް ނުނަގައެވެ. “ރަށަށް ގޮސްގެން ވަކި ކީއްކުރާނީ؟” މިއީވެސް ބޮޑު ސުވާލެކެވެ. އޭނާ ބުނި ގޮތުގައި ރަށަށް ގޮސް އަދާކުރާނެ ވަޒީފާއެއް ނެތެވެ. ރަށަށް ގޮސްގެން ކުރިމަގެއް ފެންނާކަށް ނެތެވެ. ކުރިމަގު ހޯދޭނެ ގޮތެއް ވެސް ނެތެވެ.

އެހިސާބުން އަޅުގަނޑު ދެން ހާވާލީ ސަރުކާރުގެ ގެޒެޓެވެ. މާލެއަށްވުރެ އަތޮޅުތެރޭގައި ވަޒީފާގެ ފުރުސަތުތަށް ގިނައެވެ. ރަށް ރަށުގެ އޮފީސްތަކުގައާއި ކައުންސިލް އިދާރާތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ބްރާންޗް ތަކުގައި ވަޒީފާގެ ފުރުސަތުތަށް ބައިވަރެވެ. ސިޓީތަކުގައި އެތަށް ވިޔަފާރިތަކެއް ފުޅާވެގެން އަންނައިރު ޒުވާނުންނަށް އެތަށް ފުރުސަތުތަކެއްގެ ދޮރު ވަނީ ހުޅުވިފައެވެ. ޒުވާނުންގެ އެންމެ ބޮޑު ހިިއްސާއެއް އޮންނަ ޓުއަރިޒަމް ދާއިރާ ކުރިއަރާ ލޯކަލް ޓުއަރިޒަމް އަތޮޅުތެރެއަށް ފުޅާވެގެން އަންނައިރު މިހާރުވެސް އެތަށް ޒުވާނުންނެއް އަމިއްލަ ރަށުގައި ކުދި ވިޔަފާރިތަށް ކުރަމުން އެބަ އާދެއެވެ. މިހެން ބުނާއިރު މިފަދަ ކަމެއް ފެށުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަމަ ހުރެލާފައި ވަޒީފާއެއްވެސް ނުލިބޭނެއެވެ. އަދި ވިޔަފާރިއެއްވެސް ނުފެށޭނެއެވެ. ނަމަވެސް މި ބޮޑު މާލޭގައި އެކަން ކުރުމަށް ރަށްރަށުގައި މަސައްކަތް ފެށުން މާ ބުއްދިވެރިއެވެ.

ރަށްރަށުންވެސް އެއްޗެހި ގެންނަނީ މާލެއިންނެވެ. އެހެން ވީމާ އެ ތަކެތި ރަށުން ލިބޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދޭ މީހާއަކީ ތިމާ ކަމުގައި ވާންވީނޫންތޯއެވެ؟ އަދި މާލެއިން ވަޒީފާއެއް ހޯދުމުގެ ބަދަލުގައި ތިމާ އަމިއްލަ ރަށަށް ޚިދުމަތް ކޮށްދިނުމަށް މަސައްކަތް ފަށަމާތޯއެވެ؟ ވަޒީފާއަށް ގޮސްގެން ލިބޭ މަދު ލާރިކޮޅު ކުއްޔަށާއި ބިލުތަކަށް ތަޅާ ހުސްކުރަން މާލޭގައި ތިބެން ވީތޯއެވެ؟ ފުރުސަތު ލިބޭނީ ފުރުސަތެއް ހޯދީމައެވެ. އޭރުން ހަމަ ގައިމުވެސް މާލެ މީހާއާއި ރާއްޖެތެރެ މީހާގެ ޒުވާބަށް ނިމުމެއް އައުންވެސް ގާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: