ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަކަރުވެރި އަންދާޒެއްގައި ވާހަކަ ދައްކަވާ، ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމަކަށް ރައީސް ނަޝީދު ހަދައިފި”

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އިސްލާމިކް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި މަގާމުތަކުގައި އަނބުރާހޭރިޔާ ކޮށްގެން ހީލަތްތެރި، މަކަރުވެރި އަންދާޒެއްގައި އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއްކަމުގައި ދައްކާކަމަށް، ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އިސްލާމިކް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް ހުށައަޅައިފި އެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާފައި ވަނީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުންނެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޮއި ކުރައްވާ އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާފައިވާ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓް ދިފާއުކޮށް ރައީސް ނަޝީދު ތަކުރާރުކޮށް އެކި ޕްލެޓްފޯމުތަކުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.

“… ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، ގ. ކެނެރީގޭ މުހައްމަދު ނަޝީދު، ތަފާތު އެކި މަގާމުތަކުގައި އަނބުރާ ހޭރިޔާ ކޮށްގެން ހީލަތްތެރި، މަކަރުވެރި އަންދާޒެއްގައި އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއްކަމުގައި ދައްކާ، މި ދިވެހި އިސްލާމީ މުޖްތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިދާ ފަދައިން ވާހަކަ ދައްކަމުންދާތީ އެކަން ހުއްޓުވައި ދެއްވައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ދެއްވުމަށް އެދި ހުށައަޅަމެވެ. ފަހެ ގާނޫނުގެ ކުރީމަތީގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުމަކީ އަނިޔާވެރިކަމެވެ” ސަލަފްގެ ސިޓީގައި ވެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މޭރުމަކުން ރިޕޯޓު ގެނެވިފައި ވަނީ “އިނގިރޭސި ބަހުން ލިޔަން” އުޅެން ހަދައިގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެއީ ގިނަ ދުވެހު “ބޭރުގެ ޔުނިވާސިޓީތަކުން” ތައުލީމް ޙާސިލް ކުރުމުން ވާ ގޮތެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ “ޞަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ” އިގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

ނަމަވެސް އެ ވާހަކައަށް އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން ރައީސް ނަޝީދު ޓްވީޓެއް ކުރައްވާ ވިދާޅުވީ އެމްޑީއެންއާ މެދުވެސް އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާމެދު ވެސް އަދި ގޮތް ނޭންގޭ މަރުތަކާއި ގުޅުންހުރި މީހުންނާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެއަށްފަހު އަނެއްކާވެސް އޭގެ އެއް ދުވަސް ފަހުން އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވާ ފޮޓޯގައި ހިއްސާކޮށް ްޓްވީޓެއް ކުރިއެވެ. “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓުގެ ބޭރު ގަނޑުގައި، ވަނީ ފެއްސާ، ރަތާ އަދި ހުދު ހިމެނޭ ދިވެހިރާއްޖޭގެ ގައުމީ ދިދާގައި ނުބައި ފާހަގައެއް ލައި އަދި ކަޅު ކުލައިގެ ދިދައެއްގައި ރަނގަޅު ފާހަގައެކެވެ. އެ ފޮޓޯއާއެކު ނަޝީދު ޓްވީޓެއް ކުރައްވާ ވިދާޅުވީ “މި މަންޒަރަށް، މި ތަސައްވުރަށް، މި ވިސްނުމަށް އެއްގޮތަކަށް ވެސް ޖާގަ ދެވިގެން ނުވާނެ،” ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މަދު ބަޔަކު އިސްލާމް ދީނަށް ލޯބި ކުުރުމުގެ ނަމުގައި ވިއްކަނީ މި ވިސްނުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓަށް ފަހު މުޅި ރާއްޖެ ހޫނުވެފައިވާއިރު ރައީސް ނަޝީދު ވަނީ އެ ރިޕޯޓާ ގުޅުވައި ތަފާތު ގިނަ ވާހަކަތައް އެކި މާނައިގައި ދައްކަވާފަ އެވެ.

ރިޕޯޓު މައްސަލައިގައި، ޖަމިއްޔާ ސަސްޕެންޑު ކުރުމުން ބަޔާނެއް ނެރެ، ވެރިކަން ކުރާ މައި ޕާޓީން ރައީސް ނަޝީދާއި ޕާޓީގެ ލީޑާޝިޕް އަދި މަޖިލީސް މެމްބަރުން ހިމެނޭހެން ބައްދަލުވުމެއް ބާއްވާ މަޝްވަރަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ، އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރުމާއެކު ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހުއްޓުވާން ޖެހޭ ކަމަށާ ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ މަސައްކަޔް ބަލައި ނުގަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް “އިސްރާ އާއި މިއުރާޒު” ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: